ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް
ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް

މިދިޔަ އޮގަސްޓު މަހުގެ ކުރީކޮޅު، ކޮވިޑް-19ގެ ދެ ވަނަ ރާޅު ރާއްޖެ އަށް ބިންދާލި އިރު، ބަލި ޖެހިގެން ކޮވިޑް ފެސިލިޓީގައި އެންމެ ގިނައިން ވެސް އެޑްމިޓް ކުރީ ދުވާލަކު 15 ވަރަކަށް މީހުންނެވެ. ގިނަ މީހުންގެ ހުންނަނީ ވެސް އާދައިގެ އަލާމާތްތަކެވެ. އެކަމަކު، ބަލިމަޑުކަމުގެ ތިން ވަނަ ރާޅު މިހާރު ކުރިމަތިވެފައިވާއިރު، ބަލިވެެގެން އެޑްމިޓް ކުރާ މީހުންގެ އަދަދު ވަނީ ދެ ގުނައަށް އުފުލިފަ އެވެ. ބަލި މީހުންގެ ހާލު ކުރިޔާ އަޅާބަލާއިރު ގޯހެވެ. އެކަށީގެންވާ ވަރަށް ސިއްހީ ހިދުމަތްތެރިން ނެތުމުން، އެންމެ ފުރިހަމަ އަޅާލުމެއް ނުލިބެ އެވެ.

ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް
ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރާ ނަރުހުން، އެތަނުގެ މިހާރުގެ ހާލަތު ސިފަ ކުރީ، ހާސްކަން ބޮޑު، ބާރުބޮޑު ތަނެއްގެ ގޮތުގަ އެވެ. ދުވާލަކު އެތައް ބަޔަކު ބަލި ވެގެން ގެންދަނީ އެވެ. އެނދުތައް ގާތްގަނޑަކަށް ފުރިފައި ހުރި އިރު، ބަލި މީހުންނަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުންނެއް، ނަރުހުންނެއް ނެތެވެ. ކުރިން އާއްމުކޮށް ބަލި ވަނީ އުމުރުން ދުވަސްވީ މީހުން ނަމަވެސް، މިހާރު ޒުވާނުންގެ ހާލު ވެސް ވަރަށް ގޯސްވެ އެވެ. ހިދުމަތް ދޭން ތިބި ނަރުހުންގެ އެންމެ ބޮޑު ހިތާމައަކީ، މީހުންގެ ހާލަތު ދަށަށް ދާއިރު، އެ މީހުންނަށް އެކަށީގެންވާ ގޮތަށް ހިދުމަތް ނުކުރެވުމެވެ.

ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް
ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް

"ވަރަށް ބިރުވެރި. މީހުން މިހާރު ޕޮޒިޓިވްވާ ރޭޓަކީ ވަރަށް ބިރުވެރި އަދަދެއް. އަދި މިހާރު މި ފެންނަނީ ވެސް ވަރަށް ސިވިއާ ކޭސްތަކެއް،" ކޮވިޑް ފެސިލިޓީ ހުޅުވީއްސުރެ މަސައްކަތް ކުރަމުން އަންނަ، އެތަނުގެ އެއް އިސް ނަރުސް، ހުނާ އިސްމާއީލް ކިޔައިދިނެވެ.

ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް
ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް

ހުނާ އާއި ދުންޔާ މުހައްމަދަކީ، ރާއްޖޭން އެންމެ ފުރަތަމަ ކޮވިޑަށް މީހަކު ޕޮޒިޓިވްވީއްސުރެ، އެ ބަލީގެ މީހުންނަށް ހިދުމަތް ކުރަމުން އަންނަ އިސް ދެ ނަރުހުންނެވެ. ކޮވިޑް ފެސިލިޓީގައި އެންމެ ގިނަ ދުވަސްވީ އެ ދެ ނަރުހުން ކިޔައިދިން ގޮތުގައި ރާއްޖެ މިހާރު މިއޮތީ ކޮވިޑްގެ ބަލިމަޑުކަމުގައި ނާޒުކު އަދި ބިރުވެރި ފައްތަރެއްގަ އެވެ. ކޮވިޑްގެ ބަލި މީހުންނަށް ހިދުމަތްދޭ އެންމެ ބޮޑު ފެސިލިޓީން އެ މީހުންނަށް ފެންނަމުން ދަނީ، ހާސްކަމާއި ބިރުވެރިކަމެވެ.

ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް
ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް

ކޮވިޑް ފެސިލިޓީ މިދިޔަ އަހަރުގެ ޖޫން މަހު ހުޅުވުމާ ހަމައަށް، ބައްޔަށް ޕޮޒިޓިވްވާ މީހުން ބޭތިއްބީ ފަރުކޮޅުފުށީގައި ހުންނަ ފެސިލިޓީގަ އެވެ. އޭރު އެތަނުގައި އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް އެޑްމިޓްކުރީ ފަސްދޮޅަހަކަށް މީހުންނެވެ. އެ މީހުންގެ ފަރާތުން ބަލީގެ މާ ބޮޑު އަލާމާތެއް ނުފެންނަ އިރު، ސިއްހީ ހިދުމަތަކަށް ބޭނުމެއް ނުވެ އެވެ. ކޮވިޑްގެ ދެ ވަނަ ރާޅުގައި އެޑްމިޓްކުރި ގިނަ މީހުންގެ ވެސް މާ ބޮޑަކަށް ބައްޔެއް ނުވެ އެވެ. އެކަމަކު ނަރުހުން ބުނި ގޮތުގައި މިހާރު ހާލަތު ވަރަށް ބޮޑަށް ތަފާތެވެ.

ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް
ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް

ތިން ބުރިއަށް ހަދާފައި ހުންނަ، 240 އެނދުގެ ކޮވިޑް ފެސިލިޓީ ފުރި، އިތުރަށް އެނދު ބަހައްޓައިފި އެވެ. ދުވާލަކު 100އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު، ކޮންމެ ދުވަހަކު 15-30 މީހުން އެތަނުގައި އެޑްމިޓް ކުރެ އެވެ. ކުރިން ހާލު ބޮޑުވަނީ އުމުރުން ދުވަސްވީ މީހުން ނަމަވެސް، އެޑްމިޓް ކުރާ މީހުންގެ ތެރޭގައި މިހާރު ގިނައީ ޒުވާނުންނެވެ. ސިއްހީ ފަރުވާއަށް އެ މީހުން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް
ކޮވިޑް ފެސިލިޓީތައް ފުރި، ނަރުހުންގެ ހިތްވަރު ކުރިޔަށް

"ޕޮޒިޓިވްވާ މީހާ ހަމަ ވަރަށް ނޯމަލްކޮށް ހުންނަނީ. ހުން އައުން ފަދަ އެއްވެސް ކަހަލަ އަލާމާތެއް ވެސް ނުފެނޭ. އެކަމަކު އެކްސްރޭ ނަގާއިރު ވަރަށް ގޯސްކޮށް ފެންނަން ހުންނަނީ،" ބަލި މީހުންގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ދުންޔާ ބުންޏެވެ.

"ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަސް އެކްސްރޭއިން ދައްކަނީ ވަރަށް ގޯސްކޮށް."

އޭނާ ބުނީ ގިނަ ބަޔަކު ބަލިވެ، ސިއްހީ ފަރުވާއަށް ބޭނުންވާއިރު އެ މީހުންނަށް ހިދުމަތް ދޭން ތިބެނީ މަދު މުވައްޒަފުންކޮޅެކެވެ. ކޮވިޑް ފެސިލިޓީގައި ތިބި ބަލި މީހުންގެ އަދަދު 240އަށް އަރާއިރު އެ މީހުންނަށް ހިދުމަތް ދޭން ތިބެނީ 70 ނަރުހުންނެވެ. ކޮންމެ 15 މީހަކަށް ނުވަތަ 20 މީހަކަށް ނަރުހެކެވެ. އެހެންވެ، ބަލި މީހުންނަށް އެންމެ ފުރިހަމައަށް ހިދުމަތެއް ނުދެވެ އެވެ. އެންމެ އަޅާލަން ބޭނުންވާ މީހުންނަށް އަޅާނުލެވޭކަން އެ ނަރުހުން ވެސް ފާހަގަ ކުރެ އެވެ.

އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުމެވެ. އޭރުން ހާލަތު އޮންނާނީ އަތް ނުފޯރާ ފަށުގައި ކަމަށް ކޮވިޑް ފެސިލިޓީގެ ނަރުހުން ދެކެ އެވެ.

"މީހުން ބަލިވާ އަދަދު އިތުރުވެއްޖެ ނަމަ، މިއަށް ވުރެ ގޯސް ހާލަތަކަށް ވެސް ހިނގައިދާނެ، ވަރަށް ނާޒުކު ހާލަތެއްގައި މިހާރު ވެސް މިއޮތީ،" ހުނާ ބުންޏެވެ.

ކޮވިޑް ފެސިލިޓީގައި ބާއްވައިގެން ފަރުވާ ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެ، އެޑްމިޓް ކުރުމުގެ ކްރައިޓީރިއާ ވެސް މިދިޔަ ހަފުތާގައި ވަނީ ބަދަލުކޮށްފަ އެވެ. ކުރިން، އެންމެ ފުރަތަމަ ފަރުވާ ދޭން ޖެހޭ މީހުންގެ ގޮތުގައި ބަލަނީ 55 އަހަރުން މަތީގެ، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑެތި ބަލިތަކުގެ މީހުންނެވެ. އެކަމަކު މިހާރު އެ އުމުރުފުރާ 65 އަށް ވަނީ ބަދަލުކޮށްފަ އެވެ.

އެ ބަދަލާއެކު، ކޮވިޑް ފެސިލިޓީގައި ފަރުވާދިން ވަރަށް ގިނަ ބަޔަކު ވަނީ، ހާލަތު ވަޒަން ކުރުމަށް ފަހު (ގޯސް ނޫން ނަމަ) ގެއަށް ބަދަލުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެ ބަދަލު ގެނައީ، ފެސިލިޓީ ފުރެން އެންމެ ހަތް އެެނދަށް މަދުވުމުންނެވެ.

"އޯވާލޯޑް ވެގެން އެބަ ދުވާލަކު 20-50 މީހުން އެބަ މިހާރު ގެއަށް ދޫކޮށްލާ. އެކަމަކު އަނެއްކާ ވެސް އެ ބެޑްތަކަށް އެހެން ބަޔަކު އެބަ ގެނޭ،" ދުންޔާ ބުންޏެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޮންމެ މީހަކަށް، ކުރިން ފަރުކޮޅުފުށި ފެސިލިޓީ އާއި ކޮވިޑް ފެސިލީޓީގައި ފަރުވާ ދިނެވެ. އޭރު އުސޫލު އޮތީ، ބަލިވާ ކޮންމެ މީހަކު އެތަނަށް ގެންދާ ގޮތަށެވެ. އެކަމަކު އެ އުސޫލު ބަދަލުކޮށް، ފެސިލިޓީގައި މިހާރު ފަރުވާ ދެނީ، މޮޑަރޭޓް އަލާމާތްތަކާއެކު ސިއްހީ ފަރުވާއަށް ބޭނުންވާ މީހުންނަށް އެކަންޏެވެ.

