15 ފެބުރުއަރީ 2021 - 13:45

ދިވެހިން ބޭނުންވަނީ ދިރިއުޅުމުގެ ހާލަތު ވަރަށް އަވަށް ބަދަލުވާން ކަމަށާއި އެ "ޖަމްޕު" ޖެހޭނެ ޕާޓީ އަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ވާނުވާ އެނގި، މިސްރާބު ކަނޑައަޅަން އެނގޭ ޕާޓީއެއް ކަމަށެވެ. އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ދިވެހިން އެންމެ ބޮޑަށް ބޭނުންވަނީ ޖަމްޕެއް ޖަހަން ކަމަށް ވިދާޅުވި އެވެ.
"ދިވެހިން އެދޭ ޖަމްޕެއް ޖަހަން. ދިވެހިން އެދޭ ފުންމައިގެން ދާން. ދިވެހިން އެދޭ އެ މީހުން މިހާރު ތިބި ހާލަތު، އެހެން ހާލަތަކަށް، ރަނގަޅު ހާލަތަކަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބާރަށް ވަރަށް އަވަހަށް ދާން. މިއަދު ޖީބަށް ވަންނަ އެއްޗެއް އަޅުގަނޑުމެން އެދޭ އިތުރުވާން، ދެގުނަ ވާން.....ލިބޭ ތައުލީމާއި ސިއްހަތާއި އުމްރާނީ ހިދުމަތް ރަނގަޅުވާން ދެ ގުނަ ވާން ބޭނުންވޭ. ޖަމްޕެއް ޖަހަން ބޭނުންވޭ. ކުއްލިއަކަށް ދާން،" ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން އިތުބާރުކުރާ ޕާޓީއަކަށް އެމްޑީޕީ ވެފައިވަނީ ޖަމްޕު ޖަހާ ޕާޓީއަށް ވާތީ އެވެ. އެއީ ދިވެހިންގެ ހާލަތު ބަދަލުކޮށްދިނުމަށް ބޭނުންވާ ފުޅާ ވިސްނުން އަބަދު ވެސް ނެރޭ ޕާޓީ ކަމަށާއި އެ ވިސްނުން ރައްޔިތުންނަށް ހުށަހަޅައިދޭ އަދި ތަންފީޒުކުރާ ޕާޓީއަކީ ވެސް އެމްޑީޕީކަން ފާހަގަކުރެއްވި އެވެ.
ނަޝީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައިސާ ހޯއްދަވާފައިވަނީ ޖަމްޕު ޖަހަން ކަމަށެވެ. ދިވެހިން އެދޭގޮތަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ދިވެހިން ބޭނުންވާ ޖަމްޕު ޖަހަން ބޭރު ދުނިޔެއާ ގުޅެން ޖެހޭކަމަށާއި ތަކުރާރުކޮށް އެމްޑީޕީ ވެރިކަމަށް ގެންނަން އެދޭ އެންމެ ބޮޑު އެއް ސަބަބަކީ އެ ވިސްނާ ވިސްނުން ކަމަށް ވިދާޅުވި އެވެ.
"ނޭފަތު ކުރިއާ ހިސާބުގައި ނޫންކަން މި ޕާޓީގެ ވިސްނުން ހުރީ،" ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީއަކީ މަސައްކަތް ބަހާލައިގެން އެކުވެރިކަމާއެކު މަސައްކަތްކުރާ ބައެއް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަފުތަކެއް ނުގުޑާނެ ކަމަށެވެ. އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ޕާޓީއަށް އެދޭ ކާމިޔާބު، އެއީ އެކެއްގެ ވެސް އަމިއްލަ އެދުމަށް ވުރެ މާ އުފުލިވިގެންވާ، އެދެވިގެންވާ ކާމިޔާބީއެއް،" ނަޝީދު ވިދާޅުވި އެވެ.