މަރުވެފައި އޮތް މީހަކު ފަޅުރަށަކުން ފެނިއްޖެ
މަރުވެފައި އޮތް މީހަކު ފަޅުރަށަކުން ފެނިއްޖެ

ވ. ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ބިދޭސީއެއް ކަމަށް ބެލެވޭ އެ މީހާގެ ހަށިގަނޑު ފެނުނީ އެ ރަށަށް ދަނޑި ކަނޑަށް ގޮސް އުޅުނު ބަޔަކަށް ކަމަށެވެ. އެކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ހަށިގަނޑު މާލެ ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

މަރުވެފައި އޮތް މީހާ އަކީ އެ ރަށުގައި އުޅޭ މީހެއް ކަމެއް ނުވަތަ އެހެން ގޮތަކުން އެ ރަށަށް އެރި މީހެއް ކަމެއް ވެސް ފުލުހުންގެ ފަރާތުން އަދި ސާފެއް ނުވެ އެވެ. ބުނީ މަރާ މެދު ތުހުމަތުކުރެވޭ ފަދަ ކަމެއް އަދި ފާހަގަވެފައި ނެތް ކަމަށެވެ.