ކޮރޯނާވައިރަސްއަށް މިވަނީ ކިހިނެއް؟ ބައެއް ޖަވާބުތައް
ކޮރޯނާވައިރަސްއަށް މިވަނީ ކިހިނެއް؟ ބައެއް ޖަވާބުތައް

ކޮރޯނާވައިރަސްގެ އާ ވޭރިއަންޓެއް ފެންނަ އިރަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ބްރޭކިން ނިއުސް ގެނެ އެވެ. އޭގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑެތި އޮޅުންތައް އަރައި، ބައެއް މީހުން ބިރުގަންނަ ގޮތްވެ އެވެ. އަދި ވަރަށް ގިނައިން އެފަދަ ހަބަރުތައް ސޯޝަލް މީޑިއާގައި ހިއްސާ ވެސް ކުރެ އެވެ.

އެކަމަކު ވައިރަސް އަކީ އޭގެ ޒާތުގައި އަބަދުވެސް ބަދަލުވަމުން، އާ ވޭރިއަންޓްތައް އުފައްދާ އެއްޗެކެވެ. އެގޮތުން ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސްގެ ވެސް އެތައް ހާސް ވޭރިއަންޓެއް މިހާތަނަށް ފެނިފައިވެ އެވެ. އެކަމަކު ސައިންސްވެރިން ކަންބޮޑުވާ ފަދަ ބަދަލުތަކެއް އައިސްފައި ވަނީ، އިނގިރޭސި ވިލާތާއި ސައުތު އެފްރިކާ އަދި ބްރެޒިލް އިން ފެނުނު ތިން ވައްތަރުގެ ވޭރިއަންޓަކަށެވެ. އެ ވޭރިއަންޓްތައް ތަފާތުވަނީ، ބަލި ފަތުރައިދޭލެއް މަތިކަމުންނެވެ. އެކަމަކު މިހާތަނަށް އެއިން އެއްވެސް ވޭރިއަންޓަކުން ފުރާނައަށް ނުރައްކާވާ މިންވަރު މަތިކަމަކަށް، ދިރާސާތަކުން އަދި ނުދައްކަ އެވެ.

އިންސާނުންގެ ތެރޭގައި ފެތުރޭ ވައިރަސްތައް ބަދަލުވުމަކީ ގުދުރަތީ ކަމެކެވެ. ހާއްސަކޮށް ވައިރަސް ފެތުރޭލެއް މަތިވާ ވަރަކަށް އެއަށް އަންނަ ބަދަލުތައް ވެސް ގިނަވެ އެވެ. މިހާތަނަށް ދުނިޔޭގައި 110 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައި ވުމަކީ، ކުއްލިއަކަށް ފެނުނު ވައިރަސްއަކަށް ބަލާ ނަމަ ވަރަށް ގިނަ މިންވަރެކެވެ. މީގެ އަށެއްކަ އަހަރު ކުރިން ފެތުރުނު ސާސް ޖެހުނީ 10،000 އަށް ވުރެ މަދު ބަޔަކަށެވެ.

ކޮރޯނާވައިރަސްއަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް އަރާ ވައިރަސް އެވެ. މިހާތަނަށް އޭގެ ހަތް ވައިރަސްއެއް ފާހަގަވެފައިވެ އެވެ. އެކަމަކު ކޮވިޑްހާ ބޮޑަށް ފެތުރުނު އެއްޗެއް ނެތެވެ. ނިސްބަތުން ކޮވިޑްގައި މަރުވާ މީހުންގެ އަަދަދު، ސާސް އާއި މާސްއަށް ވުރެ މާ މަދެވެ.

އިންސާނުންގެ ހަށިގަނޑަށް ވައިރަސް ވަނުމަށް ފަހު، ސެލްތައް ބޭނުންކޮށްގެން ހަށިގަނޑުގެ ތެރޭގައި އެ ގިނަކޮށްލަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ވައިރަސްގެ ކޮޕީތައް އުފެދެ އެވެ. އެކި މީހުންގެ ތެރޭގައި ފެތުރި، ހެދޭ ކޮޕީތައް ވެސް ގިނަވެ އެވެ. މި ދިގު ބުރު ޖެހުމުގައި، ވައިރަސްގެ ބައިތަކަށް ބަދަލު އާދެ އެވެ. މިފަހަރުގެ ކޮރޯނާވައިރަސްގައި ބޮޑަށް ބަލި ފެތުރޭ ވޭރިއަންޓްތަކަށް ބަދަލު އައިސްފައި ހުރީ، ކަށިތަކެއްގެ ގޮތަށް ފެންނަ ޕްރޮޓީންގެ ބައިތަކަށެވެ. އިންސާނާގެ ސެލްތަކަށް ހަމަލާދެނީ ވައިރަސްގެ ބޭރު ފަށަލާގައި ހުންނަ މި ޕްރޮޓީން ކަށިތަކެވެ.

