އިމާރާތް ކުރުމުގެ ވިޔަފާރިން އެންމެ ބާރުގަދަ ގައުމުގެ އެންމެ މަތީ މަގާމަށް
އިމާރާތް ކުރުމުގެ ވިޔަފާރިން އެންމެ ބާރުގަދަ ގައުމުގެ އެންމެ މަތީ މަގާމަށް

އެމެރިކާގެ ރައީސްކަމަށް ކުރިމަތިލެއްވުމުގެ ކުރިން ވެސް ޑޮނަލްޑް ޓްރަމްޕަކީ ވަރަށް މަޝްހޫރު ސަޚުސިއްޔަތެކެވެ. އޭނާ އަކީ އެމެރިކާގައި އެންމެ މަަޝްހޫރު އެއް ބިލިއަނަރެވެ. އެކަމަކު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލެއްވި ހިސާބުން ފެށިގެން ވެސް ޓްރަމްޕަށް ވެރިކަމާ ހަމައަށް އާދެވިދާނެކަމާ މެދު ގިނަ ބައެއްގެ ހިތުގައި އޮތީ ޝައްކު އުފެދިފަ އެވެ. ނަމަވެސް ވިޔަފާރީގައި ކާމިޔާބު ހޯއްދެވި ގޮތަށް އުމުރުން 70 އަހަރުގެ ޓްރަމްޕް މިހާރު އެވަނީ ދުވަހަކު ވެސް ސަރުކާރުގެ މަގާމެއް އަދާ ނުކުރައްވާ ވެރިކަމަށް ވަޑައިގެންފަ އެވެ.

އިމާރާތް ކުރުމުގެ ވިޔަފާރިން އެންމެ ބާރުގަދަ ގައުމުގެ އެންމެ މަތީ މަގާމަށް
އިމާރާތް ކުރުމުގެ ވިޔަފާރިން އެންމެ ބާރުގަދަ ގައުމުގެ އެންމެ މަތީ މަގާމަށް

ޓްރަމްޕަކީ ނިއު ޔޯކުގައި އިމާރާތް ކުރުމުގެ ވިޔަފާރިކުރި މަހުޖަނެއް ކަމަށްވާ ފްރެޑް ޓްރަމްޕުގެ ހަތަރު ވަނަ ދަރިފުޅެެވެ. މުއްސަނދި އާއިލާ އަކަށް އުފަންވި ނަމަވެސް ޓްރަމްޕް އުޅުއްވީ ބައްޕަގެ ކުންފުނީގެ ވަރަށް އާދައިގެ ވަޒީފާތަކުގަ އެވެ. ސްކޫލުގައި ލާނެތްކޮށް އުޅުއްވަން ފެއްޓެވުމުން އުމުރުން 13 އަހަރުގައި އަސްކަރީ އެކަޑަމީއަކަށް ބަދަލު ކުރެއްވި އެވެ. ޕެންސިލްވޭނިއާ ޔުނިވާސިޓީގެ ވާޓްސަން ސްކޫލުން އިކޮނޮމިކްސް އިން ޑިގްރީ ހާސިލް ކުރެއްވުމާ އެކު ބައްޕަގެ ވިޔަފާރީގައި އިސްކޮށް އުޅުއްވުމުގެ ފުރުސަތު ޓްރަމްޕަށް ލިބިވަޑައިގެންނެވި އެވެ. އެއީ ދޮށްޓަށް ހުރި ބޭބެ ޕައިލެޓަކަށްވުމުންނެވެ. ނަމަވެސް އެ ބޭބެ ވަނީ އުމުރުން 43 އަހަރުގައި ބަނގުރަލުގެ މަސްތުގައި އަވަހާރަވެފަ އެވެ.

