16 ފެބުރުއަރީ 2021 - 12:50

ކޮވިޑް-19 އިން ދިފާއުވުމަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހުމުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.
ޔުނިވާސިޓީ އޮފް އޮކްސްފޯޑާއި އޮކްސްފޯޑް މާޓިން ސްކޫލު ގުޅިގެން ހިންގާ "އަވަވޯލްޑްއިންޑޭޓާ" އޯގަނައިޒޭޝަންގެ ވެބްސައިޓުން ކޮވިޑާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންނާއި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ހިމެނެ އެވެ.
ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ބަލިން ރައްކާތެރިވުމަށް ވެކްސިން ދޭން ފެށުމާއެކު، އެކި ގައުމުތަކުގައި ވެކްސިން ދެމުން އަންނަ މައުލޫމާތުތައް ވެސް ހިމަނާފައި ވެ އެވެ.
އެ ވެބްސައިޓުގައި، މިދިޔަ އާދިއްތަ ދުވަހާ ހަމައަށް، އެންމެ މަދުވެގެން އާބާދީގެ ކޮންމެ 100 މީހަކުން އެކަކަށް ވެކްސިން ދިން ގައުމުތަކުގެ މައުލޫމާތު ހާމަކޮށްފައި ވެ އެވެ. އެ މިންގަނޑަށް ފެތޭ ގައުމުތައް ވެބްސައިޓުގެ ލިސްޓުން ސިލެކްޓްކުރުމުން އެ ގައުމެއް ހިމަނައިގެން ގައުމުތައް ތަރުތީބުވެ އެވެ. ރާއްޖޭން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އާބަދީގެ ކޮންމެ 100 އިން 7.14 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވެބްސައިޓުން ދައްކަ އެވެ. އޭގައި ރާއްޖޭގެ އާބާދީ ކަމަށް އަންދާޒާކޮށްފައިވަނީ 540،542 އެވެ.
އެންމެ ފޯރީގައި ވެކްސިން ޖަހަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިޒްރޭލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. ސިއްހީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ 26 ގައުމެއް ހިމެނޭ ލިސްޓުގައި ރާއްޖެ ހިމެނެނީ ފަސް ވަނައިގަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިޒްރޭލުގައި ކޮވިޑް ވެކްސިން ދޭން ފަށައި މިދިޔަ އާދިއްތަ ދުވަހާ ހަމައަށް 6.4 މިލިއަނަށް ވުރެ ގިނަ ޑޯޒް ދީފައި ވެ އެވެ. އެއީ އާބާދީގެ ކޮންމެ 100 މީހުންގެ ތެރެއިން 71 މީހެކެވެ.
އެ ލިސްޓުގައި ސްވިޓްޒަލެންޑާއި ފްރާންސާއި ބްރެޒިލް އަދި އާޓެންޓީނާ ހިމެެނެނީ ރާއްޖެއަށް ވުރެ ދަށުގަ އެވެ. ލިސްޓުގެ އެންމެ ފުލުގައި އޮތީ މެކްސިކޯ އެވެ.
ރާއްޖޭގައި މި މަހުގެ އެއްވަނަ ދުވަހު ކޮވިޑް ވެކްސިން ދޭން ފަށައި ރެއާ ހަމައަށް ރާއްޖޭގެ އާބާދީގެ އަށް ޕަސެންޓަށް ވެކްސިން ދީފައި ވެ އެވެ. އެއީ 43،817 މީހުންނެވެ. ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާ މާލެ ސަރަހައްދުން 35،289 މީހަކަށް ވެކްސިން ދީފައި ވެ އެވެ.