ކޮވިޑް-19: އައްޑޫގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 5 އަށް
ކޮވިޑް-19: އައްޑޫގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 5 އަށް

ކޮވިޑަށް ޕޮޒިޓިވްވެގެން އައްޑޫގައި ފަރުވާދޭ މީހުންގެ އަދަދު މިއަދު ފަހަކަށް އަރައިފި އެވެ.

އައްޑޫ ކޮވިޑް ހޮސްޕިޓަލްގައި މިއަދު އެންމެ ފަހުން ފަރުވާދޭން ފެށީ ފުވައްމުލަކަށް ގޮސް ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވެގެން އެ ސިޓީގައި ފަރުވާ ދިނުމަށް ފަހު، އައްޑު އަށް މިއަދު ފޮނުވައިލި މީހަކަށެވެ.

މިހާރު އައްޑޫގައި ކޮވިޑަށް ޕޮޒިޓިވް ވެގެން އެޑްމިޓްކޮށް، ފަރުވާދޭ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި ބިދޭސީއެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކު ވެސް ހިމެނެ އެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކުރި ކޮވިޑާ ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޭވިއޭޝަން ސެކިއުރިޓީ ކްލަސްޓާއާ ގުޅުން ހުރި، ހިތަދޫން 20 ފޭދޫން 11 އަދި މަރަދޫފޭދޫން ހަތަރު ޕޮޒިޓިވް ކޭސް ހިމެނެ އެވެ. މަރަދޫގައި މިހާތަނަށް ކޮވިޑް ޕޮޒިޓިވް ކޭސްއެއް ނެތެވެ. އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އެންމެ ފަހުގެ ޖުމުލައަކީ 60 އެވެ. ޑައިރެކްޓް ކޮންޓެކްޓުން އަދަދު 340 އަށް ވުރެ ގިނަ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮވިޑް ކްލަސްޓާ އަށް ފަހު، ދެން އައްޑޫގައި އެންމެ ގިނައީ އެމްޓީސީސީ ކްލަސްޓާ އެވެ. ހުޅުމީދޫން ބިދޭސީންތަކެއް ޕޮޒިޓިވްވި، އެ ކްލަސްޓާގައި 25 ޕޮޒިޓިވް ކޭސް ހިމެނެ އެވެ.

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެން އޮތީ މޮނީޓަރިން އަށް ލައިފަ އެވެ. މިއާ އެކު ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.