ތިން ބުރިއަށް ހުންނަ ކޮވިޑް ފެސިލިޓީގެ އެންމެ މަތީ ދެބައި ހާއްސަކޮށްފައި ހުންނަނީ، ސިއްހީ ފަރުވާއަށް މާބޮޑަށް ބޭނުން ނުވާ، މަދު އަލާމާތްތައް ހުންނަ މީހުންނެވެ. ފުރަތަމަ ބުރީގައި އެޑްމިޝަން ބައި ކުރި ކުރިއަށް ގެންދާއިރު އެންމެ ތިރީ ބުރީގައި ބައިތިއްބަނީ، އަބަދު ވެސް މޮނިޓަރިންއަށް ބޭނުންވާ، ހާލު ބޮޑު މީހުންނެވެ.

ކޮންމެ ދުވަހަކު ވެސް ހުރިހާ އެންމެންގެ ހާލަތު ވަޒަން ކުރާއިރު، އެނދުތައް ބަދަލު ކުރަން ޖެހެ އެވެ. ބަލި މީހާގެ ހާލު ރަނގަޅު ނަމަ ވަކި ބުރިއެއްގައި ހުންނަ ވަކި އެނދަކަށް ބަދަލު ކުރެ އެވެ. ނަރުހުން ކިޔައިދިން ގޮތުގައި، ދުވާލަކު ދެ ފަހަރު ވެސް ބައެއް މީހުން އެނދު ބަދަލު ކުރަން ޖެހެ އެވެ.

"ކޮންމެ ފަހަރަކު ވެސް ލަގެޖްތަކާއެކު މި ބަދަލުވާން ޖެހެނީ. ހާލު ރަނގަޅު ވާވަރަަކަށް، އެނދު ބަދަލުކުރާއިރު، ވަރަށް ބޮޑު ތަކުލީފެއް މިއީ ކޮންމެ މީހަކަށް ވެސް. އެކަމަކު މީހުން ބަލިވާ ރޭޓުން، މި ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް،" ހުނާ ބުންޏެވެ.

ކޮންމެ ދުވަހަކު ވެސް އެއް ފަހަރާ ގިނަ ބަޔަކު ފެސިލިޓީއަށް ގެންދާއިރު، އެ މީހުންނަށް އެނދެއްގައި އޮށޯވެވެނީ، ދެން ތިބޭ މީހުންގެ ހާލަތު ވަޒަންކޮށް، އެނދުތައް ބަދަލުކޮށް، އެ ހުސްވާ އެނދުތައް ސާފުކުރުމަށް ފަހު އެވެ. އެކަމަށް ބައެއް ފަހަރު ގަޑިއިރެއް ވެސް ހޭދަވެ އެވެ.

ނަރުހުން ބުނިގޮތުގައި ފެސިލިޓީއަށް ގެންދާ މީހުން ގިނަ އިރު ވާންދެން ގޮނޑީގައި ތިބެން ޖެހުމުން، ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އެކަމަކު ބަލި މީހުން މާގިނަ ވެފައި، ނަރުހުން މަދުވުމުން އެކަމަށް ވަގުތު ނަގަ އެވެ. އަބަދު ވެސް އެންމެ އިސްކަން ދެނީ ހާލުބޮޑެތި މީހުންނަށް ކަމަށް އެ މީހުން ބުންޏެވެ.

ދުންޔާ ބުނިގޮތުގައި ފެސިލިޓީގައި މަސައްކަތް ކުރާ ވަގުުތުތަކުގައި ނަރުހުންގެ ފޯނަށް، ގަޑިއިރަކު ތިރީހަކަށް ކޯލް އާދެ އެވެ. އެޑްމިޓްކޮށްފައިވާ ކޮންމެވެސް މީހަކު ބޭނުމެއް ޖެހިގެން ނުވަތަ ކޮންމެވެސް ފަރުވާއެއް ހޯދުމަށެވެ. ލޮލާ އެކު މުޅި ހަށިގަނޑު ނިވާވާ ގޮތަށް ހުންނަ ޕީޕީއީގައި، ތިން ބުރީގެ އިމާރާތުގައި އެކި ކޮޅުކޮޅަށް ދުވުމަކީ ފަސޭހަކަމެއް ނޫނެވެ. ޕީޕީއީ ލުމަށް ފަހު، ނުކައި، ފެން ނުބޮއި، ފާހާނާ ނުކޮށް ކޮންމެ ދުވަހަކު، 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު އެ މީހުން މަސައްކަތް ކުރެ އެވެ. ވޭތުވެ ދިޔަ އަހަރެއްހާ ދުވަހު، އެންމެ ހަފުތާއެއްހާ ދުވަހުގެ ޗުއްޓީ ނަގައިގެން ވެސް ބައެއް ނަރުހުން މަސައްކަތް ކުރި އެވެ.

