އާންމު ދެ މާއްދާއަކުން ކެންސަރުގެ ބިރު
އާންމު ދެ މާއްދާއަކުން ކެންސަރުގެ ބިރު

ޕްރޮސެސްކޮށްފައި ހުންނަ ކާނާގައި އާންމުކޮށް ބޭނުންކުރާ ދެ މާއްދާއެއްގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖެހިދާނެ ކަމަށް، މީދާ ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ކޯލޮން ކެންސަރަށް މަގު ފަހިވަނީ ޕްރޮސްކޮށްފައި ހުންނަ ބައެއް ކާނާ ތާޒާކޮށް ފެންނާނެ ގޮތް ހެދުމަށާއި އެއަށް އަޅާފައި ހުންނަ އެއްޗެހި ފޭދިގެން ދިޔަ ނުދިނުމަށް ބޭނުންކުރާ އެމަލްސިފަޔާސްގެ ސަބަބުންނެވެ.

މީދާ ބޭނުންކޮށްގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އެމަލްސިފަޔާސްގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ ދެ ވައްތަރެއް، އާދަވެގެން ހަށިގަނޑަށް އެތެރެވާ ނަމަ ގޮހޮރުގައި އިންފްލެމޭޝަން އުފައްދާ އަދި ކެންސަރު ޖައްސާ ބެކްޓީރިއާ ގިނަވެ އެވެ. މި ދެ އެމަލްސިފަޔާ އަކީ ޕޮލިސޯބްރޭޓް 80 އަދި ކާބޮކްސިމެތީލްސެލޫލޯސް އެވެ.

ކެންސަރުގައި މަރުވާ މީހުންގެ ތެރޭގައި، މުޅި ދުނިޔޭގައި ވެސް އެންމެ ގިނައީ ކޯލޮން ކެންސަރު ޖެހިގެން މަރުވާ މީހުންނެވެ. ކޯލޮން ކެންސަރު ޖެހުމަށް އެންމެ ބޮޑަށް މަގު ފަހިކުރުވަނީ ގޮހޮރުގެ މައިކްރޯބްސް ކަމަށް ހެކި ލިބޭ ފަހުގެ ދިރާސާތައް ގިނަ ކަމަށް ޖޯޖިއާ ޔުނިވަސިޓީގެ ތަޖުރިބާކާރުން ވިދާޅުވެފައިވެ އެވެ.

އާ ދިރާސާ ހެދި ޓީމުން ކުރިން ބުނެފައިވާ ގޮތުގައި ކާން ބޭނުންކުރާ ތަކެތީގައި ހުންނަ އެމަލްސިފަޔާގެ ސަބަބުން ގޮހޮރުގައި "ކުޑަކޮށް" އިންފްލެމޭޝަން އުފެދެ އެވެ. ނަމަވެސް އެމަލްސިފަޔާސްގެ ސަބަބުން ކެންސަރު ޖެހޭ ކަމަށް ކަނޑައެޅިގެން ބުނެވޭނީ މިކަމާ ބެހޭ އިތުރު ދިރާސާތަކަށް ފަހުގައި ކަމަށް ރިސާޗަރުން ބުންޏެވެ.