ކޮވިޑާ އެކު ބައެއް ކުދިންނަށް އާ ބައްޔެއް
ކޮވިޑާ އެކު ބައެއް ކުދިންނަށް އާ ބައްޔެއް

އުމުރުން 15 އަހަރުގެ ބްރޭޑަން ވިލްސަން ކޮވިޑް-19 ދެކެ ބިރުގަނެ އެވެ. ކެލިފޯނިއާގެ ސިމި ވެލީގައި ހުންނަ އޭނާގެ ގެއިން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު މާކްސް އަޅަ އެވެ. އޭނާ ބޭރަށް ދަނީ ކާފަމެންގެ ގެއަށް ޒިޔާރަތްކުރަން ނުވަތަ ގަވާއިދުން ހަދާ ޗެކްއަޕްތަކަކަށް ދަތުގެ ޑޮކްޓަރެއް ކައިރިއަށެވެ.

ކޮވިޑާ އެކު ބައެއް ކުދިންނަށް އާ ބައްޔެއް
ކޮވިޑާ އެކު ބައެއް ކުދިންނަށް އާ ބައްޔެއް

އެކަމަކު ކޮންމެވެސް ގޮތަކުން ބްރޭޑަންގެ ހަށިގަނޑަށް އެ ވައިރަސް ވަނެވެ. އޭގެ ފަހުން ދެން ދިމާވީ އަލަށް މިހާރު ފެނިގެން އުޅޭ ސިއްހީ މައްސަލަ އެވެ: މަލްޓިސިސްޓަމް އިންފްލެމެޓަރީ ސިންޑްރޯމް އިން ޗިލްރަންސް، ކުރުކޮށް ކިޔާ ނަމަ، އެމްއައިއެސް-ސީ އެވެ. ކޮވިޑް ޖެހިގެން ނުވަތަ ކޮވިޑް ޖެހުނު މީހަކާ ކައިރީގައި އުޅުމުން ބައެއް ކުޑަކުދިން ތަހައްމަލްކުރާކަން މިހާރު ސާބިތުވެފައިވާ މި ބަލީގެ އަސްލު ސައިންސްވެރިންނަށް ވެސް އަދި ނޭނގެ އެވެ.

މިހާތަނަށް ހޯދުނު ހޯދުންތަކުން ސާބިތުވީ އެމްއައިއެސް-ސީގެ ހާލަތާ ކުޑަކުދިން ކުރިމަތިލަނީ ކޮވިޑް ޖެހޭތާ އެތައް ހަފުތާއެއް ފަހުން ކަމެވެ.

ކޮވިޑް ޖެހުމުން ބްރޭޑަންގެ ހާލު ސީރިއަސްވުމާ އެކު ޗިލްރަންސް ހޮސްޕިޓަލް ލޮސް އެންޖަލިސްގެ ޑޮކްޓަރުން އޭނާ ވެންޓިލޭޓަރަށާއި ހިތާއި ފުއްޕާމޭގެ ބައިޕާސް މެޝިނަކަށް ލި އެވެ. އެކަމަކު ކުއްޖާގެ މައިގަނޑު ބައެއް ގުނަވަންތައް ފެއިލްވުން ނުހުއްޓުވުނެވެ. ޖެނުއަރީ 5 ގައި "ކުއްޖާގެ ސިކުނޑި މަރުވެއްޖެ"ކަން، މަންމަ އަމަންޑާ ވިލްސަން އަށް ރަަސްމީކޮށް އެންގި އެވެ.

"އަހަރެންގެ ދަރިފުޅު އަހަރެން ދޫކޮށް ހިނގައްޖެ،" ރޮމުން ވިލްސަން ކިޔައިދިނެވެ.

