17 ފެބުރުއަރީ 2021 - 23:04

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު ދެވަނަ ޑޯޒް ޖަހާނީ އަށް ހަފްތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއޯއީސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި އަށް ހަފްތާ ފަހުން ކޮވިޝީލްޑްގެ ފަހު ޑޯޒް ޖަހާ ގޮތަށް ނިންމީ ޑަބްލިޔުއެޗްއޯ އާއި ރާއްޖޭގެ ވެކްސިންދިނުމާ ބެހޭ ފަންނީ ލަފާ ދޭ ގްރޫޕުގެ ދިރާސާ އާއި ލަފަ އަށް ބެލުމަށް ފަހުގަ އެވެ.
ކޮވިޝީލްޑަކީ ރަނގަޅު ވެކްސިނެއް ކަމަށް ކަނޑައަޅައި ޑަބްލިޔުއެޗްއޯ އިން ލަފާދީފައި ވަނީ އަށް ހަފްތާ އާއި 12 ހަފްތާއާ ދެމެދު ދެވަނަ ޑޯޒު ޖެހުމަށެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެހެންކަމުން ދެވަނަ ޑޯޒު ޖަހަން ފެށޭނީ އޭޕްރީލް ކުރީކޮޅެވެ.
ބަލިން ރައްކާތެރިކަން ލިބެން ފަށާނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރާތާ ދެ ހަފްތާ ފަހުން ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. ވެކްސިން ޖެހިޔަސް، ބަލިން ރައްކާތެރިވުމުގެ އާދަތަކުގައި ހިފެހެއްޓުން މުހިއްމުވާ އެއް ސަބަބަކީ އެއީ އެވެ.
ރާއްޖޭގައި މިހާތަނަށް ހުއްދަދީފައިވާ ހަމައެކަނި ކޮވިޑް ވެކްސިން، ކޮވިޝީލްޑްގެ ފުރަތަމަ 100،000 ޑޯޒު ހަދިޔާކުރީ އިންޑިއާ އިންނެވެ. މިއަދުގެ ނިޔަލަށް އެއިން 56،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ޖަހައިފަ އެވެ. އެޗްޕީއޭ އިން މިހާރު ނިންމާފައި ވަނީ ފުރަތަމަ ލިބިފައިވާ 100،000 ޑޯޒު ވެސް ފުރަތަމަ ޑޯޒުގެ ގޮތުގައި ބޭނުންކުރުމަށެވެ. އެއީ ދެވަނަ ޑޯޒަށް ވާ ވަރަށް ވެސް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާތީ އެވެ.
ކޮވިޝީލްޑަކީ އޮކްސްފަޑް-އެސްޓްރަޒެނެކާ ވެކްސިނުގެ އިންޑިއާގައި އުފައްދާ ބްރޭންޑެވެ. ޗައިނާގެ ސައިނޯފާމް ވެކްސިން ވެސް ރާއްޖެ އަށް ލިބިފައިވާ އިރު ހުއްދަ ދިނުމުގެ ކުރިން ދިރާސާކުރުމުގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދަނީ ކުރަމުންނެވެ. އަދި ސިންގަޕޫރު ކުންފުންޏެއް އަތުން އޮކްސްފަޑް-އެސްޓްރަޒެނެކާ ވެކްސިން ގަންނަން ނިންމާފައިވާ އިރު ޑަބްލިޔުއެޗްއޯގެ ކޯވެކްސް ޕްރޮގްރާމް މެދުވެރިކޮށް ފައިޒާ ވެކްސިން ވެސް ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.