ޔުނައިޓެޑް އެއްވަރުވިއިރު، އާސެނަލް މޮޅުވެއްޖެ
ޔުނައިޓެޑް އެއްވަރުވިއިރު، އާސެނަލް މޮޅުވެއްޖެ

ލަންޑަން (ފެބްރުއަރީ 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ރަށުންބޭރުގައި 1-1 އިން ވެސްޓް ބްރޮމްވިޗް އަލްބިއަންއާ އެއްވަރުވިއިރު، އާސެނަލުން އަމިއްލަ ދަނޑުގައި ޕިއޭ އެމެރިކް އޮބާމަޔަންގެ ފުރަތަމަ ލީގު ހެޓްރިކާ އެކު 4-2 އިން ލީޑްސް ޔުނައިޓެޑް އަތުން މޮޅުވެއްޖެ އެވެ.

ޔުނައިޓެޑް އެއްވަރުވިއިރު، އާސެނަލް މޮޅުވެއްޖެ
ޔުނައިޓެޑް އެއްވަރުވިއިރު، އާސެނަލް މޮޅުވެއްޖެ

ރޭގެ ޕޮއިންޓާ އެކު ޔުނައިޓެޑް ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑާއި ލެސްޓާ އަށް ވެސް 24 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަކުރާއިރު އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

"ސިޓީއާ އެންމެ ގާތުގައި އޮތީ އަހަރެމެން (ޔުނައިޓެޑް). އެހާ ފަސޭހައިން ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ދޭން ބޭނުމެއް ނޫން. އެންމެ ފަހު ވަގުތާ ޖެހެންދެން އަހަރެމެން މި ރޭހުގައި އޮވެވޭތޯ ބަލާނަން،" މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުންޏެވެ.

ވެސްޓް ބްރޮމްގެ ހޯތޯންސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 83 ސިކުންތު ތެރޭ އެ ޓީމުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ އެމްބާއޭ ޑިއާންގް އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އޭރިއާތެރެއިން ވޮލީ އަކުން ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ގޯލުންނެވެ.

ދެ ވަނަ ހާްފްގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަށް ފައުލުކުރިކަމަށް ބުނެ ރެފްރީ ޕެނަލްޓީއެއް ދޭން ނިންމި އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ނިންމުން ބަދަލުކުރި އެވެ. ވެސްޓް ބްރޮމް މޮޅުކޮށްދޭން ޑިއާންގް އަށް ލިބުނު ދެ ފުރުސަތު ނަގާލިއިރު، ޔުނައިޓެޑްގެ މޭސަން ގްރީންވުޑާއި މެގުއާ ފޮނުވާލި ބޯޅަތައް ވެސްޓް ބްރޮމްގެ ކީޕަރު ސޭމް ޖޯންސްޓޯންސް ވަނީ މަތަކޮށްފަ އެވެ.

މި ޕޮއިންޓާ އެކު ވެސްޓް ބްރޮމް ލީގުގެ 19 ވަނައިގައި އޮތީ 24 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.

އޮބާމަޔަންގެ މަންމަގެ ބަލި ހާލަތު ހުރި ގޮތުން މިދިޔަ މަހު ފަހުކޮޅުގައި އާސެނަލް ކުޅުނު މެޗުތަކުގައި އޭނާ ނުކުޅެ އެވެ. ރޭގެ މެޗުގައި ހެޓްރިކް ހެދިއިރު، މި ގޯލުތަކާ އެކު އޭނާ ވަނީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި ޖުމްލަ 200 ގޯލު ހަމަކޮށްފަ އެވެ. އާސެނަލްގެ އަނެއް ގޯލު ޖެހީ ހެކްޓަ ބެލެރިން އެވެ. ލީޑްސް ޔުނައިޓެޑްގެ ދެ ގޯލު ޖެހީ ޕަސްކާލް ސްޓްރުއިކް އާއި ހެލްޑާ ކޮސްޓާ އެވެ.

ކުޅުނު 24 މެޗުން ލިބުނު 34 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ 10 ވަނައިގަ އެވެ. ލީގުގައި ރޭ ފުލަމް އިން ވަނީ ރަށުންބޭރުގައި 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. މިއީ ފުލަމް އިން ލީގުގެ ތާރީހުގައި އެވަޓަން އަތުން އެ ޓީމުގެ ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ. އެވަޓަން އޮތީ ކުޅުނު 22 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. ފުލަމް އޮތީ ކުޅުނު 23 މެޗުން 18 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގަ އެވެ.