15 ފެބުރުއަރީ 2021 - 20:17

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދު ފަހަކުން ތިނަކަށް ދަށްވެއްޖެ އެވެ.
ކޮވިޑްގެ ކޭސްތަކެއް ފެނުނު ފަހުން މިހާތަނަށް އައްޑޫގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދިޔައީ ވެސް ފަސް މިހަކަށެވެ. އޭގެ ތެރޭގައި ހިމެނުނީ ހަތަރު ދިވެހިންނާއި ބިދޭސީއެކެވެ. ފަރުވާ ދެމުން ގެންދިޔަ ދެ މީހަކު ބައްޔަށް ނެގެޓިވްވުމުން ހޮސްޕިޓަލުން ދޫކޮށްލީ މިއަދެވެ.
މިހާރު އައްޑޫގެ ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 61 އެވެ. އެއީ މިއަދު ފޭދޫން ޕޮޒިޓިވްވި މީހަކާ އެކީގަ އެވެ. އެ އަވަށުން ޕޮޒިޓިވް މީހުންގެ އަދަދަކީ މިހާރު 12 އެވެ
ހިތަދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 20 ގައި އުޅޭ އިރު، މަރަދޫފޭދޫ ކޭސްތަކުގެ އަދަދަކީ ހަތަރެކެވެ. މަރަދޫން މިހާތަނަށް އެއްވެސް ކޭސްއެއް ފެނިފައި ނުވާ އިރު، ވަކިން އޮންނަ ހުޅުމީދޫން ޕޮޒިޓިވްވެފައި ވަނީ 25 ބިދޭސީއެކެވެ.
އައްޑޫގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ މިހާތަނަށް 341 އެވެ. ނެގި ސާމްޕަލްތަކުގެ އަދަދަކީ 272 އެވެ. އެއީ އިއްޔެ ނަގަން ފެށި ރެންޑަމް ސާމްޕަލް ވެސް ހިމަނައިގެންނެވެ. އެގޮތުން މިއަދާ ހަމައަށް ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގާފައި ވަނީ 201 އެވެ.
އައްޑޫގައި މި މަހުގެ 1 އިން ފެށިގެން ކޮވިޑްގެ ވެކްސިން ވެސް ދެމުން އަންނަ އިރު މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ.