މެރިން ސްޓަޑީޒް ކޯހުން ކާމިޔާބު ޒުވާނުންތަކެއް އުފެއްދިއްޖެ: ވިލާ ކޮލެޖު
މެރިން ސްޓަޑީޒް ކޯހުން ކާމިޔާބު ޒުވާނުންތަކެއް އުފެއްދިއްޖެ: ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ މެރިން ސްޓަޑީޒް ފެކަލްޓީން ދަސްވެނިވެފައިވާ ގިނަ ޒުވާނުން އަމިއްލަ ވިޔަފާރި ފަށައި ކާމިޔާބު ޒުވާނުންނަށް ވެފައިވާ ކަމަށް އެ ކޮލެޖުން މިއަދު ބުނެފި އެވެ.

އެ ކޮލެޖުން ހިންގާ މެރިން ސްޓަޑީޒްގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މެރިން ސްޓަޑީޒް ފެކަލްޓީގެ ޑީން ޑރ. ޝަމްއާ އަބްދުﷲ ހަމީދު (އަންނަ) ވިދާޅުވީ އެ ފެކަލްޓީން މިހާތަނަށް 2000 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށާއި އޭގެ ތެރެއިން 85 ޕަސެންޓަށް ވުރެ ގިނަ ޒުވާނުން އަމިއްލަ ވިޔަފާރިއެއް ނުވަތަ ދާއިރާއާ ގުޅޭ ވަޒީފާއެއް އަދާކުރަމުން އަންނަ ކަމަށެވެ.

އެ ފެކަލްޓީން ދަސްވެނިވެފައިވާ ޒުވާނުންނަށް ވަޒީފާ ދިނުމަށް ޑައިވިން ސެންޓަރުތަކުން ވެސް، ގުޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޯސް ކިޔެވުން ކުރި އަށް ދާ އިރު ވެސް އެއް މަސް ދުވަހުގެ އިންޓާންޝިޕް ހޯދައިދެން. އޭގެ ސަބަބުން ކޯސް ނިމޭ އިރު ހަމަ ވަޒީފާ ލިބިފައި ހުންނަނީ އެ ޒުވާނުންނަށް،" އަންނަ ވިދާޅުވި އެވެ.

މެރިންގެ ދާއިރާއަކީ ރަނގަޅު އާމްދަނީއެއް އަދި ޒުވާނުން ކުރި އަށް ދާން ވަރަށް ރަނގަޅު ދާއިރާއެއް ކަމަށް ވެސް އަންނަ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ސެޓިފައިޑް ކޯސްތައް ހިންގަމުން އަންނަނީ ހަމައެކަނި ވިލާ ކޮލެޖުން ކަމަށެވެ. އެހެންކަމުން މެރިންގެ ދާއިރާ އިން ކުރި އަށް ދާން ބޭނުންވާ ދަރިވަރުންނަށް، އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނުގެ އެހީގައި ވެސް ކިޔެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޕްލޮމާ ލެވެލް އިން ފެށިގެން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ދޫކުރަން ހަމަޖައްސާފައިވާ ލޯނަށް އެދޭ ފޯމު، ދޫކުރާ އެންމެ ފަހު ތާރީހަކީ މާދަމާ އެވެ.

ވިލާ ކޮލެޖުން މިހާރު ވެސް އަންނަނީ މެރިން ސްޓަޑީސް ކިޔަވައިދެމުންނެވެ. އެގޮތުން ސަން އައިލެންޑު ރިސޯޓުގައި ހުންނަ ވިލާ ކޮލެޖުގެ މެރިން ސްޓަޑީޒް ފެކަލްޓީގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން ކިޔަވައިދެ އެވެ.

އަންނަ އަހަރުން ފެށިގެން ވޯޓާ ސްޕޯޓްސް އިންސްޓަރަކްޝަން ކޯސް އަދި ވޯޓާ ސްޕޯޓްސް އިންސްޓްރަކްޓާ ކޯސް ވެސް ހިންގާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.