އިމާރާތް ކުރުމުގެ ވިޔަފާރިން އެންމެ ބާރުގަދަ ގައުމުގެ އެންމެ މަތީ މަގާމަށް
އިމާރާތް ކުރުމުގެ ވިޔަފާރިން އެންމެ ބާރުގަދަ ގައުމުގެ އެންމެ މަތީ މަގާމަށް

ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި ވިޔަފާރީގައި އެންމެ އުހަށް ވަޑައިގެންނެވުނީ ބައްޕަ އަތުން 1968 ވަނަ އަހަރު ނެންގެވި އެއް މިލިއަން ޑޮލަރުގެ ލޯނަކާ އެކު އެވެ. ވިޔަފާރިއާ ހަވާލުވުމަށް ފަހު ޓްރަމްޕް ވަނީ 1971 ވަނަ އަހަރު ކުންފުނީގެ ނަން ޓްރަމްޕް އޮގަނައިޒޭޝަނަށް ބަދަލު ކުރައްވައިފަ އެވެ. ޓްރަމްޕުގެ ބައްޕަ ވަނީ 1999 ވަނަ އަހަރު އަވަހާރަވެފަ އެވެ. ބައްޕަ އަވަހާރަވި އިރު ކުންފުނީގައި ހުރި ކަމަށް ބެލެވޭ 250-300 މިލިއަން ޑޮލަރު އާއިލާގެ ފަސް މެންބަރުންނަށް، ޓްރަމްޕް ވެސް ހިމެނޭ ގޮތަށް ވަނީ ބަހާލައިފަ އެވެ.

އިމާރާތް ކުރުމުގެ ވިޔަފާރިން އެންމެ ބާރުގަދަ ގައުމުގެ އެންމެ މަތީ މަގާމަށް
އިމާރާތް ކުރުމުގެ ވިޔަފާރިން އެންމެ ބާރުގަދަ ގައުމުގެ އެންމެ މަތީ މަގާމަށް

ކުންފުނިން ކުރަމުންދިޔަ ގެދޮރު ބިނާ ކުރުމުގެ ވިޔަފާރި ޓްރަމްޕް ވަނީ ހޮޓާ އެޅުމާއި ހޮޓާ ހިންގުމުގެ ވިޔަފާރި އަށް ފުޅާކޮށްފަ އެވެ. މި ގޮތުން އެންމެ މަޝްހޫރު ތަނެއްގެ ގޮތުގައި ފާހަގަ ކުރެވެނީ 2001 ވަނަ އަހަރު ހުޅުވި ޓްރަމްޕް ވެސް ދިރިއުޅުއްވާ ނިއު ޔޯކުގެ ފިފްތު އެވެނިއުގެ 72 ބުރީގެ ޓްރަމްޕް ޓަވަރެވެ. ޓްރަމްޕުގެ ނަމާ ގުޅިފައިވާ އެެހެން މަޝްހޫރު ތަންތަނުގެ ތެރޭގައި ޓްރަމްޕް ޕްލޭސް، ޓްރަމްޕް ވޯލްޑް ޓަވާ، ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް އެންޓް ޓަވާ ހިމެނެ އެވެ. މީގެ އިތުރުން މުމްބާއީ، އިސްތަންބޫލް އަދި ފިލިޕީނސްގައި ވަނީ ޓްރަމްޕް ޓަވާ އިމާރާތްކޮށްފަ އެވެ. ޓްރަމްޕް އޮގަނައިޒޭޝަނުން އެމެރިކާ އާއި އެހެން ގައުމުތަކުގައި ވަރަށް ގިނަ ގޮލްފް ކޯސް އާއި ރިސޯޓްތައް ވެސް ހިންގަ އެވެ. ގޮލްފް ކޯސް އާއި ރިސޯޓް ވިޔަފާރިން ވެސް ޓްރަމްޕަށް މިދިޔަ އަހަރު 382 މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ފެޑެރަލް އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކުން ދަައްކަ އެވެ.

މުނިފޫހިފިލުވުމުގެ ވިޔަފާރީގައި ވެސް ޓްރަމްޕަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ. ޓްރަމްޕް ވަނީ 1996-2015 އަށް މިސް ޔުނިވާސް، މިސް ޔޫއެސްއޭ އަދި މިސް ޓީން ޔޫއެސްއޭ މުބާރާތް ހިންގަވައިފަ އެވެ. ޓްރަމްޕް ވަނީ 2003 ވަނަ އަހަރު އެންބީސީގެ ރިއަލިޓީ ޝޯއެއް ހުށަހަޅައިދެއްވައިފަ އެވެ. މި ޝޯގެ 14 ސީޒަން ޓްރަމްޕް ވަނީ ހޯސްޓްކޮށްދެއްވައިފަ އެވެ. ޓްރަމްޕް ވަނީ ވަރަށް ގިނަ ފޮތް ވެސް ލިޔުއްވައިފަ އެވެ. ފޯބްސް މަޖައްލާ އިން ބުނި ގޮތުގައި ޓްރަމްޕުގެ މިލްކިއްޔާތުގެ އަގު 3.7 ބިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އޭނާގެ އަތުގައި 10 ބިލިއަން ޑޮލަރަށް ވުރެ ގިނައިން އެބަހުރި ކަމަށެވެ. ފޯބްސް އިން މި އަހަރު ބުނި ގޮތުގައި ޓްރަމްޕަކީ ދުނިޔޭގެ 324 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އަދި އެމެރިކާގައި 156 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.

