ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓުކުރަން ދަތިވެފައި
ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓުކުރަން ދަތިވެފައި

ފުވައްމުލަކުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދިޔަ ނަމަވެސް ސާމްޕަލްތައް ޓެސްޓުކުރުމުގައި ދަތިތައް ކުރިމަތިވެއްޖެ އެވެ.

އާބާދީގައި 10،000 އަށް ބޮޑު ރަށުގައި ބަލި ފެތުރެމުންދާކަން އެނގުނީ މިދިޔަ ހަފުތާގެ ތެރޭގައި ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ. އެއާ އެކު މިދިޔަ ހޯމަ ދުވަހު ފުވައްމުލައް މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އެވެ. އޭރު ޕޮޒިޓިވްވި ދެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 40 އަށް ވުރެ ގިނަ އެވެ. މިހާރު ވެސް އެ ބައްޔަށް 26 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

އޭގެ ފަހުން ކޮންޓެކްޓުންގެ އަދަދު 750 އަށްވުރެ މައްޗަށް އަރާފައި ވެ އެވެ. އެކަމަކު ފުވައްމުލަކު ހޮސްޕިޓަލުގައި ހުންނަ ޖީން އެކްސްޕާޓް މެޝިނުން ޓެސްޓުކުރަނީ އިމަޖެންސީ ހާލަތުގައި އެކަނި ކަމަށް ވާތީ އެ ހޮސްޕިޓަލަށް އުނދަގޫތަކެއް ކުރިމަތިވެފައި ވެ އެވެ.

ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ޖީން އެކްސްޕާޓް މެޝިނުން ހެދެނީ ގަޑިއިރަކުން ހަތަރު ޓެސްޓުކަމަށެވެ. އެކަމަކު ހޯމް ކަރަންޓީނާއި ޑައިރެކްޓް ކޮންޓެކްޓުން އަދި ބަލީގެ އަލާމާތް ހުރެގެން ޓެސްޓުކުރުމަށް ފުވައްމުލަކުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 150 ސާމްޕަލް ނަގަ އެވެ.

އެހެންވެ ޓެސްޓް ނުކުރެވި އިތުރުވާ ސާމްޕަލްތައް ސާމްޕަލްތައް ޓެސްޓުކުރަން ފޮނުވަނީ މާލެއަށެވެ. މާލެއަށް ފޮނުވައިގެން ގާތްގަނޑަކަށް 30 ގަޑިއިރު ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބެ އެވެ.

ކޮވިޑާ އެކު ފުވައްމުލަކު މޮނިޓަރިންގެ ހާލަތަށް ގެނައުމުން، މޯލްޑިވިއަން އިން މީގެ ކުރިން ފުވައްމުލަކަށް ކޮންމެ ދުވަހަކު ކުރަމުން ދިޔަ ދަތުރުތައް ވެސް ވަނީ މަދުކޮށްފަ އެވެ. އެހެންވެ ސާމްޕަލް ފޮނުވުމުގައި ވެސް އެ ރަށަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.

ފުވައްމުލަކަށް މޯލްޑިވިއަންގެ ދަތުރު އޮންނަ ނަމަ ސާމްޕަލްތައް ފޮނުވަނީ ފްލައިޓުގަ އެވެ. އެހެން ނޫން ނަމަ، ސީއެމްބިއުލާންސްގައި އައްޑުއަށް ގެންގޮސް މާލެއަށް އެ ސާމްޕަލްތައް ފޮނުވާލަ އެވެ. ސީއެމްބިއުލާންސްގައި އައްޑޫ-ފުވައްމުލަކު ދަތުރަކަށް ދޮޅު ގަޑިއިރު ހޭދަވެ އެވެ.

މާލެ އާއި އައްޑުއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުކުރެ އެވެ.

ސައީދު ވިދާޅުވީ ކަނޑުމަގުން ސާމްޕަލް ފޮނުވަން ދަތި ކަމަށެވެ. އޭނާ ވިދާޅުވީ ފުވައްމުލަކު ފަދަ އާބާދީ ބޮޑު ތަނަކަށް ޕީސީއާރު މެޝިނެއް މުހިއްމެވެ. އޭގެ މެޝިނެއް ލިބޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ފުވައްމުލަކާ އެންމެ ކައިރީގައި އޮންނަ އައްޑޫގައި ޕީސީއާރު މެޝިނާއި ޖީން އެކްސްޕާޓް މެޝިން ބޭނުންކުރެ އެވެ. ނަމަވެސް އެ ސިޓީގައި ވެސް ބަލި ފެތުރެމުންދާތީ ސާމްޕަލް ފޮނުވަނީ މާލެއަށެވެ.

މި ހަފުތާގެ ކުރީކޮޅު ވެސް، މޯލްޑިވިއަންގެ ފްލައިޓު ޖެއްސިއިރު ފުވައްމުލަކުގައި ސާމްޕަލްތައް ނަގައި އެއްކޮށް ނުނިމެ އެވެ. އެހެންވެ، އެ ވަގުތާ ހަމައަށް ނެގިފައި ހުރި ސާމްޕަލްތައް ފޮނުވާލައި ފަހުން ނެގި ސާމްޕަލް ފޮނުވަން ނިންމީ ޖެހިގެން އައި ދުވަހު އައްޑޫ މަގުންނެވެ. އެކަމަކު އެ ދުވަހު ސާމްޕަލްތައް އައްޑުއަށް ފޮނުވަން ބަލައިލިއިރު ސީ އެމްބިއުލާންސް އޮތީ ހަލާކުވެފަ އެވެ. ސީ އެމްބިއުލާންސަށް ދިމާވި މައްސަލަ ހައްލުކޮށް ސާމްޕަލްތައް ފޮނުވާލެވުނީ ޖެހިގެން އައި ދުވަހު އެވެ.

ފުވައްމުލަކުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 32 އެވެ. އޭގެ ތެރެއިން ހަ މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހަކު ނެތެވެ.