އީސީގެ މެމްބަރުކަމަށް ޑރ. ޒާހިރު އައްޔަންކުރަން ފާސްކޮށްފި
އީސީގެ މެމްބަރުކަމަށް ޑރ. ޒާހިރު އައްޔަންކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މާލެ ހިޔާ 18-3، ޑރ. ޒާހިރު އީސީގެ މެމްބަރުކަމަށް އައްޔަންކުރަން ފާސްވީ 37 ވޯޓުންނެވެ.

އީސީން ހުސްވެފައިވާ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ރައީސް އެދިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވާފައި އޮތީ ޑރ. ޒާހިރުގެ ނަމެވެ.

އެއާއެކު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާގެ ނަން ދިރާސާކޮށް، މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ޑރ. ޒާހިރު އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.

އީސީއަށް ޑރ. ޒާހިރު އައްޔަންކުރެއްވީ އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި މެމްބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމުންނެވެ. އަކްރަމް އިސްތިއުފާ ދެއްވީ ކޮމިޝަންގެ މުވައްޒަފުންތަކެއް އޭނާއަށް ތުހުމަތުތަކެއް ކޮށް، މަޖިލީހަށް ހުށަހެޅި މައްސަލައެއް ކޮމިޓީން ބަލަަން ފަށާފައި ވަނިކޮށެވެ.

ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޕީއެޗްޑީ ހައްދަވާފައިވާ ޑރ. ޒާހިރު ވަނީ މީގެ ކުރިން އީސީގެ އިލެކްޝަންސް ވޯޓާ އެޑިއުކޭޝަން ޑިރެކްޓަރަކަށް މަސައްކަތްކުރައްވައިފަ އެވެ. އޭގެ އިތުރުން އެމްއެންޔޫގެ ސީނިއާ ލެކްޗަރާއަކަށާއި އެމްއެންޑީއެފްގައި ވެސް މަސައްކަތްކުރެއްވި އެވެ. އޭނާ މިހާރު ހުންނެވީ އީސީގެ އެޗްއާރު ޑިރެކްޓަރަކަށެވެ.