ލައިސަންސް ނެތިގެން ޖޫރިމަނާ ކުރި ކުދިންނަށް ހައްލެއް ހޯދައިދޭނަން: ރައީސް
ލައިސަންސް ނެތިގެން ޖޫރިމަނާ ކުރި ކުދިންނަށް ހައްލެއް ހޯދައިދޭނަން: ރައީސް

ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ޖޫރިމަނާކޮށްފައިވާ ކުޑަކުދިންނަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕެއިންގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓުންނާ ވާޗުއަލްކޮށް ރޭ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ލައިސަންސް ޖޫރިމަނާއާ ގުޅޭ ގޮތުން ކެނޑިިޑޭޓަކު ފާޅު ކުރެއްވި ކަންބޮޑުވުމަކާ ގުޅިގެން ރައީސް ވިދާޅުވީ އުމުރުން 18 އަހަރު ނުފުރޭ ކުދިން ވެހިކަލް ދުއްވައިގެން ޖޫރިމަނާ ކުރާ މައްސަލަ މާލޭގައި ވެސް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ޖޫރިމަނާއެއް އޮވެއްޖެ ނަމަ އެ ކުދިން ކައިވެނި ކުރުމަށް ވެސް ހުރަސްތަކެއް ހުންނަ ކަމަށާއި އެ މައްސަލަ އަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޖޫރިމަނާ ދައްކަން އޮވެއްޖިއްއާ ކައިވެނި ވެސް ނުކުރެވޭ. ކޯޓުން މި އަންގަނީ އެބައޮތޭ ޖޫރިމަނާއެއް އެ ނުދައްކަނީހެއް ނުކުރެވޭ. އެހެން ތިބޭ ކުދިން ވެސް އެބަހުރި. އެކަހަލަ ކަންތައް ހުއްޓުވައިގެން ނުވާނެ. އެއަށް ހައްލެއް ހޯދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި 18 އަހަރު ނުފުރެނީސް ބައެއް ކުދިންނަށް ސައިކަލު ދުއްވެނީ އެވެ. އެ ކުދިން ލައިސަންސް ނަގައިގެން ސައިކަަލް ދުއްވަން ފަރިތަ ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވެހިކަލްތަކަށް އަރާފައިވާ ޖޫރިމަނާތައް އިންތިހާބުތަކާ ދިމާކޮށް މީގެ ކުރިން ވެސް ސަރުކާރުތަކުން މާފުކޮށްދެ އެވެ.