15 ފެބުރުއަރީ 2021 - 18:40

ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)ގެ ހުއްދަ ނެތި މާލެ އިން ފުރި ބަޔަކު ޖޫރިމަނާކޮށްފި އެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފަށް 11 މީހަކު މާލެ އިން މަތިވެރިއަށް ފުރާފައިވާ ކަމަށެވެ. އެ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށާއި ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ހިފަހައްޓާފައި ވަނީ މަތިވެރިއަށް ދިޔަ ފަހުންނެވެ. ފުލުހުން ވަނީ އެ މީހުން ޖޫރިމަނާ ކުރުމަށް ފަހު އަނބުރާ މާލެ ފޮނުވާލައިފަ އެވެ.
ކޮވިޑް-19 ގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު އެޗްޕީއޭއިން ވަނީ ކުރިން ދީފައިވާ ލުއިތައް ވެސް އަލުން ގެނެސް ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. މާލެ އިން އެހެން ރަށްރަށަށް ދެވޭނީ އެޗްއީއޯސީގެ ހާއްސަ ހުއްދައެއް ލިބިގެނެވެ.