ބްރޭޑަންއަށް ކުރިމަތިވި އެ ނުރައްކާ ހާލަތު ދިމާވާ ކުދިންގެ އަދަދު ކަންބޮޑުވާން ޖެހޭ ފަދަ ނިސްބަތަކަށް މައްޗަށް ދާ ކަމަށް އެމެރިކާގެ ހިސާބުތަކުން ދައްކަ އެވެ. މި ކަންބޮޑުވުމުގެ ތެރޭގައި އޮތް އަނެއް މައްސަލައަކީ، ޑޮކްޓަރުން ބުނާ ގޮތުގައި، ކޮވިޑްގެ ފުރަތަމަ ރާޅުގައި ބަލިވާ މިންވަރަށް ވުރެ މިހާރު އެފަދަ ކުދިންގެ ބަލީގެ ހާލަތު ނުރައްކާ ފައްތަރަކަށް ދާ ކަމެވެ.

"އެމްއައިއެސް-ސީ ޖެހިފައިވާ ކުދިންގެ އަދަދު ގިނަ، އެކަމަކު މިހާރު ފެންނަ އެފަދަ ކުދިން މާ ބޮޑަށް ބަލިވޭ،" ވޮޝިންޓަންގައި ހުންނަ ޗިލްރަންސް ނެޝަނަލް ހޮސްޕިޓަލްގެ ޑރ. ރޮބާޓާ ޑިބައިސީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަލި އެންމެ ފުރަތަމަ ފެތުރެން ފެށި އިރު ގެންނަ ކުޑަކުދިންގެ ތެރެއިން ދެ ބައި ކުޅަ އެއް ބައި ކުދިންނަށް އައިސީޔޫގައި ފަރުވާދޭން ޖެހުނު އިރު އެ ނިސްބަތް މިހާރު ހުރީ 80-90 ޕަސެންޓްގަ އެވެ.

އޭގެ ސަބަބުތަކެއް ސާފެއް ނޫނެވެ. އެމެރިކާގައި ކުޑަކުދިންގެ ތެރޭގައި އެ މިންވަރަށް ކޭސްތައް މައްޗަށް ދާން ފެށީ ފިނި މޫސުމުގެ ޗުއްޓީއަށް ފަހު ދެން ކުރިމަތިވި ކޮވިޑް-19ގެ ރާޅުގަ އެވެ. މިހާތަނަށް ލިބެން ހުރި މައުލޫމާތުތަކުން އެނގެނީ، ޑޮކްޓަރުން ބުނާ ގޮތުގައި، މިހާރު ފެތުރޭ ކޮރޯނާވައިރަސްގެ އެއްވެސް ވޭރިއަންޓަކާ، ކުޑަކުދިންގެ މި މައްސަލަ އިތުރުވުމާ ގުޅުމެއް ނެތް ކަމެވެ. އަދި ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ވައިރަސްގެ ވަކި ވައްތަރެއްގެ ވޭރިއަންޓަކުން އެމްއައިއެސް-ސީ ކުރިމަތިކުރުވާކަން ލަފާކުރަން ވެސް އަދި މާ އަވަހެވެ.

ކުރިއަށް ވުރެ އެމްއައިއެސް-ސީ ޖެހޭ ކުދިންގެ އަދަދު ގިނަ ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ ކުދިންގެ ނިސްބަތަށް ބަލާ ނަމަ އެ ހާލަތާ ކުރިމަތިލާ ކުދިންގެ އަދަދު ދަށެވެ. ޑިސެމްބަރުގެ ނިޔަލަށް އެމެރިކާގައި ރެކޯޑްކޮށްފައި ވަނީ 28 ސްޓޭޓަކުން 2،060 ކޭހެވެ. ބަލި ޖެހުނު ކުދިންގެ އާންމު އުމުރަކީ ނުވަ އަހަރެވެ. އެކަމަކު ތުއްތު ކުދިން ފެށިގެން 20 އަހަރާ ދެމެދު އުމުރު ފުރައިގެ ކުދިންނަށް ވެސް، މި މައްސަލަ ދިމާވެފައިވާކަން ފާހަގަވެ އެވެ.

މިހާތަނަށް އުފާވެރި ހަބަރަކަށް އޮތީ އެ ނުރައްކާތެރި ހާލަތަށް ވެއްޓޭ ކުދިން ވެސް އައިސީޔޫގެ ފަރުވާއަށް ފަހު ރަނގަޅުވެގެން އާންމު ސިއްހަތެއްގައި، އެނބުރި ގެއަށް ދެވޭ ކަމެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ހިތުގެ މައްސަލައެއް ނުވަތަ ސިއްހީ އެހެން ނުރައްކަލެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަމެއް ޑޮކްޓަރުންނަކަށް ނެތެވެ.

