09 ނޮވެމްބަރ 2016 - 21:02

ށ. ބިލެތްފަހި ފަރަށް އެރި ކުޑަ ދޯންޏަކުން ވަލެއް ހިފައިގެން މޫދަށް ފުންމާލި މީހަކު ގެނބިގެން މަރުވެއްޖެ އެވެ.
މަރުވި މީހާގެ ދަރިފުޅު އަދި އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު މިރޭ ވިދާޅުވީ އެ ހާދިސާ ހިނގީ މެންދުރު 2:45 ހާއިރު އެ ރަށުން ނެރުން ވަންނިކޮށް ދޯނި ނެގި ރާޅަކާއެކު ފަރުމައްޗަށް ލެއްގުމުން ވަލެއް ހިފައިގެން މޫދަށް ފުންމާލުމުން ގެނބިގެން ކަމަށެވެ.
މި ހާދިސާގައި މަރުވީ އެ ރަށު ފޭރުމާގެ، މުހައްމަދު ސިރާޖު އިދުރީސް 55، އެވެ.
މެންދުރު 2:45 ހާއިރު ހިނގި އެ ހާދިސާގައި މޫދުން ނެގިއިރު ވެސް މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"ބައްޕަ ދޯނީގައި ރަށު ބޭރަށް ނުކުތީ މާލެ ދާ ބަޔަކު ބޯޓަށް ލާން. ނެރުގައި ރާޅު ގަދަ ދުވަހެއްވީމަ ރާޅަކާ ޖެހިފައި ފަރުމައްޗަށް ދޯނި ލެއްގީ. އެ ވަގުތު ވަލެއް ހިފައިގެން ފެބީމާ އޮއި ގަދަ ބޭރަށް ގޮސްގެން ގެނބުނީ،" އޭނާ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ސިރާޖު ގެނބެން ފެށުމުން އަތިރިމަތީގައި އެ ވަގުތު ތިބި ބަޔަކު ފަތާފައި އޭނާ ސަލާމަތްކުރަން ދިޔަ ކަމަށެވެ. ނަމަވެސް ނެގި އިރު އެެއްވެސް ހަބަރެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.