15 ފެބުރުއަރީ 2021 - 13:37

އޮކްލޭންޑް (ފެބްރުއަރީ 15) - ކޮވިޑުގެ ލޯކަލް ތިން ކޭސް ފެނުމާ ގުޅިގެން ނިއު ޒީލެންޑުގެ އެންމެ ބޮޑު ސިޓީ، އޮކްލޭންޑް ލޮކްޑައުން ކުރަން ބޮޑުވަޒީރު ޖަސިންޑާ އާޑަން އަންގަވައިފި އެވެ.
ތިން ދުވަހުގެ މުއްދަތަށް އޮކްލޭންޑް ލޮކްޑައުންކުރާ އިރު އާއްމުން ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. އޮކްލޭންޑުގެ 1.7 މިލިއަން މީހުންގެ ތެރޭން ބޭރަށް ނުކުމެވޭނީ މުހިންމު އެއްޗެއް ގަންނަން ނުވަތަ މުހިންމު މަސައްކަތެއް ކުރުމަށް އެކަންޏެވެ. ސްކޫލްތަކާއި ގިނަ ފިހާރަތައް ވަނީ ބަންދުކޮށްފަ އެވެ.
އާޑަން ވިދާޅުވީ އޮކްލޭންޑް ބަންދުކުރާ ތިން ދުވަހު ސަރުކާރުން ގިނަ މައުލޫމާތުތަކެއް ހޯދައި، ޓެސްޓް ކުރުން އިތުރުކުރާނެ ކަމަށެވެ.
"ކޮމިއުނިޓީން ކޮވިޑް ކޭހެއް ފެނުމަކީ އަޅުގަނޑުމެންގެ ތެރޭން އެކަކު ވެސް ބޭނުންވާނެ ގޮތެއް ނޫން. ވައިރަސް ފުހެލަން އެންމެ ރަނގަޅު ގޮތަކީ ފިޔަވަޅުތައް ހަރުކަށި ކުރުން،" އޮކްލޭންޑުގެ މޭޔަރު ފިލް ގޮފް ވިދާޅުވި އެވެ.
އޮކްލޭންޑުން ޕޮޒިޓިވްވި ކޮމިއުނިޓީ ތިން ކޭސް ފެނިފައި ވަނީ މަންމައަކާއި ބައްޕަ އަދި އެ މީހުންގެ އަންހެން ދަރިފުޅުގެ ފަރާތުންނެވެ. އެ ތިން މީހުންނަށް ބަލި ޖެހުނު ގޮތެއް ނޭނގެ އެވެ. މަންމަ މަސައްކަތް ކުރަނީ އެއާލައިނެއްގެ ކޭޓާރިން ފެސިލިޓީއެއްގެ ލޯންޑަރީ ޑިޕާޓްމަންޓުގަ އެވެ.
ނިއު ޒީލެންޑުގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ޑރ. އޭޝްލީ ބްލޫމްފީލްޑް ވިދާޅުވީ އެ ގައުމުން އަލަށް ފެނިގެން އުޅޭނީ އާ ވޭރިއަންޓް ކަމަށް ގަބޫލް ކުރެވޭ ކަމަށާއި ބޮޑަށް މިހާރު ފޯކަސްކޮށްފައި ވަނީ ޕޮޒިޓިވްވި މަންމަ މަސައްކަތް ކުރާ ތަނަށް ކަމަށެވެ. ސަބަބަކީ އެ ތަނާއި ގައުމުން ބޭރާ ގުޅިފައިވާލެއް ބޮޑުކަމުން ކަމަށް ބެލެވޭތީ އެވެ.
ނިއު ޒީލެންޑުގެ އިދިކޮޅު ލީޑަރު ޖުޑީތު ކޮލިންސް ވަނީ ސަރުކާރުގެ އިރުޝާދުތަކަށް އެންމެން ވެސް ބޯލެނބުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ބޯޑަރާ ގުޅުން ހުރި ދާއިރާތަކުގެ މީހުންނަށް ވެކްސިން ދިނުމަށް ހަލުވި ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް ފެތުރިގެން އެންމެ ފުރަތަމަ ދިޔަ ދުވަސްވަރު އެ ބަލި ކޮންޓްރޯލް ކުރުމުގައި ނިއު ޒީލެންޑުން ކާމިޔާބު ހޯދި ގޮތަށް އެތައް ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ. ނިއު ޒީލެންޑުން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް ކޮމިއުނިޓީ ޓްރާންސްމިޝަނަކުން ގައުމު ސަލާމަތްކޮށްފަ އެވެ. ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ނިއު ޒީލެންޑުން ވަނީ އެންމެ ފުރަތަމަ ދުވަސްވަރު ބޯޑަރު ބަންދުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އާބާދީގައި ފަސް މިލިއަން މީހުން ހިމެނޭ ނިއު ޒީލެންޑުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 2،300 މީހުންނެވެ. ކޮވިޑް ޖެހިގެން އެ ގައުމުން މަރުވެފައި ވަނީ 25 މީހުންނެވެ.