"ދިގު މުއްދަތެއްގައި ކުރިމަތިވެދާނެ އެއްވެސް ކަމެއް އަހަރެމެންނަކަށް ނޭނގޭ،" ކުޑަކުދިންގެ ހިތުގެ މައްސަލަތަކާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޖޯން ބޯލްވެގް ވިދާޅުވި އެވެ.

އެމްއައިއެސް-ސީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބިހިނެގުމާއި ލޯ ރަތްވުމާއި ހަޖަމްކުރުމުގެ ނިޒާމާ ގުޅޭ ތަފާތު މައްސަލަތައް ހިމެނެ އެވެ. ބައެއް ކުދިންގެ ހިތުގެ ބައެއް މަސައްކަތްތައް ހުއްޓެ އެވެ.

އެމްއައިއެސް-ސީ ޖެހިގެން ގެންދިޔަ ކުދިންގެ ޓެސްޓްތައް ހެދިއިރު ބައެއް ކުދިންގެ ހަށިގަނޑުން ކޮވިޑް އެންޓިބޮޑީސް ފެނުނެވެ. އެހެންކަމުން ކުރިން ނޭނގި އެ ކުދިންނަށް އެހުރީ ބަލި ޖެހިފަ އެވެ. އަނެއް ބައި ކުދިން ސީދާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި އެވެ. ގިނައީ ކުރިން ހަމަ ރަނގަޅު ސިއްހަތެއްގައި އުޅުނު ކުދިންނެވެ. މިހާތަނަށް ބަލި ޖެހުނު ގިނަ ކުދިންގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ކުރިން ފެނިފައެއް ނުވެ އެވެ.

އެކަމަކު އަދިވެސް ޑޮކްޓަރުންނަށް ޔަގީންނުވަނީ އެ ސިންޑްރޯމް ކުރިމަތިވާ ސަބަބުތަކެވެ.

ބޮސްޓަން ޗިލްރަންސް ހޮސްޕިޓަލްގެ ކުޑަކުދިންގެ ހިތުގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރު ޖޭން ނިއުބާގާ ވިދާޅުވި ގޮތުގައި ބަރުދަން މަތީ ކުދިންނާއި އުމުރު ފުރާ ދޮށީ ކުދިންނަށް، އެމްއައިއެސް-ސީން ކުރިމަތިވާ ނުރައްކާ ބޮޑެވެ.

ޑޮކްޓަރުން އަންނަނީ މި ބައްޔާ ބެހޭ ގޮތުން އިތުރު ކަންކަން ދަސްކުރަމުންނެވެ. އެކަމަކު މި ދަނޑިވަޅުގައި އެމްއައިއެސް-ސީގެ އަލާމާތްތައް ގިނަ ޑޮކްޓަރުންނަށް މާ ބޮޑަށް އަޅައިނުގަނެ، އަސްލު މައްސަލަ ނަގައިނުގެނެވުން ކައިރި އެވެ. އޭގެ އެއް ސަބަބަކީ ކުޑަކުދިންނަށް ދިމާވާ އާންމު ބައެއް މައްސަލަތަކާ އެމްއައިއެސް-ސީގެ އަލާމާތްތައް އެއްގޮތްވުމެވެ. އޭގެ އެއް މިސާލަކީ 11 އަހަރުގެ މޭސަން ބެރިލަސް އެވެ.

އާ އަހަރުގެ ފުރަތަމަ ދުވަހު މޭސަން ކުޑަކޮށް ބަލިވާ ގޮތްވި އެވެ. ބަނޑަށް ގޮތެއް ވާން ފެށި އެވެ. އެކަމަކު އެ އުނދަގޫތަކާ އެކު ވެސް އޭނާ ފުޓްބޯޅަ ކުޅެން ދިޔަ އެވެ. ހުން އައީ އޭގެ ފަހުންނެވެ.

މޭސަންގެ މަންމައަކީ ސިއްހީ ދާއިރާގެ މީހެކެވެ. އެހެންކަމުން އޭނާ އާދައިގެ އުނދަގޫތަކަށް ކައި ބޭސް ދަރިފުޅަށް ދިނެވެ. އޭގެ ދެތިން ދުވަސް ފަހުން މޭސަންގެ ނޭވާ ކުރުވާން ފެށި އެވެ. އަވަަސް ފަރުވާ ހޯދަން ކްލިނިކަށް ގެންދިޔަ އެވެ.

ކޮވިޑް-19 ޓެސްޓް ދެއްކީ ނެގެޓިވްކޮށެވެ. އެހެންކަމުން އެޕެންޑިކްސް އާއި އާންމު ރޯގާއެއްތޯ ބަލަން ޓެސްޓްތައް ހެދި އެވެ.

"އެއީ ހަމަ އާދައިގެ ބަނޑުގެ ރިއްސުމެއް ކަމަށް ޑޮކްޓަރު ބުނީ،" ބެރިލާސް ކިޔައިދިނެވެ.

އެކަމަކު އަަނެއް ދުވަހު މޭސަންގެ ލޯ ރަތްވެ ދުޅަވި އެވެ. ތުންފަތުގައި ރަަތް ބިހިތަކެއް ނެގި އެވެ.

"އޭނާގެ މުޅި ހަށިގަނޑުގައި ރިއްސަން ފެށީ ހިނގައި ވެސް ނުގަނެވޭ ވަރަށް،" ބެރިލާސް ބުންޏެވެ.

ހޮސްޕިޓަލަށް ގެންގޮސް ރަނގަޅަށް ބެލިއިރު މޭސަންގެ ހިތަށް އޭރު ވަނީ ޝޮކެއް ލިބިފަ އެވެ.

"އަހަރެން ވަރަށް ބިރުގަތް. އޭގެ ކުރިން ދުވަހަކު ވެސް އަހަރެން ނާހަން މި ސިންޑްރޯމްގެ ވާހަކައެއް،" ބެރިލާސް ބުންޏެވެ.

ހޮސްޕިޓަލްގައި އަށް ދުވަސް ވަންދެން މޭސަން އޮންނަން ޖެހުނެވެ. އޭގެ ތެރެއިން ހަތަރު ދުވަހު އައިސީޔޫގަ އެވެ.

ހޮސްޕިޓަލް އިން ދޫކޮށްލުމުން، ހިތާއި އާތުރައިޓިސް އަދި ލެއާ ބެހޭ ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދަން ޖެހުނެވެ. މޭސަން އެންމެ ދެރަވަނީ ފުޓްބޯޅަ ކުޅެން ނުދެވޭތީ އެވެ. އެމްއައިއެސް-ސީގެ ގިނަ ބަލިކުދިންގެ ހާލަތަށް ބަލާފައި ޑޮކްޓަރުން ލަފާދެނީ އެތައް މަހެއް ވަންދެން ކުޅުމާ ދުރުގައި ތިބުމަށެވެ.

"މި ހިސާބުގަނޑުގެ އެންމެންނަށް ވެސް ވަރަށް ބޮޑު ޝޮކެއް ލިބުނީ. އެ މީހުން އަހަނީ އެހާ ސިއްހަތު ރަނގަޅު ކުއްޖަކަށް އެހެން ވާންވީ ކީއްވެގެންހޭ،" ބެރިލާސް ބުންޏެވެ.

ސައިންސްވެރިންގެ ސިކުނޑީގައި ވެސް އޮތީ އެ ސުވާލެވެ. ކޮވިޑްގެ ސަބަބުން ބައެއް މީހުންނާއި ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސިއްރު އަދި އޮތީ ނޭނގުމުގެ ތެރޭގަ އެވެ.

މިއީ ފެބްރުއަރީ 16، 2021 ގައި، ނިއު ޔޯކް ޓައިމްސްގެ ޕޭން ބެލަކް ލިއުނު ރިޕޯޓްގެ ހުލާސާ ތަރުޖަމާއެކެވެ.