15 ފެބުރުއަރީ 2021 - 23:43

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިިހާދު ފުރުން މަނާކުރި މައްސަލައިގެ އަޑުއެހުންތައް މިރޭ ނިންމާލައި، އަންނަ ބުދަ ދުވަހު ހުކުމް އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކްރިމިނަލް ކޯޓަށް އުފުލާފައި ވަނިކޮށް ޖިހާދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް ކޯޓުގައި އެދިވަޑައިގަތުމުން ޖިހާދު ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ދައުލަތުގެ އެދުމަށް ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާ ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނެވެ. އެކަމަކު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި އަޑުއެހުމުގައި ބެންޗުން އިއުލާން ކުރެއްވީ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިމުނީ ކަމަށެވެ. އަދި ބުދަ ދުވަހުގެ ވަގުތެއްގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
މިރޭގެ އަޑުއެހުމުގައި ދައުލަތުން ބުނީ ޖިހާދަކީ ނައިބު ރައީސް ކަމާއި ފިނޭންސް މިނިސްޓަރު ކަމާއި ގަވަރުނަރުކަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ ފިއްލަވައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލްކަން ޖިހާދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ޖިހާދު ފުރާވަޑައިގަތުމަށް ޓިކެޓެއް ނަންގަވާފައި އޮތް އޮތުމަކީ އޭނާ ފިއްލަވާފާނެ ކަމަށް ބެލެވޭ ސަބަބެއް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި ޖިހާދު އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގެންފައި އޮތުމަކީ އޭނާ ނުފިއްލަވާނެ ކަމުގެ ހެއްކެއް ނޫނެވެ. އެހެންވެ، އެ މީހަކު ހުށަހަޅާ ލިޔުމެއް އެ މީހަކާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށް ހައި ކޯޓުން ބުނާ ބުނުން ރަނގަޅު ނޫން ކަމަށް ދައުލަތުން ބުންޏެވެ. އަދި ޖިހާދު ފުރަން ހުއްދަ ދީފި ނަމަ، އެއީ ފިލަން ބޭނުންވާ މީހުންނަށް ފަހިވާނެ ފުރުސަތެއް ކަމަށާއި އޭރުން ޓިކެޓެއް އަމިއްލައަށް ހުށަހެޅުމަށް ފަހު ކޯޓުގެ ހުއްދައާ އެކު ރާއްޖެއިން ބޭރަށް ގޮސް ފިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން ދައުލަތުން ކުރިން ހުށަނާޅާ އާ ނުކުތާއެއް ހުށަހަޅަން މަސައްކަތްކުރި އެވެ. ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އެ ފުރުސަތު ނުދިނުމަށެވެ.
ރައްދުގައި ޖިހާދުގެ ވަކީލް ހަސަން ފަލާހު ވިދާޅުވީ ތަހުގީގު މަރުހަލާގައި ޖިހާދު ފުރުން މަނާކޮށްފައި ނުވާއިރު ވެސް އޭނާ ހުންނެވީ ރާއްޖޭގައި ކަމަށާއި އަދި މިފަހަރު ބޭރަށް ވަޑައިގަތުމަށްޓަކައި ނެގި ރިޓާން ޓިކެޓާއި މެޑިކަލް ސެޓްފިކެޓްތައް ކޯޓަށް ހުށަހެޅުއްވީ ޖިހާދު އަމިއްލަފުޅަށް ކަމަށެވެ. އަދި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ހައި ކޯޓުން ބާތިލް ކުރިޔަސް، ޖިހާދު ބޭނުންފުޅުވީ ސުޕްރީމް ކޯޓުން އެ މައްސަލަ ނިމެންދެން ރާއްޖޭގައި މަޑުކުރަން ކަމަށް ފަލާހު ވިދާޅުވި އެވެ.
ގަވާއިދާ އެއްގޮތަށް ހޯދަންޖެހޭ ކޯޓުގެ ހުއްދަތައް ހޯދައިގެން ޖިހާދު ފުރާވަޑައިގަތުމަށް އުޅުއްވުމަކީ ފިލަން އުޅުންތޯ ފަލާހު ސުވާލު އުފެއްދެވި އެވެ. އަދި ތަހުގީގު މަރުހަލާގައި ވެސް ފުރުން މަނާ ނުކޮށް ތިބިއިރު، ޖިހާދު ފިލަން އުޅޭކަމަށް ބެލެވުނީ ފުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި ޓިކެޓްގެ އިތުރުން ޖިހާދު ދުބާއީގައި ހުންނަވާ ހޮޓެލްގެ ބުކިންތައް ވެސް ހުށަހަޅާފައިވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. އެއީ ފިއްލަވަން އުޅުއްވާ ކަމުގެ ހެއްކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖިހާދު ފިއްލަަވަން އުޅޭކަމުގެ ހެއްކަކީ ކޮބައިތޯ އާއި އޭނާ ފުރައިވަޑައިގަތުމުގެ ހުއްދައަށް އެދުމުގެ ކުރިން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ނޭދުނީ ކީއްވެގެންތޯ ބެންޗުން ދައުލަތާ ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީީ ޖިހާދު ފުރުން މަނާ ކުރަން ކުރިން ނޭދުނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޖިހާދަށް ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ނޯންނާނެތީ ކަމަށެވެ. އަދި ފަސް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ކުށެއްގެ ދައުވާލިބޭ މީހަކު ގައުމުން ބޭރަށް ދިއުމަކީ ފިލުމުގެ ފުރުސަތު އޮންނަ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި އެގޮތަށް ކުރިން ބައެއް ކޯޓުތަކުން ނިންމާފައި އެބަހުރި ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ނިމެންދެން ޖިހާދު ފުރުން މަނާކުރުމުގެ އަމުރެއް އިއްޔެ އެ ކޯޓުން ވަނީ ނެރެފަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ޖިހާދު ފުރުން މަނާކުރި އަމުރުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.