17 ފެބުރުއަރީ 2021 - 15:34

ޖެނީވާ (ފެބްރުއަރީ 17) - ދުނިޔޭގައި އަލަށް ރިޕޯޓްކުރާ ކޮވިޑް ކޭސްތައް މިދިޔަ ހަފުތާގައި 16 ޕަސެންޓް ދަށްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
މިދިޔަ ހަފުތާގައި ކޮރޯނާވައިރަހަށް މުޅި ދުނިޔޭން 2.7 މިލިއަން މީހުން ޕޮޒިޓިވްވިއިރު މަރުވި މީހުންގެ ރޭޓް ވަނީ 10 ޕަސެންޓް ދަށްވެފަ އެވެ. ޑަބްލިއުއެޗްއޯ އިން ހާމަކުރާ ހަފުތާގެ ކޮވިޑް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފުތާގައި މަރުވެފައި ވަނީ 81،000 މީހުންނެވެ. ކޭސްތައް ދަށްވެފައި މި ވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ފަސް މިލިއަނުގައި ހުރުމަށް ފަހު އެވެ.
ދުނިޔޭގައި ޑަބްލިއުއެޗްއޯ އިން ބަލާ ހަ ސަރަހައްދުގެ ތެރޭން ފަސް ސަރަހައްދަކުން މިދިޔަ ހަފުތާގައި ވަނީ ދެ އަކުރުގެ އަދަދެއްގެ ޕަސެންޓޭޖުން އާ ކޭސްތައް ދަށްވެފަ އެވެ. ކޭސްތައް އިތުރުވެފައި ވަނީ އީސްޓަން މެޑިޓެރޭނިއަން ސަރަހައްދުން އެކަންޏެވެ.
އެފްރިކާ އިން އާ ކޭސްތައް މިދިޔަ ހަފުތާގައި ވަނީ 20 ޕަސެންޓް، ވެސްޓަން ޕެސިފިކުން 20 ޕަސެންޓް، ޔޫރަޕުން 18 ޕަސެންޓް، އެމެރިކާ ކޮންޓިނެންޓުން 16 ޕަސެންޓް އަދި އިރުދެކުނު އޭޝިއާ އިން 13 ޕަސެންޓް ދަށްވެފަ އެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ މިއީ އަލަށް ފެންނަ ކޭސްތައް ޖެހިޖެހިގެން ދަށަށްދާ ފަސް ވަނަ ހަފުތާ ކަމަށެވެ.
ކޮވިޑްގެ ކޭސްތައް ދަށަށް ދާން ފަށާފައި މިވަނީ ހަލުވިކަމާ އެކު ފެތުރޭ އާ ވޭރިއަންޓްތަކެއް ފެނިފައިވަނިކޮށެވެ. އިނގިރޭސި ވިލާތުން ފެނުނު ވޭރިއަންޓް 94 ގައުމަކުން މިހާތަނަށް ފެނިފައިވާ އިރު ސައުތު އެފްރިކާގެ ވޭރިއަންޓް ވަނީ 46 ގައުމަކުން ފެނިފަ އެވެ. ބްރެޒިލުން ފެނުނު ވޭރިއަންޓް ވަނީ 21 ގައުމަކުން ފެނިފަ އެވެ.