15 ފެބުރުއަރީ 2021 - 11:52

އއ. ރަސްދޫން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެ ރަށް ކައިރީގައި އޮންނަ ސަމާ އައިލެންޑް ރިސޯޓުން ދިޔަ ދެ ޓޫރިސްޓުން ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުލްޖަލީލް މޫސާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވީ އެ ރަށުގެ ގެސްޓްހައުސްއެއް ކަމަށްވާ "ރަސްދޫ ސްޓޭ" އަށް ދިޔަ، ޕާކިސްތާނާ ފިލިޕީންސްގެ ދެ ޓޫރިސްޓުން ކަމަށެވެ. އެ ދެ ޓޫރިސްޓުން ދިޔައީ ސަމާ އައިލެންޑް ރިސޯޓުގައި ތިބުމަށް ފަހު އެ ރަށުގައި ޗުއްޓީ ހޭދަކުރާށެވެ. އެ މީހުން ދެ ދުވަސް ވަންދެން އެ ރަށުގެ "ރަސްދޫ ސްޓޭ" ގެސްޓްހައުސްގައި ތިއްބެވެ.
ޖަލީލް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވީކަން އެނގުނީ އެ ޓޫރިސްޓުން ފުރުމުގެ ކުރިން ހެދި ޓެސްޓުން ކަމަށެވެ. މި ދެ ކޭސްއާ ގުޅިގެން މިހާތަނަށް ރަސްދޫން 18 މީހަކު ޑައިރެކްޓް ކޮންޓެކްޓްވެ އައިސޮލޭޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޮޒިޓިވްވީ ޕާކިސްތާނުގެ ދެ ރައްޔިތުން. އެއީ ޕާކިސްތާނު ފިރިހެނަކާއި ފިލިޕީންސް ފިރިހެނެއް. މިހާރު އެ މީހުން ތިބީ ރަށުގައި ހުންނަ ކަރަންޓީނު ފެސިލިޓީގައި،" އޭނާ ވިދާޅުވި އެވެ.
އެ ރަށުގެ ހޮސްޕިޓަލުން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ވަރަށް ބޮޑަށް މަދުވުމަށްފަހު އަނެއްކާ ވެސް ކޭސްތައް ވަނީ އިތުރުވެފަ އެވެ. ކޮވިޑް ކޭސްތައް އިތުރުވެފައިވާ އިރު މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތައް ފެންނަ ވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކުން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ އެކު އެ ދެ ސިޓީ ވެސް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.
މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ކޮވިޑަށް 17،000 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު މި ބައްޔަށް މި ވަގުތު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ ގޮތުގައި 2،000 ވުރެ ގިނަ މީހުން އެބަ ތިއްބެވެ. މި ބަލީގައި އެޑްމިޓްކޮށްފައިވާ 193 މީހުން ތިބި އިރު ބަލީގައި 58 މީހުން ވަނީ މަރުވެފަ އެވެ.