15 ފެބުރުއަރީ 2021 - 11:53

ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ކަސްޓަމައިޒް ކުރެވޭ މޯބައިލް ޕްލޭނެއް ދިރާގުން ރޭ ތައާރަފުކޮށްފި އެވެ.
މި ޕްލޭން ދިރާގުން ތައާރަފު ކުރީ ރޭ ބޭއްވި ވާޗުއަލް އިވެންޓެއްގަ އެވެ. "އަމިއްލަ ޕޯސްޓްޕެއިޑް"ގެ ނަމުގައި ތައާރަފު ކުރި މި ޕްލޭނާއެކު ޕޯސްޓްޕެއިޑް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އާއި ވޮއިސް ބޭނުން ގޮތަކަށް ސެޓްކޮށްލެވޭނެ އެވެ.
މި ޕްލޭނާއެކު އެ ކުންފުނިން މުޅިން އަލަށް ތައާރަފުކުރި "ވެލިއު ޕްކެސް"ގެ ސަބަބުން ކަސްޓަމަރުން ފޯނު ބޭނުން ކުރާ މިންވަރަށް ބަލައި ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެ އެވެ. މީގެތެރޭގައި ޗެޓާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ވޮއިސް އާއި ޑޭޓާ އަދި މުޅިން އާ ސްޓްރީމިން އެޑްއޮންސްތައް ކަމަށްވާ ދިރާގު ޓީވީ އާއި ދިރާގު ޕްލޭ އާއި ނެޓްފްލިކްސް އާއި އެމޭޒަން ޕްރައިމް އާއި ޔޫޓިއުބް އަދި ޓިކްޓޮކް ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕެކުތައް ވެސް ވަނީ ހިމަނައިފަ އެވެ.
ދިރާގުގެ ކޮންސިއުމާ ޕޯސްޓްޕެއިޑް، އެފްބީބީ މެނޭޖަރު ޖަނާ އިބްރާހިމް ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ތަޖުރިބާއެއް ފޯރުކޯށްދިނުމަށް ކަމަށެވެ. އެގޮތުން، ކަސްޓަމުރުންގެ ފީޑްބެކާއި ކަސްޓަމަރުން ފޯނު ބޭނުން ކުރާގޮތްތަކަށް ބެލުމުން، ގިނަ ކަސްޓަމަރުން ފަސޭހަކަމާއެކު އަމިއްލައަށް މޯބައިލް ޕްލޭންތައް ބޭނުންވާ ގޮތަކަށް ޕާސަނަލައިޒް ކުރަން ބޭނުންވާކަން ހާމަވާކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާގުން ވަނީ ޕޯސްޓްޕެއިޑް ހިދުމަތަކުގެ އިތުރުން ހޯމް ފައިބާ ބްރޯޑްބޭންޑާއި ބިޒް ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ގެނައި ބަދަލުތަކެއް ކަމަށް ދިރާގުން ބުންޏެވެ.