15 ފެބުރުއަރީ 2021 - 11:06

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު ވެކްސިން ޖަހަން ފަށައިފި އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްނެގުމާ އެކު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަނީ ޖަހަން ފަށައިފަ އެވެ. އެފްއޭއެމުން އެދުނީ މި ވަގުތު ރަސްމީ ގައުމީ ޓީމެއް ނެގިފައި ނެތުމުން، ލީގުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖަހައިދޭށެވެ. އެއީ ގައުމީ ޓީމެއް ނެގެން އޮތީ ލީގު ކުރިއަށް ގޮސްގެން ކަމަށްވާތީ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލީގު ފަށަން ކުރާ މަސައްކަތުގެ ތެރެއިން ކްލަބްތަކުގެ ކުޅުންތެރިންނާއި ޓެކްނިކަލް ސްޓާފުން މިއަދު ވެކްސިން ޖަހަން ފަށާނެ ކަމަށެވެ. ބަައްސާމް ވަނީ މި ފުރުސަތު ތަނަވަސްކޮށްދެއްވީތީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް ގިނަވާތީ އެޗްޕީއޭ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލީ މި މަހު ތިން ވަނަ ދުވަހު އެވެ. ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ކުރިއަށްދާ މުބާތާތަކަށް ވީހިނދު އެ މުބާރާތް ކުރިއަށްގެންދަން ފުރުސަތު ދޭން ފުޓްބޯޅަ ކްލަބްތަކުގެ އިތުރުން ކުޅުންތެރިން ވަނީ އެޗްޕީއޭ ކައިރިން އެދިފަ އެވެ. އެކަމަކު އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި އާ އުސޫލުތަކުގެ ތެރެއިން ވެސް ދިވެހި ލީގު ފެށޭނެ ލުޔެއް ނުލިބެ އެވެ.
އަދި ފަހުން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވިދާޅުވީ ލީގު އަލުން ފަށަން ހުއްދަ ދެވެން އަދި ނެތް ކަމަށާއި ގޮތެއް ނިންމާނީ ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
އެޗްޕީއޭގެ އެންގުމާ އެއްގޮތަށް މެދުކަނޑާލަންޖެހި، ލީގު ފަށަން މިހާތަނަށް ކުރި މަސައްކަތުގައި އެކަށީގެންވާ ޖަވާބެއް ނުލިބޭތީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ވަނީ އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވައިފަ އެވެ. ރައީސް ކްލަބްތަކާ ބައްދަލުކުރަން ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު އެވެ.
މިދިޔަ އަހަރު ކޮވިޑް-19ގެ ނުރައްކާ އެންމެ ފުރަތަމަ ރާއްޖެ އަށް ބޮޑުވާން ފެށުމުން މިދިޔަ ސީޒަން ވަނީ އަވަހަށް ނިންމާލައިފަ އެވެ. އެއީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. މި ސީޒަން އެންމެ ފުރަތަމަ ޖޫން މަހު ފަށަން ތާވަލުކުރި ނަމަވެސް ފެށޭގޮތްވީ ޑިސެމްބަރު މަހުގަ އެވެ. އޮކްޓޫބަރު މަހު ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ޕްރެކްޓިސް ކުރަން ފުރުސަތު ލިބުނީ ފުޓްބޯޅަ ފަށަން އެޗްޕީއޭގެ ހުއްދަ ނުލިބޭތީ ކަންބޮޑުވުންތައް ހިފައިގެން ފުޓްބޯޅަ ކޯޗުން ރައީސްއާ ބައްދަލުކުރަން މަސައްކަތް ފަށާފައިވަނިކޮށެވެ.