18 ފެބުރުއަރީ 2021 - 11:54

ބްރެސަލްސް (ފެބްރުއަރީ 18) - އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ކޮރޯނާވައިރަހުގެ ވެކްސިންގެ އިތުރު 300 މިލިއަން ޑޯޒް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގަނެފި އެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަ ލެޔެން ވިދާޅުވީ ވައިރަހުގެ އިތުރު ވޭރިއަންޓްތައް އުޅޭތީ އަބަދުވެސް ސަމާލުވެ ތިބެން ޖެހޭ ކަމަށާއި އެކަމަށްޓަކައި ވެކްސިންގެ އަޕްގްރޭޓް ޑޯޒްތައް ހޯދަން ޖެހޭ ކަމަށެވެ.
އީޔޫ އިން އަމާޒުކޮށްފައި ވަނީ ސެޕްޓެމްބަރު މަހު މެދަކާހަމައަށް ދާއިރު ބޮޑެތި މީހުންގެ އާބާދީގެ 70 ޕަސެންޓަށް ވެކްސިން ދިނުމަށެވެ.
އީޔޫއިން ހުއްދަ ދީފައިވާ ތިން ވެކްސިންގެ 2.6 ބިލިއަން ޑޯޒް މިހާރު ވަނީ ކޮމިޝަނުން ހޯދައިފަ އެވެ. ހިސާބުގެ ގޮތުން ބަލާއިރު އެއީ ޔޫރަޕުގެ 450 މިލިއަން މީހުންގެ އާބާދީ އަށް ދެ ޑޯޒް ދީފައި ވެސް އިތުރު އަދަދެކެވެ. އީޔޫ އިން ނިންމާފައި ވަނީ ވެކްސިންގެ އިތުރުވާ ބައި އަވަށްޓެރި ގައުމުތަކަށް ދިނުމަށެވެ.
މޮޑާނާ އެކު އީޔޫ އިން ހެދި އެއްބަސްވުމުގައި ވަނީ މި އަހަރުގެ ފަހުކޮޅު 150 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ. އަދި އަނެއް 150 މިލިއަން ޑޯޒް އަންނަ އަހަރު ދޭ ގޮތަށެވެ.
ޔޫރަޕުގެ 27 ގައުމަށް ވެކްސިން ލިބުމުގައި ދަތިވެފައި ވަނީ އޮކްސްފޯޑް/އެސްޓްރެޒެނެކާ އިން އެއްބަސްވެފައިވާ ގޮތަށް ވެކްސިން ސަޕްލައި ނުކުރެވުމުންނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޔޫރަޕަށް ފޯރުކޮށްދޭން އެސްޓްރަޒެނެކާ އިން ބުނި 100 މިލިއަން ޑޯޒުގެ ތެރޭން ދެވޭނެ ކަމަށް ބެލެވެނީ 25-40 ޕަސެންޓެވެ.
އީޔޫ އިން މިހާތަނަށް ހުއްދަދީފައި ވަނީ އެސްޓްރަޒެނެކާ، ފައިޒާ އަދި މޮޑާނާގެ ވެކްސިނަށެވެ. ޖޯންސަން އެންޑް ޖޯންސަން، ކިޔޯވެކް އަދި ނޮވާވެކްސް އަށް ވެސް ހުއްދަ ދިނުމަށް ދަނީ ވިސްނަމުންނެވެ.
ހުއްދަދީފައިވާ ވެކްސިންގެ 33 މިލިއަން ޑޯޒް ޔޫރަޕުގެ ގައުމުތަކަށް މިހާރު ފޮނުވާފައިވާ ކަމަށް ކޮމިޝަންގެ ރައީސް ވޮން ޑަ ލެޔެން ވިދާޅުވި އެވެ. އީޔޫގެ ގައުމުތަކުގެ 22 މިލިއަން މީހުން މިހާތަނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ. ދެ ވަނަ ޑޯޒް ވަނީ ހަތް މިލިއަން މީހުން ޖަހައިފަ އެވެ.