މޫސުމަށް ބަދަލު އައުމަށް ވުރެ ކޮވިޑް ހައްލު ކުރަން ފަސޭހަ
މޫސުމަށް ބަދަލު އައުމަށް ވުރެ ކޮވިޑް ހައްލު ކުރަން ފަސޭހަ

ވޮޝިންޓަން (ފެބްރުއަރީ 16) - މޫސުމަށް ބަދަލު އައުން ހައްލު ކުރުމަކީ އިންސާނިއްޔަތަށް ކުރެވޭނެ އެންމެ އާދަޔާޚިލާފު ކަންތައް ކަމަށާއި އެ މަސައްތަކާ އަޅާބަލާއިރު ކޮވިޑް ހައްލު ކުރުމަކީ "ވަރަށް ވަރަށް ފަސޭހަ" ކަމެއް ކަމަށް މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސް ވިދާޅުވެއްޖެ އެވެ.

ބިލް ގޭޓްސްގެ އާ ފޮތް "ހައު ޓު އެވޮއިޑް އަ ކްލައިމޭޓް ޑިޒާސްޓާ" އަކީ ދުނިޔެ ހޫނުވުމުގެ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތްތައް ބުނެދީފައިވާ ގައިޑްލައިނެކެވެ.

"ކުރިއަށް އޮތް 30 އަހަރު ދުވަހު ތެރޭ ގެންނަން ވާހަކަ ދައްކަމުން މިދާވަރުގެ ބަދަލެއް އަދި ގެނެވިފައެއް ނުވޭ،" ބީބީސީގެ ތިމާވެށީގެ ރިޕޯޓަރަށް ގޭޓްސް ވިދާޅުވި އެވެ.

މޫސުމަށް ބަދަލު އައުން ގޭޓްސް ސިފަ ކުރައްވާފައި ވަނީ ހިސާބުގެ ދެ އަދަދަކުންނެވެ. އެއީ 51 ބިލިއަން އާއި ސުމެކެވެ. ފަންސާސް އެއް ބިލިއަނަކީ ކޮންމެ އަހަރަކު ވެސް ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ ޓަނުގެ އަދަދެވެ. ސުމަކީ އެ އަދަދު ތިރިކުރަން ބޭނުންވާ އަދަދެވެ. މާނައަކީ ޖައްވަށް ބޭކުރާ ގްރީންހައުސް ގޭހުގެ މިންވަރު، ޖައްވުން "ދަމައިގަނެވޭނެ" ގޮތެއް ހޯދުމެވެ. އެކަން ކުރެވޭނެ އެއް ގޮތަކީ ގިނައިން ގަސް އިންދުމެވެ. ގަސްތަކުގެ ފަތުން ކާބަންޑައިއޮކްސައިޑް އެބްޒޯބް ކުރެ އެވެ.

ގޭޓްސްގެ ފޯކަސްއަކީ ޓެކްނޮލީން މިކަން ހައްލު ކުރާނެ ގޮތެއް ހޯދުމެވެ. އިޔާދަކުރަނިވި ހަކަތައިގެ ވަސީލްތައް ކަމަށްވާ ވައި އަދި ސޯލާ އަކީ ތެޔޮ އަންދައިގެން ކަރަންޓް އުފެއްދުމުގެ ބަދަލުގައި ސާފު ހަކަތަ ހޯދޭނެ ގޮތެކެވެ. އެކަމަކު ގޭޓްސް ވިދާޅުވާ ގޮތަކީ އެއީ ޖައްވަށް ބޭރުވާ ވިހަ ގޭހުގެ 30 ޕަސެންޓެވެ. އަނެއް 70 ޕަސެންޓް ވެސް ސާފު ހަކަތައަށް ބަދަލު ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި މިސާލަކަށް ސްޓީލް، ސިމެންތި، ޓްރާންސްޕޯޓް ސިސްޓަމް، ގަސްކާނާ އުފެއްދުން އަދި މިފަދަ އެތައް ކަމެއް ހިމެނެ އެވެ. އެކަމަކު މީގެ ތެރޭން ގިނަ ސެކްޓާތައް ސާފު ހަކަތައް ބަދަލުކުރާނެ ގޮތެއް އަދި ނެތެވެ.

ގޭޓްސް ވިދާޅުވަނީ މީގެ ކުރިން ދެކެފައި ނުވާފަދަ އުފެއްދުންތެރި ކަމެއް ފެންނާން ޖެހޭ ކަމަށެވެ. އެކަން ފަށަން ޖެހޭނީ ސަރުކާރުތަކުން ކަމަށް ގޭޓްސް ގަބޫލް ކުރައްވަ އެވެ. ފޮސިލް ފިއުލް ބޭނުންކޮށްގެން ތިމާވެއްޓަށް ލިބޭ ގެއްލުމަށް އަގު އަދާކުރެވޭނެ ގޮތެއް މިހާރު ނޯވެ އެވެ. ކާރުން އަންދާ ޕެޓްރޯލުން، ގޭގެ އަށް ދޭ ކަރަންޓް އުފައްދަން އަންދާ ޑީސަލް، ގޭސް އަދި ކޯލުން ޖައްވަށް ލިބޭ ގެއްލުމަށް އެއްވެސް ފައިސާއެއް ދައްކާކަށް އެކަކަށް ވެސް ނުޖެހެ އެވެ.

"އަގެއް ދައްކަން ޖެހޭ. ޕްރައިވެޓް ސެކްޓަރުގައި ބުނަން ޖެހޭ ފެހި އުފެއްދުންތައް ކަމަށް ބޭނުންވަނީ،" ގޭޓްސް ވިދާޅުވި އެވެ.

އެކަމަށް ސަރުކާރުންތަކުން ބޮޑު އިންވެސްޓްމަންޓެއް ކުރަން ޖެހޭކަމަށް ގޭޓްސް ގަބޫލް ކުރައްވަ އެވެ.

* މައިކްރޯސޮފްޓް 1975 ވަނަ އަހަރު އުފެއްދެވި.

* ދުނިޔޭގައި ހަތަރު ވަނަ އަށް އެންމެ މުއްސަނދި މީހާ. މިލްކިއްޔާތުގެ އަގު 124 ބިލިއަން ޑޮލަރަށް އަރާ.

* އަނބިކަނބަލުން މެލިންޑާއާ އެކު 1994 ވަނަ އަހަރު އުފެއްދެވި ޚައިރާތު ފައުންޑޭޝަން މެދުވެރިކޮށް ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރު ހޭދަކޮށްފައިވޭ.

* މައިކްރޯސޮފްޓުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތުން 2008 ވަނަ އަހަރު އިސްތިއުފާ ދެއްވި. ބޮޑަށް ޚާއްސަވެފައި ވަނީ އާއްމުންނަށް ފައިދާ ހުރި މަސައްކަތްތައް ކުރުމަށް.

* މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ ދުނިޔޭގެ އާބާދީގެ ސިއްހަތަށާއި ތަރައްގީ، ތައުލީމާއި ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމުގެ މައްޗަށް.