16 ފެބުރުއަރީ 2021 - 21:14

ކޮވިޑް-19އިން ރައްކާތެރިވުމަށް، މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ދެ ހަފުތާއަށް ދިގު ދަންމާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް، މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 14 ދުވަހަށް އަޅާފައިވާ ފިޔަވަޅުތައް، އިތުރު 14 ދުވަހަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުން އަންނައިރު، ބަލި ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުުތަކެއް މިހާރު ވަނީ އަޅައިފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަވީރު 6 އިން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް ނުކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ.
ކޮވިޑްގެ ހާލަތު އައްޑޫގައި ވެސް ގޯހެވެ. އެހެންވެ، އެ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ހަފުތާއަކަށް ވަނީ ދިގު ދަންމާލާފަ އެވެ.
ކޮވިޑާ ގުޅިގެން، އައްޑޫގައި އެއް އަވަށުން އަނެއް އަވަށަށް ދިޔުން މަނަލެވެ. ރޭގަނޑު 8:00 އިން ފަތިހު 4:00އާ ދެމެދު މަގުމައްޗަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ސްކޫލުތައް ބަންދުކޮށްފައިވާއިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފަ އެވެ.
އައްޑޫގައި 60 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.