ވެކްސިން މެދުކަނޑައެއްނުލާނެ، 100،000 ޑޯޒު ހަމަވަންދެން ޖަހާނެ
ވެކްސިން މެދުކަނޑައެއްނުލާނެ، 100،000 ޑޯޒު ހަމަވަންދެން ޖަހާނެ

އެންމެންގެ އުއްމީދަކީ ކޮވިޑު-19 އިން އަރައިގަތުމެވެ؛ ބަލީގެ ދާއިމީ ފަރުވާއެއްގެ ގޮތުގައި މި މަހުގެ ފުރަތަމަ ދުވަހު ފެށި ވެކްސިން ޕްރޮގްރާމުގެ އަދަދުތަކުން އެކަން ސާބިތު ވެސް އެބަކޮށްދެ އެވެ. މާލެ އާއި އަތޮޅުތަކުގައި އިއްޔެގެ ނިޔަލަށް 43،817 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ. ވެކްސިން ކިޔޫތަކަށް އަރާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް ވަނީ އިތުރެވެ.

ވެކްސިން މެދުކަނޑައެއްނުލާނެ، 100،000 ޑޯޒު ހަމަވަންދެން ޖަހާނެ
ވެކްސިން މެދުކަނޑައެއްނުލާނެ، 100،000 ޑޯޒު ހަމަވަންދެން ޖަހާނެ

ވެކްސިން ޕްރޮގްރާމް ރާއްޖޭގައި ފެށީ އިންޑިއާ އިން ހަދިޔާކުރި 100،000 ޑޯޒާ އެކުގަ އެވެ. ކޮންމެ މީހަކަށް ދެ ޑޯޒު ދޭން ޖެހޭ ވެކްސިންގައި މިއީ، ގާތްގަނޑަކަށް އާބާދީގެ 50،000 މީހުންނަށް ދެވޭ އަދަދެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މި ވެކްސިން ޖެހި މީހުންގެ އަދަދު މި ހަފުތާގައި 50،000 އަށް އަރާނެ އެވެ. އެހެންވެއްޖެ ނަމަ ދެ ވަނަ ޑޯޒަށް އެ ވެކްސިން ބަހައްޓާފައި ދެން އިތުރު ވެކްސިން ލިބެންދެން ޕްރޮގްރާމް މެދުކަނޑާލާނީތޯ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނިއުސް ކޮންފަރެންސްގައި ނޫސްވެރިން ސުވާލުކުރުމުން އެތަނުން ރޭ ބުނީ ވެކްސިން ޕްރޮގްރާމަށް މެދުކެނޑުމެއް ނާންނާނެ ކަމަށެވެ.

ވެކްސިން ޕްރޮގްރާމާ ގުޅޭ ގޮތުން މުހައްމަދު ހަމްޒަތު ވިދާޅުވި ގޮތުގައި ރާއްޖެ އަށް މި މަހުގެ ތެރޭގައި ވެސް އިތުރު ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑެވެ. އެހެންވެ މިހާރު ނިންމާފައި އޮތީ ކެޓަގަރީތައް އިތުރުކޮށް، 100،000 ޑޯޒުގެ ފުރަތަމަ ބުރު ނިންމުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގަސްތުކުރަނީ ފުރަތަމަ ލިބިފައިވާ 100،000 ޑޯޒު މި ބުރުގައި ދޭން. އެހެންވެ އެ އަދަދަށް ދޭނެ ގިންތިތަކެއް އިތުރަށް ކަނޑައެޅީ،" އޭނާ ވިދާޅުވި އެވެ.

