އިންޑިއާގެ ތިމާވެށި އެކްޓިވިސްޓް ހައްޔަރު ކުރުމުން ފާޑުކިޔުން
އިންޑިއާގެ ތިމާވެށި އެކްޓިވިސްޓް ހައްޔަރު ކުރުމުން ފާޑުކިޔުން

ނިއު ދިއްލީ (ފެބްރުއަރީ 17) - އިންޑިއާގައި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އުމުރުން 22 އަހަރުގެ އެކްޓިވިސްޓް ޑީޝާ ރަވީ ހައްޔަރު ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ގިނަ ބަޔަކު ބުނަމުން ދަނީ ރަވީ ހައްޔަރު ކުރުމަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ދިން ހަމަލާއެއް ކަމަށެވެ. ރަވީ ހައްޔަރު ކުރީ އިންޑިއާގެ ދަނޑުވެރިން މިހާރު ފަށާފައިވާ މުޒާހަރާތަކަށް ތާއީދުކޮށް މިދިޔަ ހޮނިހިރު ދުވަހު ލިޔުމެއް ހިއްސާކުރުމުންނެވެ.

ރަވީ ހައްޔަރު ކުރުން، ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ސިފަ ކުރައްވާފައި ވަނީ މީގެ ކުރިން ޑިމޮކްރެސީ އަށް ނުދެވޭ ޒާތުގެ ހަމަލާއެއްގެ ގޮތުގަ އެވެ.

ދަނޑުވެރިންގެ މުޒާހަރާ އަށް ތާއީދުކުރި ވަރަށް ގިނަ ނޫސްވެރިންނާއި އެކްޓިވިސްޓުން ވެސް މީގެ ކުރިން ވަނީ ހައްޔަރު ކޮށްފަ އެވެ.

ތިން މަސްވީ ދަނޑުވެރިންގެ މުޒާހަރާތަކަކީ މިހާރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ.

ފުލުހުން ބުނީ ރަވީ އަކީ މުޒާހަރާއާ ގުޅޭ ލިޔުން ތައްޔާރުކޮށް އެ ލިޔުން ބެހުމުގައި އިސްކޮށް އުޅުނު ފަރާތް ކަމަށެވެ. ސްވިޑަންގެ ތިމާވެށި އެކްޓިވިސްޓް ގްރެޓާ ތަންބާގު އުފެއްދި، ފްރައިޑޭސް ފޯ ފިއުޗާ ތިމާވެށި ހަރަކާތުގެ އިންޑިއާ ގޮފީގެ ބާނީ އަކީ ވެސް ރަވީ އެވެ. ރަވީ ވަނީ ގްރެޓާ ތަމްބާގާ އެ ލިޔުން ހިއްސާކޮށްފަ އެވެ.

ކޯޓުގައި ރަވީ ބުނީ އޭނާގެ ބޭނުމަކީ ހަމަނުޖެހުން ހިންގުން ނޫން ކަމަށާއި ދަނޑުވެރިންނަށް ހިތްވަރު ދިނުން ކަމަށެވެ.

ދެކުނުގެ ބެންގަލޫރުގައި ދިރިއުޅޭ ރަވީ ނިއު ދިއްލީ ގޮސް އާދިއްތަ ދުވަހު ވަނީ ކޯޓަށް ހާޒިރުވެފަ އެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ. ރަވީގެ މައްޗަށް ދައުވާ ކުރަނީ ކޮން ކުށެއްގައި ކަމެއް ނޭނގެ އެވެ.