17 ފެބުރުއަރީ 2021 - 11:42

ހުޅުމާލޭގައި ކުރީގެ ސަރުކާރުން އެޅި 7،000 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ނުލިބުނު އެންމެން ބާކީ ނުވާނެ ކަމަށާއި އެ މީހުންނަށް ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ 7،000 ފްލެޓަށް ފޯމް ލީ 22،000 މީހުންގެ ތެރެއިން ލިއުންތައް ހުށަހެޅި 19،000 މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބޯހިޔާވަހިކަން ބޭނުންވާ މީހުން ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެހެންވެ، މިހާރު ހިނގަމުން އަންނަ މަޝްރޫއުތަކާއި ކުރިއަށް ހުރި މަޝްރޫއުތަކުން ފްލެޓް ދޫކުރުމުގައި އެކަމަށް ރިއާޔަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ފްލެޓްތަކުގައި ދިރިއުޅުމަށް ފުރުސަތު ދިނުމުގައި އެގޮތަށް ހުރި ފަަރާތްތަކަށް އަޅުގަނޑުމެން ކޮންސިޑަރޭޝަން ދޭނަން. އޭގެ ތެރޭގައި އެ ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުސަތު ދޭނަން،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން މީހެއްގެ ދިރިއުޅުމުގެ ހާލަތު މީގެ އެއް އަހަރު ފަހުން ބަލާއިރު ބަދަލުވެފައި އޮންނާނެތީ އެ ހާލަތު އަލުން ބަލާނެ ކަމަށެވެ. ފްލެޓް ދޭން އަލުން އިވެލުއޭޓް ކުރާއިރު ކުރިން އޮތް ގޮތަށް ކްރައިޓީރިއާ ނޯވެދާނެ ކަަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ ހަތް ހާސް ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ނުލިބުނު މީހުން، ކްރައިޓީރިއާ އަށް އަންނަ ބަދަލުގެ ސަބަބުން ބާކީ ނުވާނެ ކަމަށެވެ.
"ހަތް ހާސް އަށް ސަތޭކަ ވިހި ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފްލެޓް ނުލިބުނު ފަރާތްތައް އެކީގައި ބާކީވެގެން ދިޔައިކީއެއް ނޫން. ސަރުކާރަށް ވިސްނޭ އެއީ ހައުސިން ނީޑް އޮތް ބައެއް ކަމުގައި. އެ މީހުން ލައިގެން އެ މީހުންނަކީ ތިބި ބައެއް ކަމަށް ބަލައިގެން ކުރިއަށްދާ މަޝްރޫއުތައް އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އޭނާއަށް ލިބިވަޑައިގެންނެވީ އިއްޔެ އެވެ. އެ ލިސްޓް ލިބުނު އިރު އިތުރަށް ބަލަން ޖެހޭ ކަމަށް ފްލެޓް ކޮމިޓީން ފާހަގަކޮށްފައިވާ ކަންތައްތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅި ހައުސިން ޔުނިޓްތައް ލިބޭނެ ފަރާތްތައް އޭރު އޮތީ ކަނޑައަޅައިފަ އެވެ. ނަމަވެސް އެ ލިސްޓް އޮތީ ރަނގަޅަށް ނޫން ކަމަށް މިހާރުގެ ސަރުކާރަށް ފެނިގެން އެކަން ބަލަން އުފެއްދި ކޮމިޓީން އަލުން އެކުލަވައިލި ލިސްޓާ މެދު ގިނަ ޝަކުވާތަކެއް އެބަ ހުއްޓެވެ. އެގޮތުން ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީން ކަނޑައެޅި ބައެއް މީހުން ގެންދަނީ އެކަން ދޮގުކޮށް، ނުރުހުން ފާޅުކުރަމުންނެވެ.