ހޯމް މިނިސްޓްރީން ވިކްޓަރީގެ އިންތިހާބު ކެންސަލްކޮށް، އިސްތިއުފާ ދެއްވި ޗެއާޕާސަން އަލުން މަގާމަށް؟
ހޯމް މިނިސްޓްރީން ވިކްޓަރީގެ އިންތިހާބު ކެންސަލްކޮށް، އިސްތިއުފާ ދެއްވި ޗެއާޕާސަން އަލުން މަގާމަށް؟

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާޕާސަނާއި ބޯޑް ދެ މެމްބަރުން އިސްތިއުފާ ދިނުމުން އެ މަގާމްތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބޭއްވި ޖަލްސާ ހޯމް މިނިސްޓްރީން ބާތިލްކޮށް، އަދިވެސް އެ ކްލަބުގެ ޗެއާޕާސަނަކީ އިސްތިއުފާ ދެއްވާފައިވާ މަޖިލިސް މެމްބަރު އަހުމަދު އައްސަދު ކަމަށް އަންގައިފި އެވެ.

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އައްސަދާއި ބޯޑް ދެ މެމްބަރުން ކަމަށްވާ މުހައްމަދު އަޝްމަލީ އަދި ޑރ. އިބްރާހިމް ނާޝިދު (ނާޝް) އިސްތިއުފާ ދެއްވާފައިވާތީ ކްލަބުން މިދިޔަ މަހު ބޭއްވި އިންތިހާބަށް ފަހު ޗެއާޕާސަންގެ މަގާމަށް އިންތިހާބުކުރީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ. އަދި ބޯޑް މެމްބަރުންނަށް ހޮވާފައިވަނީ މަރިޔަމް މުހައްމަދު (މާޔަން) އަދި ކުރީގެ ކުޅުންތެރިޔާ އަހުމަދު އަރީޝް (ޕަޓޭ) އެވެ.

ވިކްޓަރީގެ ވައިސް ޗެއާމަން އަބްދުﷲ މައުމޫން (މާނު) އަށް އެޑްރެސްކޮށް ހޯމް މިނިސްޓްރީގެ ރަޖިސްޓްރާ ޔޫސުފް އަބްދުލްގަފޫރު މިއަދު ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ ވިކްޓަރީގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަގާމްތަކަށް ބޭފުޅުން އިންތިހާބުކޮށްފައިވަނީ ކްލަބުގެ އިންތިހާބުވެފައިވާ ދެ ނައިބް ރައީސުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް އިއުލާންކުރުމެއް ނެތި ކަމަށް އެ ފަރާތުން މިނިސްޓްރީ އަށް ލިޔުމަކުން އަންގާފައިވާ ކަމަށެވެ.

އަދި ޖަމިއްޔާގެ ހިންގާ ގަވާއިދުގައިވާ ގޮތުން ރައީސް ނެތް ހާލަތެއްގައި ކްލަބް ހިންގުމުގެ ހުރިހާ ކަމެއް ކުރައްވާނީ ނައިބް ރައީސްގެ ބެލުމުގެ ދަށުން ކަމަށާއި އެހެންވެ އެ ކްލަބުގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަގާމްތަކަށް އިންތިހާބުކުރުމަށް ބޭއްވި ބައްދަލުވުން ބާއްވާފައިވަނީ ކްލަބުގެ ހިންގާ ގަވާއިދާ ހިލާފަށް ކަމަށްވާތީ 17 އޮކްޓޯބަރުގައި ބޭއްވި ބައްދަލުވުމަކީ ބާތިލް ބައްދަލުވުމެއް ކަމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ކްލަބުގެ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވިފައިވާ ބައްދަލުވުމަކަށްވާތީ އެ އިންތިހާބަކީ ބާތިލް އިންތިހާބެއް ކަމުގައި ކަނޑައަޅައި ކުރިން އޮތް ހިންގާ ކޮމިޓީ އަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ. އެ ސިޓީއާ އެކު ހިމަނާފައިވާ ހިންގާ ކޮމިޓީގެ މެމްބަރުންގެ ލިސްޓުގައި ޗެއާޕާސަންގެ މަގާމުގައި ޖަހާފައިވަނީ އައްސަދުގެ ނަމެވެ. އަދި އިސްތިއުދާ ދެއްވާފައިވާ ދިރާގުގެ ޗެއާމަން އަޝްމަލީ އާއި ވިކްޓަރީގެ ބާނީ ކެނެރީ އަބްދުއްސައްތާރުގެ ބޭފުޅެއް ކަމަށްވާ ނާޝްގެ ނަން ހިމެނެ އެވެ.

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމުން އައްސަދު ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ޖުލައި މަހު އެވެ. ކްލަބުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ އައްސަދުގެ އިސްތިއުފާ ހިންގާ ކޮމިޓީއަށް ހުށައެޅުމުން އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އައްސަދާއި އަޝްމަލީ އަދި ނާޝްގެ އިސްތިއުފާގެ ލިޔުން ހޯމް މިނިސްޓްރީ އަށް ހުށައަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން އިންތިހާބު ބާތިލްކުރި ނަމަވެސް އިސްއިއުފާ ދެއްވާފައިވާ މެމްބަރުން ހޯމް މިނިސްޓްރީގެ ލިސްޓުގައި ހިމެނުމުން ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

މިކަމުގައި ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) ވިދާޅުވީ ކްލަބަށް އަދި އެފަދަ ސިޓީއެއް ނުލިބޭ ކަމަށެވެ. ސިޓީ އެޑްރެސްކުރައްވާފައިވަނީ ކްލަބުގެ ވައިސް ޗެއާމަނަށް ކަމަށްވާއިރު އޭނާ މިވަގުތު ރާއްޖޭގައި ވަޑައިގެން ނެތެެވެ. ހޯމް މިނިސްޓްރީގެ ފަރާތުން ވެސް މިކަމުގައި ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.