ރަސްދޫން ޕޮޒިޓިވްވި ޓޫރިސްޓުންނާ އެކު ހޭންޑްބޯލް ކުޅުނު އެންމެން އެކަހެރިކޮށްފި
ރަސްދޫން ޕޮޒިޓިވްވި ޓޫރިސްޓުންނާ އެކު ހޭންޑްބޯލް ކުޅުނު އެންމެން އެކަހެރިކޮށްފި

އއ. ރަސްދޫން މިއަދު ޕޮޒިޓިވްވި ދެ ޓޫރިސްޓުން، އެ ރަށުގެ ކުޅިވަރު ކުޅޭ ދަނޑަށް ގޮސް، އަންހެން ހޭންޑްބޯލް ޓީމާ އެކު ކުޅުނު ކަމަށް އެ ރަށުގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ. އަދި މިހާރު ވަނީ އެ މީހުންނާ އެކު ކުޅުނު 14 ވަރަކަށް ކުދިންނާއި މީހުން އެކަހެރިކޮށްފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން އުޅެނީ ސަމާ އައިލެންޑް ރިސޯޓުން ރަސްދުއަށް ޒިޔާރަތްކުރި ޕާކިސްތާނު ފިރިހެނަކާއި ފިލިޕީންސް ފިރިހެނެކެވެ. އެ މީހުން އެ ރަށުގައި ތިބި ދެ ދުވަހުގެ ތެރޭގައި ބައްދަލުވެ، ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ޖުމްލަ 18 މީހުން/ކުދިން މިހާތަނަށް ވަނީ އެކަހެރިކޮށްފަ އެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ ޓޫރިސްޓުން އާއްމުންގެ ތެރެއަށް ނުކުމެ މަސްހުނިވުމަކީ މަނާކަމެއް ނަމަވެސް، އެ އެ މީހުން ދަނޑަށް ގޮސް އާއްމުންނާ އެކު ކުޅެފައިވާތީ، އެ މީހުންނާ ދިމާވި އެންމެން މިހާރު ފާހަގަކޮށްފައިވާ ކަމަށެވެ.

އެ މީހުންނާ އެކު ހޭންޑްބޯލް ކުޅުނު ޓީމުގައި ސްކޫލްގެ ބައެއް ދަރިވަރުން ވެސް ހިމެނެ އެވެ.

ހޮސްޕިޓަލުން ބުނީ ޕޮޒިޓިވްވި ދެ ޓޫރިސްޓުންނާ އެކި ގޮތްގޮތުން ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ވެސް ސާމްޕަލް ނަގަމުން އަންނަ ކަމަށް ބުންޏެވެ.

މިއީ ގެސްޓްހައުސްގެ ވިޔަފާރީގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށް ކަމަށް ވާ ރަސްދޫން ކޮވިޑަށް ބަޔަކު ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19ގެ ތިން ވަނަ ރާޅުގައި މާލެ އާއި މީހުން ދިރިއުޅޭ ބޮޑެތި ބަައެއް ރަށްރަށުން ގިނަ ބަޔަކު ދަނީ ޕޮޒިޓިވްވަމުންނެވެ. އަދި ކުރިއާ ހިލާފަށް، މިހާރު ބަލިވާ މީހުންގެ ހާލު ގޯސްކަމަށް ސިއްހީ އޮފިޝަލުން ބުނަމުންނެވެ. އެއާ އެކު، މާލެ އާއި ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.