ރާނޫ މޮންޑާލްގެ ވާހަކަ އަހާތީ ހިމޭޝް ރުޅިގަދަވެއްޖެ
ރާނޫ މޮންޑާލްގެ ވާހަކަ އަހާތީ ހިމޭޝް ރުޅިގަދަވެއްޖެ

ބޮލީވުޑް ފިލްމުތަކަށް ލަވަކިޔައިދޭ ފަންނާނެއްގެ ގޮތުގައި ވަރަށް ވިދާލާނެ ލަވަކިޔުންތެރިއެއްގެ އުންމީދުގައި މީގެ ދެ އަހަރު ކުރިން ފުރުސަތުތަކެއް ހޯދައިދިން ފަންނާނު ރާނޫ މޮންޑާލްއާ ބެހޭ ގޮތުން ސުވާލުކުރާތީ ހިމޭޝް ރޭޝަމިއާ ރުޅިގަދަވެއްޖެ އެވެ.

ހިމޭޝް 2019 ގައި ކުޅުނު ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" ގެ ލަވަތަކެއް ކިޔައިދިން ރާނޫއާ ބެހޭ ގޮތުން ތަކުރާރުކޮށް މީޑިއާތަކުން ސުވާލުކުރާތީ ރަތަށް އަރައި ހިމޭޝް ބުނީ އޭނާ އަކީ ރާނޫގެ މެނޭޖަރު ނޫން ކަމަށެވެ.

"ހެޔޮ ނުވާނެ އަހަންނަކީ އޭނަގެ މެނޭޖަރެއް ނޫން. އަނެއްކާ ހަމައެކަނި އަހަރެން ލޯންޗްކޮށްދިން ފަންނާނަކީ ރާނޫ އެކަންޏެއް ވެސް ނޫން. އޭގެ ތެރޭގައި ޕަލަކް މުއްޗަލް އާއި ދަރުޝަން ރަވަލް އާއި ޝެނަން ކޭ ފަދަ ފަންނާނުން ހިމެނޭ،" ސޮނީ ޓީވީގެ އިންޑިއަން އައިޑޮލް ސީޒަން 12 ގެ ޖަޖްކަން ވެސް ކުރަމުން އަންނަ ހިމޭޝް ބުންޏެވެ. "ދެން ހުރިހާ އެންމެންގެ ވާހަކަ އަބަދު އަހަރެންގެ ކައިރިން އަހަން ޖެހޭތަ؟"

އޭނާ ބުނީ އުމުރުން 60 އަހަރުގެ ރާނޫ އުންމީދީ ފަންނާނެއްގެ ގޮތުގައި ނެރެދިން ނަމަވެސް ފަހުން އޭނާގެ އަޑެއްބަޑެއް ނީވޭތީ ފެންނަހާތަކުން ރާނޫގެ ވާހަކަ އޭނާގެ ގާތުން އެހުމަކީ ޒިންދާރުކަމެއް ނޫން ކަމަށެވެ.

"އަހަރެން ރާނޫ އަށް ފުރުސަތު ދިނީ ލަތާ މަންގޭޝްކަރް ކަހަލަ ފަންނާނަަކަށް ރާނޫވާނެކަމުގެ އުންމީދުގައި. އެކަހަލަ އަޑެއް އޭނާ އަށް ލިބުފައިވާތީ އެކަން ފާހަގަކުރެވިގެން ރާނޫގެ ފަރާތުން ވަރަށް ބޮޑު ހުނަރުވެރި ކަމެއް ފެނުނީމަ ފުރުސަތުތަކެއް ފަހިކޮށްދިނީ. އޭގެ މާނައެއް ނޫން އުމުރު ދުވަހު ރާނޫ ކޮނޑަށްލައިގެން އަހަރެން އުޅޭނެއެކޭ،" ކާމިޔާބު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ ބުންޏެވެ.

ރާނޫ އަށް އާންމުންގެ ސަމާލުކަން ހުއްޓުނީ އަޅާލާނެ މީހަކު ނެތި ކާންބޯން ނުލިބި، ގޮތެއް ހޯދަން ސަލާން ޖަހަން ރޭލު ސްޓޭޝަނެއްގައި އިނދެގެން ލަވަ ކިޔަނިކޮށެވެ. އެއީ ލަތާގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "އެކް ޕިޔާރު ކަ ނަގްމާ ހޭ" ކިޔަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމުންނެވެ. ހިމޭޝްގެ ސަމާލުކަމަށް ވެސް ރާނޫ އައީ އެ ވީޑިއޯގެ ސަބަބުންނެވެ. އެއާ އެކު އޭނާގެ ފިލްމަށް ލަވަތަކެއް ކިޔައިދޭން ފުރުސަތު ދިނީ އެވެ.

އެކަމަކު ލިބުނު ކުއްލި މަޝްހޫރުކަމާއި އާންމުންގެ ސަމާލުކަމާ ހެދި ރާނޫ ފަހުން ވެގެން ދިޔައީ ވަރަށް ބޮޑާ މީހަކަށެވެ. އޭނާ ފިހާރައެއްގެ ތެރޭގައި އުޅެނިކޮށް ސެލްފީއަކަށް އެެދުނު ފޭނަކާ ދޭތެރޭ ކަންތައް ކުރި ގޮތުން ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ރާނޫ އަށް އަމާޒުވެ، އެ ވާހަކަ މީޑިިއާތަކުގައި ވެސް ވަރަށް ގަދައަށް ދެކެވުނެވެ. އަދި ބައެއް މީހުން އޭރު ރާނޫ ސިފަކުރީ ފެންވަރު އޮޅިފައިވާ މީހެއްގެ ގޮތުގަ އެވެ.

އެ ހާދިސާގެ ފަހުން ރާނޫގެ ވިދުން އެއްކޮށްހެން ކެނޑި، މިހާރު އޭނާގެ އަޑެއް އެއްގޮތަކަށް ވެސް ނީވެ އެވެ.

އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ހިމޭޝް ބުނީ އޭނާ އަކީ ރާނޫއާ ބެހޭ ގޮތުން ވާހަކަ ދައްކަން އެންމެ ރަނގަޅު މީހާ ނޫން ކަމަށެވެ.

"އަހަންނަށް އެނގޭ އެއްޗަކީ އޭނާ ކުއްލިއަކަށް ތަރިއަކަށްވިކަން. ފަހުން ރާނޫއާ އަށް ވީ ގޮތެއް އަހަންނަކަށް ނޭނގޭ. އެއީ އަހަންނާ ބެހޭ ކަމެއް ވެސް ނޫން." އޭނާ ބުންޏެވެ