"ޕީޕީއީ ލައިގެން އުޅެން މިހާރު އާދަވެފައި ހުންނަނީ. އެކަމަކު މެންޓަލީ ވަރަށް ވަރުބަލިވެއްޖެ،" ޗުއްޓީއެއް ނުލިބިގެން، އަށް މަސް ވާންދެން ތިން ދަރިންނާ ބައްދަލުނުވެ ހުރި ދުންޔާ ބުންޏެވެ.

އުސޫލެއްގެ ގޮތުން، ކޮވިޑްގެ ބަލި މީހުން 21 ދުވަސް ވާންދެން ކޮވިޑް ފެސިލިޓީގައި ބައިތިއްބަން ޖެހެ އެވެ. އެ ހުރިހާ ދުވަހަކު، އެ މީހުންނަށް ހިދުމަތް ކުރަން ތިބެނީ ނަރުހުންނެވެ. އެ މީހުން ބަލަހައްޓައި، ސިއްހީ ހިދުމަތް ފޯރުކޮށްދެމުން، އެނދުތަކަށް މީހުން ބަދަލުކޮށް، ތަން ސާފުކޮށް، ބަލި މީހުންނަށް ހޭހަން ކުރުމުގައި އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހެ އެވެ.

ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ، ވަގުތީ ގޮތުން 58 ނަރުހުން މި ދޭތެރެއިން އިއުލާން ކުރި ވެސް މެ އެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހަކު ކުރިމައްޗެއް ނުލަ އެވެ. ކޮވިޑް ފެސިލިޓީގައި މިހާރު މަސައްކަތް ކުރަނީ، ނަރުސްކަން ކިޔަވާ ދަރިވަރުންނާ އެކުގަ އެވެ. ދެން ތިބެނީ، އައިޖީއެމްއެޗާއި ހެލްތު މިނިސްޓްރީންނާއި ހުޅުމާލޭ ހޮސްޕިޓަލުން ދޫކޮށްފައި ތިބި ނަރުހުންނެވެ. އައިޖީއެމްއެޗުން އެކަނި ވެސް 47 ނަރުހުން ވަނީ ކޮވިޑް ފެސިލިޓީ އަށް ދޫކޮށްފަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ބައިތިއްބާ ކޮވިޑްގެ އެންމެ ހާލުބޮޑު ބަލި މީހުން ވެސް ބަލަހައްޓަނީ އައިޖީއެމްއެޗުގެ ނަރުހުންނެވެ.

އެހެންވެ، ސިއްހީ ހިދުމަތްތެރިންގެ ބޭނުން ހުރިހާ ތަނަކަށް ވެސް ވަނީ ބޮޑުވެފަ އެވެ.

ކޮވިޑް ފެސިލިޓީގެ އިސްވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ގިނަ ބަލިމީހުންނާއި މަދު މުވައްޒަފުންކޮޅަކާ އެކު މަސައްކަތް ކުރެވެނީ، ދުންޔާ އާއި ހުނާ ފަދަ ނަރުހުންގެ ހިތްވަރުންނެވެ. އެކަމަކު ހާލަތު މިއަށް ވުރެ ގޯސްވެއްޖެ ނަމަ، ދެން ވާނެ ގޮތެއް ބުނަން އެއިން އެކަކަށް ވެސް ނޭނގެ އެވެ.

މިއީ ސިއްހީ އޮފިޝަލުން ކުރިއްސުރެ ދެމުން އައި އިންޒާރެވެ.