އިންތިޚާބުގެ ކުރިން 120 ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ
އިންތިޚާބުގެ ކުރިން 120 ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލި ބައެއް ކެންޑިޑޭޓުންގެ ނަން ނެގުމުން، ވޯޓަކާ ނުލައި 120 ކެންޑިޑޭޓުން މަގާމަށް ހޮވިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ގޮތުގައި އިންތިޚާބުގައި ވާދަކުރާ މީހުންގެ ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި، 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ. އަދި ބައެއް މީހުންގެ ކެންޑިޑެސީ ވަނީ ބާތިލްކޮށްފަ އެވެ. ވޯޓަކާ ނުލައި ގިނަ ބަޔަކަށް ގޮނޑި ލިބުނީ މި ސަބަބުތަކާ ހެދި އެވެ.

އީސީން ބުނި ގޮތުގައި ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ކައުންސިލް އިންތިޚާބުގައި ވާދަކުރި 169 މީހުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލި 139 މީހެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ދިހަ ދާއިރާއަަށް 15 މެމްބަރުން ހޮވިފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަތް ދާއިރާއަކަށް 28 މެމްބަރުން ހޮވިފައިވާ ކަމަށެވެ. އަދި ކޮމިޓީގެ އިންތިޚާބުގައި ދެ ދާއިރާއަކުން އެކަށީގެންވާ ވަރަށް މީހުން ކުރިމަތި ނުލާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީން ވާދަކުރާ މީހުންނެވެ. އެގޮތުން އެ ޕާޓީން ކުރިމަތިލާ 118 މީހެއްގެ ނަން ވަނީ ނަގައިފަ އެވެ.

އަންނަ އޭޕްރީލް ދިހައެއްގައި މިހާރު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މިހާރު ވާދަކުރަނީ 3،934 ކެނޑިޑޭޓުންނެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2،264 މީހުންނާއި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 މީހުންނެވެ.

މިދިޔަ އަހަރު އޭޕްރިލްގައި ބާއްވަން އޮތް އެ އިންތިހާބު ފުރަތަ ފަހަރު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުންނެވެ. އެހެންވެ، އިންތިހާބު ފަސްކުރުމާ އެކު ކައުންސިލަރުންނަށް މަގާމުގައި ދެމިތިބެވޭ ގޮތަށް ސަންސެޓް ގާނޫނެއް ފާސްކުރި އެވެ. އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. ނަމަވެސް އިންތިހާބު ބާއްވަން ވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލީމާ ކަމަށް ހަމަ އެ ގާނޫނުގައި އޮތެވެ.