16 ފެބުރުއަރީ 2021 - 15:46

ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި މާލެއިން އއ. މަތިވެރިއަށް ވަޑައިގަތުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިއްޔެ ޖޫރިމަނާކޮށްފި އެވެ.
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މަތިވެރިއަށް ދަތުރުކުރި 11 މީހަކު ޖޫރިމަނާކުރި ކަމަށް، ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމަކު އޭގެ ތެރޭގައި ހިމެނޭ ވަކިވަކި މީހުންގެ މައުލޫމާތެއް ފުލުހުން ނުދެ އެވެ.
މަތިވެރި ކައުންސިލުން "މިހާރު"އަށް ކަށަވަރު ކޮށްދިން ގޮތުގައި ހުއްދަ ނެތި މަތިވެރިއަށް ބަޔަކު އައީ ޖާބިރުގެ އަރިހުގަ އެވެ. އެ ގްރޫޕް އެ ރަށަށް ދިޔައީ މިދިއަ ހުކުރުދުވަހެވެ. އެކަމަކު އިއްޔެ ފުލުހުން ވަނީ އެ އެންމެން މާލެއަށް ފޮނުވާލައިފަ އެވެ.
"އެ މީހުން މި ރަށުގައި ހުއްދަ ނެތި އުޅޭތާ ހަތަރު ދުވަސް ވެއްޖެ،" މަތިވެރީގެ ކައުންސިލަރަކު ވިދާޅުވި އެވެ.
ޖާބިރު ވަނީ މި ފަހުން އެންމެ އުތުރަށް ވެސް ދަތުރުތަކެއް ކުރައްވައިފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތައް ރާއްޖޭގައި އިތުރުވަމުން ދާއިރު މާލެ އާއި އެހެން ބައެއް ރަށްރަށުގައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެކަމަކު އެޗުޕީއޭގެ ހުއްދަ ނެތި މާލެއިން ބޭރަށް ދަތުރެއް ކުރައްވައިގެން މީގެ ކުރިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ޖޫރިމަނާކުރި ކަން، އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.