15 ފެބުރުއަރީ 2021 - 12:59

ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ ބަނޑޭރި ޕޭ އާއި މޯބައިލް ޕޮއިންޓް އޮފް ސޭލްސް މެދުވެރިކޮށް ސަރުކާރު އޮފީސްތަކުން ފައިސާ ބަލައިގަނެވޭނެ ގޮތް ހަމަޖައްސަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާގައިވާ ގޮތުން ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ބީއެމްއެލްގެ މޯބައިލް ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ދައުލަތުގެ އޮފީސްތަކުން ބަލައިގަނެވޭނެ ގޮތް އަންނަނީ ހަމަޖައްސަމުންނެވެ.
މި ހިދުމަތް މެދުވެރިކޮށް ފައިސާ ބަލައިގަންނަން ބޭނުންވާ ސަރުކާރުގެ އޮފީސްތަކުން މި މަހުގެ 25ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އަންގަން ވަނީ އެދިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަންނަ މަހުގެ 25ގެ ފަހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ރާއްޖެއިން ބޭރުގައި ހުންނަ ސަރުކާރު އޮފީސްތަކުގެ އިތުރުން ކައުންސިލް އިދާރާތައް ފިޔަވައި އެހެން ހުރިހާ އޮފީހަކުން ވެސް މޯބައިލް ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ހިންގާ ފައިސާގެ މުއާމަލާތްތައް ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރެކޯޑްކުރަން ޖެހޭނެ ކަމަށެވެ.