ބައި ލައްކަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި
ބައި ލައްކަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭން ވެކްސިން ޖެހި މީހުންގެ އަދަދު ބައި ލައްކައަށް ވުރެ އިތުރުވެއްޖެ އެވެ.

މި މަހު ފުރަތަމަ ދުވަހުން ފެށިގެން މާލެ އާއި ރަށްރަށުގައި ވެކްސިން ދެމުން އަންނައިރު، ވެކްސިން ޖަހާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ.

އެޗްޕީއޭން މިރޭ ބުނި ގޮތުގައި މިއަދު ވެސް 6،230 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ވެކްސިން ޖެހި 4،020 މީހުން ހިމެނެ އެވެ.

ޖުމްލަ އަދަދަށް ބަލާއިރު، މާލެ ސަރަހައްދުން، 39،309 މީހުންނަށް ވެކްސިން ދީފައިވާ އިރު، ރަށްރަށުން 10،500އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. ރިސޯޓުތަކުން 219 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަނީ އިންޑިއާ އިން ހަދިޔާކުރި އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ވެކްސިންގެ 100،000 ޑޯޒް ހަދިޔާ ކުރި އިރު، އޭގެ ދެބައިކުޅަ އެއްބައި މިހާރު ޖަހާ ނިމުނީ އެވެ. ކޮންމެ މީހަކަށް ދެ ޑޯޒް ވެކްސިން ދޭން ޖެހޭއިރު މިހާރު ނިންމާފައި ވަނީ މި 100،000 ޑޯޒް ހުސްވަންދެން ޖަހާށެވެ. އިތުރު ވެކްސިން ލިބުމުގެ މަގުމަތީގައިވާ ކަމަށާއި ވެކްސިން ޕްރޮގްރާމް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ، އެމްއެފްޑީއޭގެ ހުއްދަ ލިބުމާ އެކު ޗައިނާގެ ވެކްސިން ވެސް ޖަހަން ނިންމާފަ އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހުމުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފަ އެވެ.