އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި
އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ތައާރަފްކޮށް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރު އާމިނަތު އަސްރާ އެވެ. އަދި އެސްޓީއޯގެ ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ.

"ފުލްޓައިމް އެންޕްލޯޔާ ބޭސްޑް ޓްރެއިނިން" ގެ ގޮތުގައި ވަޒީފާގެ މާހައުލުގެ ތެރެއިން މަސައްކަތުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ލިބޭނެ އެވެ. އަދި ވަޒީފާގެ ދާއިރާގެ މަސައްކަތާ ގުޅޭ ގޮތުން އިތުރަށް އުގެނުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮގްރާމް ހިންގާނީ ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްގެ މިންގަނޑުތަކާއި ސަރުކާރުގެ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މިންގަނޑުތަކާ އެއްކޮށެވެ.

ޓިވެޓާ އެކު އެސްޓީއޯ އިން ހެދި އެއްބަސްވުމުގެ ދަށުން، 50 ބައިވެރިންނަށް ހަތަރު ދާއިރާއަކުން ތަމްރީނު ދޭނެ އެވެ. އެގޮތުން އޮޓޯމޯޓިވް މެއިންޓެނަންސް ދާއިރާއިން 10 މީހުން، ކޮމްޕިއުޓާ ހާޑްވެއާ އާއި ނެޓްވޯކިން ދާއިރާއިން ދެ ބައިވެރިން، އިލެކްޓްރިޝަން ދާއިރާއިން 10 މީހުން، ރީޓެއިލް ސާވިސަސް ދާއިރާއިން 36 މީހުން ތަމްރީނު ކުރަން ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުން ފާސްވާ މީހުންނަށް ލެވެލް ތިނެއްގެ ނޭޝަނަލް ސެޓްފިކެޓް ލިބޭނެ އެވެ.