އިސްމާއިލް ރަޝީދަށް ޖަލުގައި ފަރުވާ ނުދޭ މައްސަލަ މިއަދު ކުރިއަކަށް ނުގެންދެވުނު
އިސްމާއިލް ރަޝީދަށް ޖަލުގައި ފަރުވާ ނުދޭ މައްސަލަ މިއަދު ކުރިއަކަށް ނުގެންދެވުނު

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ދައުވާލިބޭ އިސްމާއިލް ރަޝީދަށް ޖަލުގައި ބޭސްފަރުވާ ނުދޭ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން އިންޓަނެޓްގެ މައްސަލަތަކާ ހެދި ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

އޭޕްރީލް، 2017 ގައި ޔާމީން ރަޝީދު ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ މ. ތާއިފް އިސްމާއިލް ރަޝީދުގެ އިތުރުން ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އިސްމާއިލް ރަޝީދަށް ޑޮކްޓަރުގެ ލަފައާ އެއްގޮތަށް ޖަލުގައި އެކަށީގެންވާ ފަރުވާ ނުދިނުމާއި އަނިޔާ ކުރުމުގެ އިތުރުން އޭނާގެ އަމިއްލަ ތަކެެތި ކަރެކްޝަންސް އިން އަތުލާފައިވާ ކަމުގެ ޝަކުވާތަކެއް އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ކުރިން އޮތީ ކޮށްފަ އެވެ. އެކަމާ ގުޅިގެން އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މައުލޫމާތު ސާފުކުރަން ކަރެކްޝަންސްގެ ސާވިސްގެ ވަކީލުން މިއަދު ހާޒިރުކުރި އެވެ.

އެހެން ނަމަވެސް އިންޓަނެޓްގެ މައްސަލަތަކާ ހެދި ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ދެން އެ މައްސަލަ ކުރިއަށް ގެންދާނީ ފިޒިކަލީ މީހުން ކޯޓަށް ހާޒިރު ކޮށްގެން ކަމަށެވެ. އަދިި އެ އަޑުއެހުން ބާއްވާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ވިދާޅުވި އެވެ.

ތިން އަހަރަށް ދިގު ދެމިގެންދިޔަ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދެ ފަރާތުގެ ހެކިވެރިންގެ ހެކިބަސް ނަގައި ނިމި މިހާރު އެ މައްސަލަ އޮތީ ނިމުމަކާ ގާތުގަ އެވެ. ދެން އޮންނާނީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުމެވެ.