މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ގުޅޭ ގޮތުން ހިޔާލު ހޯދަނީ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ގުޅޭ ގޮތުން ހިޔާލު ހޯދަނީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމާ ގުޅޭ ގޮތުން އެމްއެމްސީން ހިޔާލު ހޯދަން ފަށައިފި އެވެ.

އެމްއެމްސީން ބުނީ އެ ކައުންސިލުން ސާވޭއެއް ހަދަން ފެށީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ" އޮންނަންވީ ގޮތާއި މެންބަރުން އައްޔަންކުރަންވީ ގޮތާ މެދު މީޑިއާތަކާއި އާންމުން ދެކޭ ގޮތް ބެލުމުގެ މަގްސަދުގައި ކަމަށެވެ.

އެ ސާވޭގައި ހިމެނޭ އެއް ސުވާލަކީ ސަރުކާރުން އަލަށް އުފައްދަން އުޅޭ މީޑިއާގެ ރެގިއުލޭޓަރީ އޮތޯރިޓީއަށް މެންބަރުން އައްޔަން ކުރުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަގުލަބިއްޔަތު ލިބެން ޖެހޭނެތޯ އެވެ. އަދި އެ އޮތޯރިޓީގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރު އޮންނަން ޖެހޭ މިންވަރާ ބެހޭ ގޮތުން ވެސް ސުވާލުކުރެ އެވެ.

އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ 2019ގަ އެވެ. އެކަމަށް ހާއްސަ ގާނޫނު ޑްރާފްޓްކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެ އެވެ. އެކަމަކު މިހާރު ކުރިއަށް ދާ މި އަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުން ފޮނުވި ބިލްތަކުގެ ތެރޭގައި އެ ބިލެއް ނުހިމެނެ އެވެ.

ރާއްޖޭގެ މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި މިހާރު ދެ މުއައްސަސާއެއް އޮވެ އެވެ. ޓީވީ އާއި ރޭޑިއޯގެ ބައި ބަލަހައްޓަނީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބެލެނިވެރި ފަރާތަކީ މީޑިއާ ކައުންސިލް އެވެ. ވަކި ދެ ގާނޫނަކުން އުފަައްދާފައިވާ މި ދެ އިދާރާއަށް މެމްބަަރުން އައްޔަންކުރުމުގައި ވަރަށް ބޮޑު ތަފާތުތަކެއް ހުރެ އެވެ. އެގޮތުން ބްރޯޑްކޮމް އަށް މެމްބަރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވުމުން، މަޖިލިހުން ފާސްކޮށްގެންނެވެ. މީޑިއާ ކައުންސިލަށް މެމްބަރުން ނަގަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާތަކުން ވޯޓު ލައިގެންނެވެ. ޖުމްލަ 15 މެމްބަރުން ހިމެނޭ މީޑިއާ ކައުންސިލަށް މީޑިއާތަކުން އަށެއް އަދި އާންމުންގެ ތެރެއިން ހަތް މެމްބަރުން އިންތިހާބުކުރެ އެވެ.