ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 4،000 އަށް
ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 4،000 އަށް

ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 4،000 ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން އިއްޔެ އަކީ މި އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެވެ. އިއްޔެ 4،800 އަށް ވުރެ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ ތިން ދުވަހު ވެސް ރާއްޖެއަށް 4،000 ވުރެ ގިނަ ޓޫރިސްޓުން ކޮންމެ ދުވަހަކު ވެސް އައިސްފައިވެ އެވެ. އެގޮތުން ހޮނިހިރު ދުވަހު 4،400 ޓޫރިސްޓުން، މިދިޔަ ހުކުރު ދުވަހު 4،800 ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް 138،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މި މަހު އެވްރެޖްކޮށް 3،300 ޓޫރިސްޓުން ކޮންމެ ދުވަހަކު ވެސް އަންނާނެ ކަމަށް ބެލެވޭ އިރު މިދިޔަ މަހު އެވްރެޖްކޮށް 2،900 ޓޫރިސްޓުން އައިސްފައިވެ އެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އަދި މުޅި އިގްތިސާދަށް ވެސް ވަރަށް ބޮޑަށް އަސަރެއް ކުރި އެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ހަތަރު ވަރަކަށް މަހަށް ބަންދު ކުރުމަށް ފަހު ހުޅުވީ ޖުލައި މަހު އެވެ. މިދިޔަ އަހަރު ރާއްޖެ އައީ ފަސް ލައްކަ ޓޫރިސްޓުންނެވެ. އޭގެ ކުރީ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެ 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

މި ވަގުތު ރާއްޖޭގައި 641 ފެސިލިޓީއެއް ޓޫރިސްޓުންނަށް ހުޅުވާލައިފައިވެ އެވެ. އޭގެތެރޭގައި 145 ރިސޯޓާއި 349 ގެސްޓްހައުސް ހިމެނެ އެވެ.