ޓްރަމްޕް ވަނީ ތިން ކައިވެންޏެއް ކުރައްވައިފަ އެވެ. އޭނާގެ އެންމެ މަޝްހޫރު އަނބިކަނބަލަކީ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވި ޗެކް މޮޑެލް އަދި އެތުލީޓް އިވާނާ ޒެލްނިކޯވާ އެވެ. އިވާނާ އާއި ޓްރަމްޕަށް ތިން ކުދިން ލިބިފައިވެ އެވެ. އެއީ ޑޮނަލްޑް ޖޫނިއާ، އިވާންކާ އަދި އެރިކް އެވެ. މި ކައިވެނި ރޫޅުނީ 1990 ވަނަ އަހަރު އެވެ. ޓްރަމްޕް ދެން 1993 ވަނަ އަހަރު ކައިވެނި ކުރެއްވީ ފިލްމީ ބަތަލާ މާލާ މޭޕްލްސްއާ އެވެ. މި ކައިވެންޏަށް ލިބިފައި ވަނީ ޓިފަނީ އެވެ. މޭޕްލްސް އާއި ޓްރަމްޕުގެ ކައިވެނި ނިމުމަކަށް އައީ 1999 ވަނަ އަހަރު އެވެ. ޓްރަމްޕުގެ މިހާރުގެ އަނބިކަނބަލުން ކުރީގެ މޮޑެލް މެލަނިއާ ނައުސް އާ ކައިވެނި ކުރެއްވީ 2005 ވަނަ އަހަރު އެވެ. މެލަނިއާ އާއި ޓްރަމްޕަށް ލިބިފައި ވަނީ ބެރޮން ވިލިއަމް ޓްރަމްޕެވެ. ޓްރަމްޕް އޮގަނައިޒޭޝަންގެ ސީއީއޯ އަކީ ޓްރަމްޕް ނަމަވެސް އެ ކުންފުނި މިހާރު ހިންގަނީ ފުރަތަމަ ކައިވެނީގެ ތިން ދަރިންނެވެ.

ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގު ޓްރަމްޕް ފުރަތަމަ ފާޅުކުރެއްވީ 1987 ވަނަ އަަހަރު އެވެ. އަދި ރިޔާސީ ރޭހަށް 2000 ވަނަ އަހަރު ވަނީ ރިޕޯމް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވައިފަ އެވެ. ވައިޓްހައުސްގެ ރޭހަށް އަނެއްކާވެސް ކުރިމަތިލައްވާނެކަން ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

"މި ގައުމުގެ އަސްލު ބާރުވެރި މަގާމަށް އަނެއްކާވެސް ގެންދާނެ މީހަކު ބޭނުންވޭ. އަޅުގަނޑުމެންނަށް އެކަންވާނެ،" ރިޔާސީ ރޭހަށް ނުކުންނަވާކަން އިއުލާން ކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ 45 ވަނަ ރައީސްގެ ހުވާ ޖެނުއަރީ މަހު ކުރެއްވުމުގެ ކުރިން ޓްރަމްޕް އެ ވަނީ ތާރީޚުން ޖާގަ ހޯއްދަވައިފަ އެވެ. އިންތިޚާބީ މަގާމެއް ދުވަހަކުވެސް އަދާ ނުކުރައްވާ އަދި އަސްކަރީގައި ޚިދުމަތް ނުކުރައްވާ ވެރިކަން ހޯއްދެވުމުންނެވެ. މިއީ މީގެ ކުރިން އެމެރިކާގެ އެއްވެސް ރައީސަކަށް ލިބިފައިވާ މަގާމެއް ނޫނެވެ.