ނަމްބަރު ދަށެއް ނުވޭ، މިއަދު 129 މީހަކު ކޮވިޑަށް ޕޮޒިޓިވް
ނަމްބަރު ދަށެއް ނުވޭ، މިއަދު 129 މީހަކު ކޮވިޑަށް ޕޮޒިޓިވް

ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 129 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނިގޮތުގައި މިއަދު ޓެސްޓުކުރި 5،045 ސާމްޕަލްގެ ތެރެއިން، މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 120 މީހުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުން ތިން މީހުން ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން ހަ މީހަކަށް ބަލިޖެހިފައި ވެ އެވެ.

އެޗްޕީއޭން ބުނިގޮތުގައި ކޮވިޑަށް ފަރުވާ ދިނުމަށް، 172 މީހަކު އެޑްމިޓްކޮށްފައިވާއިރު، 15،633 މީހަކު ވަނީ ރަނގަަޅުވެފަ އެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2،384އަށް އަރާއިރު ބަލީގައި 58 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

މާލެ ސަރަހައްދުގެ އިތުރުން ބަލި މިހާރު އެންމެ ބޮޑަށް ފެތުރިފައިވަނީ އައްޑު އާއި ފުވައްމުލަކުގަ އެވެ.

ކޮވިޑްގެ ތިން ވަނަ ރާޅު ރާއްޖެއަށް މިހާރު ބިންދާލާފައިވާއިރު، ބަލި ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ރޭގަނޑު ވަކި ވަގުތުތަކެއްގައި ވެހިކަލް ނުދުއްވޭއިރު، 10 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމަކީ މަނާ ކަމެކެވެ.

ކުރިއަށް އޮތް ދެ ހަފުތާއަށް، މި ފިޔަވަޅުތައް މިއަދު ވަނީ ދިގު ދަންމާލާފަ އެވެ.