މާޔަން އާއި އެފްއޭއެމާ ގުޅޭ މައްސަލައެއް މަޖިލީހުން ބަލަނީ
މާޔަން އާއި އެފްއޭއެމާ ގުޅޭ މައްސަލައެއް މަޖިލީހުން ބަލަނީ

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އިންތިހާބުގައި އެފްއޭއެމްގެ ފަރާތުން ވާދަކުރެއްވި މަރިޔަމް މުހައްމަދު (މާޔަން) ގެ ކަންބޮޑުވުންތަކާ ގުޅޭ މައްސަލައެއް ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އޭއެފްސީގެ އިންތިހާބުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އެ ފެޑެރޭޝަނާ ދެކޮޅަށް މާޔަން ހުށަހެޅި މައްސަލައިގައި ހިމެނޭ ކަންތައްތަކަށް ދުނިޔޭގެ ކުޅިވަރުގެ އެންމެ މަތީ ކޯޓް، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ތާއީދުކޮށްފައިވާއިރު، ކަންބޮޑުވާ އެތައް ކަންތައްތަކެއް ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މާޔަންގެ ޝަކުވާ އަކީ އޭއެފްސީގެ ގޮނޑި އަށް އޭނާ ކުރިމަތިލީ އެފްއޭއެމުން ކަމަށާއި ނަމަވެސް އެ އެސޯސިއޭޝަނުން އޭނާ ހޮވުމަށް ހުރަސް އެޅުން ކަމަށެވެ.

"އޭނާ (މާޔަން) ކުރާ ޝަކުވާ އަކީ އޭނާ ދިޔައީ އެފްއޭއެމްގެ ފަރާތުން (އޭއެފްސީ) އެގްޒެކްޓިވް ކޮމިޓީ އަށް ކެންޑިޑޭޓެއްގެ ގޮތުން. އެހެން ނަމަވެސް އޭނާ އަކަށް އެފްއޭއެމްގެ އެއްބާރުލުމެއް ލިބުނު ކަމަކަށް އޭނާ ސާފުކޮށްދީފައެއް ނުވޭ. އަޅުގަނޑު އެދެނީ އިޖުތިމާއީ ކޮމިޓީން މިކަން ހިނގާފައި އޮތްގޮތެއް ބައްލަވައިދެއްވުމަށް. އަޅުގަނޑު އެކަން އަމީން އާންމު އަރިހުން އެދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުން އެ މައްސަލަ ބަލަން ނިންމި ނިންމުމަށް މާޔަން ވަނީ މަރުހަބާ ކިޔައިފަ އެވެ.

މާޔަން އާއި ނަޝީދު ބައްދަލުކުރެއްވީ އިއްޔެ އެވެ. އެ ބައްދަލުވުމުގެ ފޮޓޯތައް ޓްވީޓްކުރުމަށް ފަހު މާޔަން ބުނީ ކުޅިވަރު ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގާ ކޮރަޕްޝަނާއި ނާއިންސާފުން ގެންގުޅޭ ތަފާތުކުރުންތަކުގެ ވާހަކައާ ބެހޭ ގޮތުން މަޝްވަރާކުރެވުނީތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަން ވެސް ބޭނުންވާކަމަށާއި ކުޅިވަރު އެންމެ ރަނގަޅު މިސްރާބަށް ގެންދިއުމުގެ މަސައްކަތްކުރަން އެންމެންގެ ބައިވެރިވުން ވެސް މުހިއްމު ކަމަށް މާޔަން ބުންޏެވެ.

މާޔަން ތުހުމަތުކުރަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑި އަށް އޭނާއާ ވާދަކުރެއްވި ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަން އަށް ކާމިޔާބު ހޯދައިދޭން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުއްވި ކަމަށާއި ކަންކަން ނިންމުމުގައި ރަސްމީ އިދާރާތަކުން ޖިންސުގެ ތަފާތުކުރުންތައް ގެންގުޅުނު ކަަމަށެވެ.

މީގެ ކުރިން، މަޝްހޫރު ނޫސް ނިއު ޔޯކް ޓައިމްސް އަށް މާޔަން ދިން އިންޓަވިއުއެއްގައި ބުނީ މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ހުންނަ އޭއެފްސީގެ ހެޑްކުއާޓަރުގައި ބޭއްވި އިންތިހާބުގެ ކުރިން ޝެއިޚް އަހުމަދާ ބައްދަލުކުރެއްވުމުން، ނަން އަނބުރާ ނެގުމަށް އެދުނު ކަމަށެވެ. ސަބަބަކީ މަހްފޫޒާ އަށް ތާއީދުކުރަން ޝެއިޚް އަހުމަދު ނިންމަވާފައިވުމެވެ. މާޔަން ނަން އަނބުރާ ނަންގަވައިފި ނަމަ ފީފާ ނުވަތަ އޭޝިއާގެ ފުޓްބޯޅައިގެ މަގާމެއް ހަމަޖައްސައި ދެވިދާނެ ކަމަށާއި އެކަމަކު އެގޮތަށް އަމަލުނުކޮށްފި ނަމަ އޭނާގެ ކެރިއަރު ނިމި، ރާއްޖެ އަށް ވެސް ގެއްލުންވެދާނެ ކަމަށް ޝެއިޚް އަހުމަދު ވިދާޅުވި ކަމަށް މާޔަންއާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފައިވެ އެވެ.

މާޔަން ހުށަހެޅި އެ މައްސަލައާ ބެހޭ ގޮތުން ސީީއޭއެސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އެ އިންތިހާބުގެ ތެރޭގައި އޭއެފްސީން ޖިންސީ ތަފާތު ކުރުން ގެންގުޅުނު ކަމަށާ އަދި އެ އިންތިހާބަށް ނުރަނގަޅު ނުފޫޒުތައް ފޯރުވި ކަމަށް ކޮށްފައިވާ ތުހުމަތު ސީއޭއެސްގެ ޕެނަލަށް ސާބިތުވާ ކަމަށެވެ. އެކަމަކު މާޔަން ހުށަހަޅުއްވާފައިވާ ގޮތަަށް އިންތިހާބުގެ ނަތީޖާތައް ބާތިލްކުރުމުގެ ބާރު އެ ކޯޓަށް ނެތް ކަމަށް ބަޔާނުގައިވެ އެވެ. އެ ގޮތުން އިންތިހާބާ ބެހޭ ވަކި ނިންމުމެއް ނިންމާނީ އޭއެފްސީން ކަމަށް ސީއޭއެސް އިން ބުނެފައިވެ އެވެ.