މި މަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރާ ވެކްސިންގެ އަދަދެއް އަދި އެޗްއީއޯސީއަކަށް ވެސް ސާފެއް ނުވެ އެވެ. ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހާނީ އެޗްއީއޯސީން ކުރިން ބުނެފައިވާ ގޮތުގައި ފުރަތަމަ ޑޯޒު ޖަހާތާ ހަތަރު ހަފުތާ ފަހުންނެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާ ކުންފުނިން އުފެއްދި ކޮވިޝީލްޑް ވެކްސިންގެ 700،000 ޑޯޒު ގަންނަން ސިންގަޕޫރުގެ އެސްޓްރެޒެނެކާ ކުންފުންޏަކާ އެކު ރާއްޖެ އިން ވަނީ ސޮއިކޮށްފަ އެވެ. ޗައިނާއިން ވަނީ އެ ގައުމުގައި އުފައްދާފައިވާ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކުރަން ނިންމައިފަ އެވެ. މީގެ ކުރިން، އަމިއްލަ ދެ ފަރާތަކުން ވަނީ ޗައިނާ ވެކްސިންގެ 10،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ޑަބްލިއުއެޗްއޯ އިން ވެސް ރާއްޖެއަށް ވެކްސިން ހަދިޔާކުރަން އޮތީ ނިންމައިފަ އެވެ.

ފަހުގެ ދިރާސާތަކުން ދައްކަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ 12 ހަފުތާ ތެރޭގައި ދެ ވަނަ ޑޯޒު ދެވިދާނެ އެވެ.

"އަޅުގަނޑުމެންނަށް އެބައޮތް ވަގުތު ފެބުރުއަރީ 1 ގައި ފުރަތަމަ ޑޯޒު ދިން މީހުންނަށް 12 ހަފުތާ ތެރޭގައި ކުރިއަށް ގެންދެވިދާނެ. އެހެންވީމަ އެކަށީގެންވާ މުއްދަތު އެބައޮތް،" ހަމްޒަތު ވިދާޅުވި އެވެ.

އެކަމަކު ފަހުގެ ދިރާސާއަށް ބަލައި ދެ ވަނަ ޑޯޒު ދޭނެ ވަކި މުއްދަތެއް ރާއްޖޭގެ ޓެކްނިކަލް ޓީމުން އަދި ނުނިންމަ އެވެ.

މާލޭގެ ހަތް ތަނެއްގައި ވެކްސިން ޖަހަ އެވެ. ފުރަތަމަ އިސްކަންދިނީ ސިއްހީ ދާއިރާގެ އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ސީރިއަސް އެކި ބަލިތަކަށް ފަރުވާދޭ މީހުންނަށެވެ. އުމުރުން 45 އަހަރުން މަތީގެ މީހުންނާއި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކުގެ މީހުންނަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެކްސިން ޕްރޮގްރާމް ފެށިއަސް އަދި ހުރިހާ ރަށެއްގައި ދޭން ނުފަށަ އެވެ. އެކަމަކު ލަހެއް ނުވެ އެކަން ފެށޭނެ ކަމުގެ ޔަގީންކަން އެޗްއީއޯސީން ދެ އެވެ. ރަށްރަށަށް ވެކްސިން ފޮނުވަނީ ތައްޔާރުވެފައި ހުރި މިންވަރަށް ބަލައިގެންނެވެ.

ރާއްޖޭގައި ޖަހާ ކޮވިޝީލްޑް ވެކްސިން އާއްމު އެހެން ވެކްސިންތަކުގެ ފިނި ހޫނުމިނުގައި ގެންގުޅެވެ އެވެ. މާލެ އިން ފެށިގެން އަތޮޅުތަކާ ހަމައަށް ވެކްސިން ގެންދަނީ އޭގެ ޓެމްޕަރޭޗާ އެނގޭ ގޮތަށެވެ.

"އެއީ ރައްޔިތުންނަށް މިދެވޭ ވެކްސިނަކީ ފެށުނީއްސުރެން ގޮސް ވެކްސިން ޖެހުމާ ހަމައަށް ވެސް އެންމެ ރައްކާތެރި ގޮތުގައި ދެވޭ ވެކްސިންތޯ ކަށަވަރު ކުރުމަށް. އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް ވެކްސިން ބަހައްޓަން ޖެހޭ ފިނިހޫނުމިނުގައި ބެހެއްޓިގެންދާކަން،" ހަމްޒަތު ވިދާޅުވި އެވެ.