މަޖިލީހުން ފޮނުވި ނޯޓިސް އަނބުރާ ފޮނުވާލާނަން، ގާނޫނީ މައްސަލަ އެބަހުރި: މަލީހު
މަޖިލީހުން ފޮނުވި ނޯޓިސް އަނބުރާ ފޮނުވާލާނަން، ގާނޫނީ މައްސަލަ އެބަހުރި: މަލީހު

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހަށް ހާޒިރުވުމަށް ފޮނުވި ނޯޓިސްގައި ގާނޫނީ މައްސަލަތައް އެބަހުރި ކަމަށާއި އެހެންވެ، މާދަމާ އެ އަނބުރާ ފޮނުވާލާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، މި މަހުގެ 10 ވަނަ ދުވަހު، އެމްޑީޕީގެ ފަރާތުންނެވެ. އޭގެ ފަހުން މަލީހާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެކަމާ އަރާރުންވެ ވަޑައިގެން، މިދޭތެރެއިން ސޯޝަލް މީޑިއާގައި ދެ ބޭފުޅުންނަށް ބަހުގެ ހަމަލާތައް ބަދަލު ކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޯޓިސް ލިބިއްޖެ ކަމަށާއި އެކަމަކު ގަރާރު ތައްޔާރުކުރެއްވި މެމްބަރު، މަޖިލީހުގެ އެހެން 14 މެމްބަރަކަށް ވަނީ އޮޅުވާލައްވާފައި ކަމަށެވެ. އަދި އެކަމާ މެދު ސުލޫކީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ކަމަކުދާކަށް ނެތް... ހަމަނުޖެހޭ ދޮގު ވާހަކަ. ނަން ދިމައެއް ނުވޭ. ވަރަށް ބޮޑު ގާނޫނީ މައްސަލަތަކެއް،" މަލީހް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ "ގަރާރު ބާތިލް" ކަމަށާއި "މާދަމާ ނޯޓިސް އަނބުރާ ފޮނުވާލާނެ" ކަމަށެވެ.

މަލީހު ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާ މަގާމުން ވަކި ކުރައްވަން އުޅެނީ އަސާސެއް ނެތް ކަމެއްގެ އިލްޒާމް އަޅުވައިގެން ކަމަށާއި އެކަމަށް އަދަބު ދޭން އުޅުމަކީ ދުސްތޫރާ ހިލާފު ކަމެއް ކަމަށެވެ. އަދި އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަލީހާ ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ އިންޓަނެޓުގެ އަގާއި ސްޕީޑަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ވެސް އެ ސަބަބުތަކާ ގުޅުވައިގެންނެވެ.

އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިދިޔަ ނޮވެމްބަރު މަހު ވެސް އެމްޑީޕީ ޕީޖީއަށް ހުށަހެޅުއްވި އެވެ. އެކަމަކު، މަޖިލީހަށް ހުށަހެޅުމުގެ ބަދަލުގައި އެމްޑީޕީ ޕީޖީން އޭރު ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން އެ މައްސަލަ ކުރިއަށް ގެންދާށެވެ. މި ފަހަރު މަޖިލީހަށް މަލީހުގެ މައްސަލަ ހުށަހެޅިއަސް އެކަމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ގޮތެއް ނުނިންމަވަ އެވެ.