15 ފެބުރުއަރީ 2021 - 22:31

މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ވަނީ 125 މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ކޮވިޑް-19 ގެ އިތުރު 125 ކޭސް ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން 104 ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ. އަދި އަތޮޅު ތެރެއިން 14 ކޭސް ފެނިފައިވާއިރު ރިސޯޓްތަކުން ކޮވިޑް-19 ގެ ހަ ކޭސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރު ރަށަކުން އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 17،953 އަށް ވަނީ އަރައިފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނަ މިންވަރު އިތުރުވެފައިވާއިރު މިހާރު އައްޑޫ ސިޓީ އަދި ފުވަމުލަކުގައި ވެސް އެ ވައިރަސް ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. ނާސިރު ވިދާޅުވީ އައްޑޫ ފޭދޫން އިތުރު އެކަކު ޕޮޒިޓީވްވެފައިވާ ކަމަށާއި އައްޑޫގެ ޖުމްލަ ކޭސްތަކުގެ އަދަދު 40 އަށް އަރާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުވަމުލަކުން އިތުރު ހަތަރު ކޭސް ފެނި އެ ރަށުގެ ޖުމްލަ ކޭސްތަކުގެ އަދަދު 21 އަށް އަރާފައިވާ ކަމަށް ނާސިރު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެފައި ވަނީ ރާއްޖޭގައި ވެސް ކޮވިޑްގެ އާ ސްޓްރެއިން ފެތުރެމުން އަންނާތީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އޭގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންޖެހުމުގެ މަސައްކަތް ވެސް މުޅި ރާއްޖޭގައި ކުރިޔަށް ދާއިރު ނާސިރު ވިދާޅުވީ މިއަދު އެކަނި ވެސް މާލެ ސަރަހައްދުން 3،967 މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށާއި އަތޮޅު ތެރެއިން 1،237 މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު 43،817 އަށް ވަނީ އަރައިފަ އެވެ.