ވެކްސިން ޖަހަން ފެށުމުން ކޮވިޑަށް ދޭ ސަމާލުކަން ކުޑަވެއްޖެ
ވެކްސިން ޖަހަން ފެށުމުން ކޮވިޑަށް ދޭ ސަމާލުކަން ކުޑަވެއްޖެ

ކޮވިޑް-19 އިން ދިފާއުވާން ރާއްޖޭގައި ވެކްސިން ދޭން ފެށުމުން، އެބަލިން ރައްކާތެރިވުމަށް މީހުން ސަމާލުކަަން ކުޑަވަމުންދާކަން ފާހަގަވާ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަަރީ ގްރޫޕް އޮން އިމިއުނިޒޭޝަނުން މިރޭ ބުނެފި އެވެ.

ވެކްސިން ޖަހަން ފެށުމުން ކޮވިޑަށް ދޭ ސަމާލުކަން ކުޑަވެއްޖެ
ވެކްސިން ޖަހަން ފެށުމުން ކޮވިޑަށް ދޭ ސަމާލުކަން ކުޑަވެއްޖެ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިން ގައި އިމިއުނިޒޭޝަން އެޑްވައިޒަރީ ގްރޫޕްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އާބާދީގެ ބޮޑު ބަޔަށް އަދި ވެކްސިނުގެ ފުރަތަމަ ޑޯޒް އަދި ނުދެވޭ ކަމަށާއި އެހެންވީމާ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަދިވެސް ވަރުގަދަކުރަން ޖެހޭ ކަމަށެވެ. މާލެ ސަރަހައްދުގައި މިއަދުވެސް 120 އާ ކޭސް ފެނިފައި ވާއިރު ކޮވިޑް ޖެހިފައިވާކަން ނޭނގި ވެސް އަދި އެތައް ބަޔަކު ތިބޭނެ ކަމަށާއި މިހާ ގިނަ ބަޔަކަށް ބަލި ޖެހުމުން ދާއިރު އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަދިވެސް ސަމާލުވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ޓަކައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަަދަކުރަން ޖެހޭ ކަމަށެވެ.

"ދެން އަޅުގަނޑުމެން ވިސްނައިލަން ޖެހޭނެ މިވަގުުތު ވެސް އަށާރަ އަހަރުން ދަށުގެ ކުޑަކުދިންނަށް އަދި ވެކްސިން ނުދެވޭކަން،" ނަޒްލާ ވިދާޅުވި އެވެ.

ކުަޑަކުދިންނަށް ވެކްސިން ދިނުމާ ބެހޭ ގޮތުން އަދި ކުރެވެމުން އަންނަނީ ތަހުލީލުތަކެކެވެ. ކުޑަކުދިންނަށް ދެވެނެ ވެކްސިނެއް އަންނާނެ ކަަމަށް ލަފާކުރެވެނީ އޭނާ ވިދާޅުވިގޮތުގައި މިއަހަރު ފަހުކޮޅުގަ އެވެ.

ވެކްސިނުން ރައްކާތެރިކަން ލިބެން ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށާއި އެހެންވީމާ ބައެއް މީހުންނަށްް ވެކްސިން ދިނުމަށް ފަހުގައި ވެސް މީހުންނަށް ކޮވިޑް ޖެހޭ ކަަމަށާއި އެއްވެސް ވަރެއްގެ ރައްކާތެރިކަން ލިބޭނީ ދެ ހަފްތާ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަސްލު އެހާ މުހިއްމީ ވެކްސިން ޖެހިޔަސް ގައިދުރުމިނާ މިކަންތައްތައް ބެހެއްޓުމަކީ ހަމަ ވަރަށް މުހިއްމުކަމެއް،" ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަ ކޮވިޝީލްޑް ވެކްސިނުގެ ދެވަނަ ޑޯޒް ދޭނީ އެޗްއީއޯސީން މިރޭ ބުނި ގޮތުގައި ފުރަތަމަ ޑޯޒް ދޭތާ އަށް ހަފްތާ ފަހުންނެވެ. އެޗްއޯއީސީ ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި އަށް ހަފްތާ ފަހުން ކޮވިޝީލްޑްގެ ފަހު ޑޯޒް ޖަހާ ގޮތަށް ނިންމީ ޑަބްލިޔުއެޗްއޯ އާއި ރާއްޖޭގެ ވެކްސިންދިނުމާ ބެހޭ ފަންނީ ލަފާ ދޭ ގްރޫޕުގެ ދިރާސާ އާއި ލަފަ އަށް ބެލުމަށް ފަހުގަ އެވެ.

ކޮވިޝީލްޑަކީ ރަނގަޅު ވެކްސިނެއް ކަމަށް ކަނޑައަޅައި ޑަބްލިޔުއެޗްއޯ އިން ލަފާދީފައި ވަނީ އަށް ހަފްތާ އާއި 12 ހަފްތާއާ ދެމެދު ދެވަނަ ޑޯޒު ޖެހުމަށެވެ.