ސައިންސްވެރިން ފުރަތަމަ ލަފާކުރި ގޮތުގައި އިނގިރޭސި ވިލާތުގެ ވޭރިއަންޓުން ބަލިޖެހޭ ނިސްބަތް 70 ޕަސެންޓް މައްޗެވެ. އެކަމަކު އެންމެ ފަހުގެ ދިރާސާތަކުން ދައްކަނީ އެ ނިސްބަތް އުޅެނީ 30-50 ޕަސެންޓްގައި ކަމެވެ. އާ ވައިރަސްއަކަށް ވާތީ މި މައުލޫމާތުތައް އަބަދުވެސް ހުންނަނީ ބަދަލު ބަދަލުވެ އެވެ.

ވައިރަސްއަށް އަންނަ ބަދަލުތަކުގެ މިސާލެއްގެ ގޮތުގަައި އިންފްލުއެންޒާ ވައިރަސް ނެގިދާނެ އެވެ. އިންފްލުއެންޒާ ރޯގާ ބާރަށް ފެތުރެން ފަށައިފި ނަމަ ވެކްސިން ޖަހަ އެވެ. ކޮންމެ އަހަރަކު ވެސް މި ރޯގާއާ ބައެއް ގައުމުތަކުން ކުރިމަތިލަ އެވެ. އަދި ކޮންމެ އަހަރަކު ވެކްސިނަށް ވެސް ބަދަލުގެނެ އެވެ.

ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ އޮކްސްފަޑް-އަސްޓްރަޒެނެކާ އަދި ފައިޒާގެ ވެކްސިނަށް ވުރެ، އިންފްލެއެންޒާ ވެކްސިނުން ދިފާއުވެވޭ މިންވަރު މާ ދަށެވެ. އެކަމަކު އާންމު ގިނަ މީހުންނަކަށް މި މައުލޫމާތެއް ނޭނގެ އެވެ.

ކޮރޯނާވައިރަސްގެ މިހާތަނަށް ފެނުނު ކަންބޮޑުވާން ޖެހޭ ވޭރިއަންޓްތަކާ ދެކޮޅަށް މިހާރުގެ ގިނަ ވެކްސިން މަސައްކަތްކުރެ އެވެ. އެގޮތުން ރާއްޖޭގައި ދޭ ކޮވިޝީލްޑް ނިސްބަތްވާ އޮކްސްފަޑް ވެކްސިން، އިނގިރޭސި ވިލާތުގެ ވޭރިއަންޓާ ދެކޮޅަށް ރަނގަޅު ދިފާއުއެއް އުފައްދަ އެވެ. ސައުތު އެފްރިކާގެ ވޭރިއަންޓަށް އެ ވެކްސިންގެ އަސަރު ރަނގަޅަށް ނުކުރިޔަސް، އެ ވޭރިއަަންޓުން ބަލި ޖެހޭ މީހުންގެ ހާލަތު ސީރިއަސް ދަރަޖައަށް ގެންގޮސްދިނުން ކުޑަކޮށްދޭ ކަމަށް، ސައިންސްވެރިން ބުނެ އެވެ.

ފައިޒާ ވެކްސިނުން މި ހުރިހާ ބާވަތެއްގެ ވޭރިއަންޓާ ދެކޮޅަށް ވެސް މަސައްކަތްކުރެ އެވެ. ނަމަވެސް ވައިރަސްގެ އާންމު ބާވަތްތަކަށް ވުރެ ކުޑަކޮށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އާ ވޭރިއަންޓްތަކަށް ބިނާކޮށް ވެކްސިނަށް ބަދަލު ގެންނަން ޖެހޭނެ އެވެ. އަދި އެ ގާބިލްކަން ހުރި ކަމަށް، ވެކްސިން އީޖާދުކުރާ ފަރާތްތަކުން ބުނެ އެވެ.

ކުރިއަށް ދެން ވެސް އޮތީ ކޮރޯނާވައިރަސްގެ އާ ވޭރިއަންޓްތައް ފެނުމުގެ މަރުހަލާއެކެވެ. ގިނަ ބައެއްގެ ތެރޭގައި ފެތުރޭ ވަރަކަށް އެ ބަދަލުތައް އަންނާނެ އެވެ. އަދި ސައިންސްވެރިން ގެންދަނީ ވަރަށް ކައިރިން އެކަންކަން ބަލަމުންނެވެ.

އިންސާނާގެ އެންމެ ބޮޑު ޒިންމާއަކީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކެވެ. ގައިދުރުކަން ބެހެއްޓުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި މާސްކް އެޅުން ފަދަ ކަންކަމުން، ބަލިން ރައްކާތެރިވެ އެވެ. ވައިރަސް ފެތުރުން މަދުކުރެވޭ ވަރަކަށް، އާ ވޭރިއަންޓްތައް އުފެދުން ވެސް މަދުކުރެވޭނެ އެވެ.