17 ފެބުރުއަރީ 2021 - 08:46

ބުޑަޕެސްޓް، ހަންގޭރީ (ފެބްރުއަރީ 17) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޖަރުމަނުގެ އާރްބީ ލައިޕްޒިގު އަތުން 2-0 އިން މޮޅުވެ ލިވަޕޫލް ހަމަޖެހުމެއް ހޯދައިފި އެވެ.
ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު މެޗުތަކުން ބަލިވެފައިވާތީ ލިވަޕޫލް އޮތީ ފޯމު ގެއްލިފަ އެވެ. އެކަމަކު ރޭގެ މެޗުގައި ނަތީޖާ ނެރެވުމާ އެކު ކުއާޓާ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައި ލިވަޕޫލުން މި ވަނީ ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ހޯދައިފަ އެވެ. ލިވަޕޫލް ދަނޑުގައި އަންނަ މަހު 10 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ކުއާޓާގެ ޖާގަ ކަށަވަރުކުރެވޭނެ އެވެ.
"ވަރަށް ގިނަ ބަޔަކު އުއްމީދުކުރާނެ މި މެޗުގައި ވެސް އަހަރެމެން (ލިވަޕޫލް) ބަލިވާނެ ކަމަށް. އެކަމަކު އެހެން ވާކަށް ކުޅުންތެރިން ބޭނުމެއް ނުވި. އަހަރެން ވެސް ބޭނުމެއް ނުވި. އެ މަސައްކަަތް ދަނޑުމަތީގައި ވަރަށް ފުރިހަމަ އަށް މި ދިޔައީ. އުނދަގޫ މެޗަކުން މޮޅުވުމަކީ ކުރިއަށްދާން ފަސޭހައެއް،" ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.
ޖަރުމަނު ސަރުކާރުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިންގްލެންޑުން އަންނަ މީހުންނަށް މި ވަގުތު ޖަރުމަނަށް އެތެރެނުވެވެ އެވެ. އެހެންވެ ލައިޕްޒިގު ދަނޑުގައި އެ ޓީމުގެ ހޯމް މެޗު ކުޅެވޭނެ ގޮތެއް ނެތުމުން އެ މެޗު ރޭ ކުޅުނީ ހަންގޭރީގެ ބުޑަޕެސްޓްގަ އެވެ. ޕުސްކަސް އެރީނާގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ލައިޕްޒިގުގެ ޑެނީ އޮލްމޯ ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑި އަށް އަމާޒުވި އެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިވަޕޫލަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ލިވަޕޫލުން ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފްގަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 55 ވަނަ މިނިޓްގައި މުހައްމަދު ސަލާހު އެވެ. ލައިޕްޒިގުގެ ކެޕްޓަން މާސެލް ސަބިޓްޒާ ފަހަތަށް ދިން ބޯޅައެއް ހޯދައި ސަލާހް ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ލައިޕްޒިގުގެ ފަހަތަށް ކުޅޭ ނޯޑީ މުކިއޭލޭ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މާނޭ ވަނީ ލިވަޕޫލަށް ދެ ވަަނަ ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ލައިޕްޒިގަށް ގޯލެއް ޖަހައިދޭން އެ ޓީމަށް ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑް ހީ ޗަން އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.