ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު ކިޔަވަން ފުރަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތެއް
ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު ކިޔަވަން ފުރަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތެއް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށް ފަހު، ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުން އެކަން އެންގުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން އެނބުރި ކިޔަވަން ދިޔުމުގެ ކުރިން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ މިނިސްޓްރީގައި އެދެމުން އަންނަ ކަމަށެވެ.

އެ ފުރުސަތު ބޭނުންވާ ދަރިވަރުންގެ ތެރެއިން ރާއްޖެއިން ބޭރަށް ކިޔަވަން ދިޔުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު 4-6 ހަފުތާ ހަމަކޮށް ދެވަނަ ޑޯޒް ޖެހޭނެ މުއްދަތު އޮތް ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓާވުމަށް އެދޭ ކަމަށް އެ މިނިސްޓްރީން އެދެއެވެ. ރަޖިސްޓާވުމަށް އެދޭ ފޯމް މިނިސްޓްރީން ވަނީ އިއުލާނުގައި އެޓޭޗްކޮށްފަ އެވެ.

ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާއިރު، ރާއްޖެއަށް ލިބި އެޕްރޫވްކޮށްފައިވާ ކޮވިޝީލްޑްގެ 100،000 ވެކްސިން ފުރަތަމަ ބުރުގައި ޖަހާ ހުސް ކުރަން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވަނީ ނިންމާފަ އެވެ. އަދި ދެވަނަ ޑޯޒް ޖަހަން ބޭނުން ކުރެވޭނެ 700،000 ވެކްސިން ގަންނަން ސިންގަޕޫރުގެ އެސްޓްރެޒެނެކާ ކުންފުންޏަކާ އެކު ރާއްޖެ އިން ވަނީ ސޮއިކޮށްފަ އެވެ.

ފަހުގެ ދިރާސާތަކުން ދައްކަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ 12 ހަފުތާ ތެރޭގައި ދެ ވަނަ ޑޯޒު ދެވިދާނެ އެވެ.