ކޮވިޑް-19: ބަލިން 150 އަށް ވުރެ ގިނަ މީހުން ރަނގަޅުވެއްޖެ
ކޮވިޑް-19: ބަލިން 150 އަށް ވުރެ ގިނަ މީހުން ރަނގަޅުވެއްޖެ

ރާއްޖޭގައި އަނެއްކާވެސް ހަލުވި ކަމާއެކު، ފެތުރެން ފަށާފައިވާ ކޮވިޑް-19 އިން އިތުރު 150 އަށް ވުރެ ގިނަ މީހުން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އެ ބަލިން އިތުރު 157 މީހަކު ރަނގަޅު ވެފައިވާ ކަމަށެވެ. އެއާއެކު، ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 15،448 އަށް އެރީ އެވެ. އެކްޓިވް ކޭސްތަކުގެ މިހާރުގެ އަދަދަކީ 2،315 އެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް 3،497 ސާމްޕަލް ޓެސްޓުކުރި އެވެ. އޭގެ ތެރެއިން 112 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް އެ ބަލި މީހުންގެ ޖުމްލަ އަދަދު 17،828 އަށް އެރީ އެވެ.

އެންމެ ފަހުން ޓެސްޓުކުރި ސާމްޕަލްތަކުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން 81 މީހަކާއި އެކި ރަށްރަށުން 11 މީހަކާއި ރިސޯޓުތަކުން 14 މީހަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ފަސް މީހެއްގެ އިތުރުން ތަރައްގީކުރަމުން އަންނަ ރަށަކުން މީހެކެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިހާރު ހުރީ 193 ގަ އެވެ.