15 ފެބުރުއަރީ 2021 - 06:47

އެމެރިކާގެ ކަނޑުގެ ސިފައިންގެ ތެރޭ ކުރިން މަސައްކަތްކުރި މީހެއްގެ ވޮލެޓް ގެއްލުނުތާ ބައި ގަރުނަށް ވުރެ ފަހުން ލިބިއްޖެ އެވެ.

މީޑިއާތަކުން ބުނީ ނޭވީގެ މީޓިއަރޮލިޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ޕޯލް ގްރިޝަމްގެ ގެއްލުނު ވޮލެޓްގެ މަތިން ހަނދާން ވެސް ނެތިފައި ހުއްޓާ 53 އަހަރު ފަހުން މީހަކު އެ ރައްދުކޮށްދިނީ މީގެ ދެ ހަފުތާކުރިން ކަމަށެވެ.

ޕޯލް ބުނި ގޮތުގައި އޭނާ ގެންގުޅުނު ވަރަށް މުހިއްމު ގިނަ ކާޑުތަކެއް ވެސް ހުރި ވޮލެޓް ގެއްލުނީ އެންޓާޓިކާގައި 1968 ގައި ބަނދަރުކޮށްގެން ތިބި ދުވަސްވަރު އެވެ.
"ވޮލެޓުން ފެނުނު އެންމެ ހާއްސަ އެއްޗަކަށްވީ އަހަރެންގެ އައިޑީ ކާޑް. ހާދަ ޒުވާންކޮށޭ އަހަރެން ހުރީ،" ޕޯލް ހިނިގަނޑެއް ޖަހާލަމުން ސީއެންއެން އަށް ބުންޏެވެ. "މިއީ ވަރަށް ގިނަ ހަނދާންތަކެއް ގެނުވި ކަމެއް. އަހަރެންގެ އިސްތަށިގަނޑުގައި އޭރު ހުންނަނީ ގަދަ މުށި ކުލައެއް."
އޭނާ ބުނި ގޮތުގައި ވޮލެޓް ގެނެސްދިން މީހާ އަކީ އެ ގެއްލުނު ކަމަށް ބެލެވުނު ސަރަހައްދު މެކްމާޑޯ ސްޓޭޝަންގައި ހުރި ބާ އިމާރާތްތަކެއް ތަޅާލައި ސާފުކުރަން އުޅުނު މީހެކެވެ. އެ ތަނަކީ 1967-1968 ގައި ޕޯލް ދިރިއުޅުނު ހިސާބެކެވެ.
ބައި ގަރުނަށް ވުރެ ފަހުން، އުންމީދު ވެސް ނުކުރާ ކަހަލަ ގޮތަކަށް ކާޑު އަނބުރާ އަތަށް އެރި އިރު އޭގައި ޕޯލްގެ އައިޑީ ކާޑުގެ އިތުރުން ސައިކަލް ލައިސަންސް ކާޑާއި ބިޔަރު ގަންނަން ހުއްދައަކަށް ބޭނުންކުރި ކާޑުގެ އިތުރުން ވެސް މަސައްކަތުގެ ދާއިރާއާ ގުޅުން ހުރި ކާޑުތަކާއި ނިއުކްލިއާ ހަމަލާއަކާ ކުރިމަތިވެއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ އިރުޝާދު ހިމެނޭ ކާޑެއް ވެސް ހިމެނެ އެވެ.
"ނަސީބަކުން އެފަދަ ކަމަކާ ކުރިމަތިލާކަށް ނުޖެހޭ،" ފިނި ހަނގުރާމައިގެ ހަނދާތައް އާކުރަމުން ޕޯލް ބުންޏެވެ.
އެމެރިކާގެ ނޭވީ އަށް 25 އަހަރު ހިދުމަތްކޮށްފައި ޕޯލް ރިޓަޔާކުރީ 1977 ގަ އެވެ. އޭނާ މިހާރު އާއިލާއާ އެކު ދިރިއުޅެނީ ސެންޑިއޭގޯގަ އެވެ.
ގެއްލުނު ވޮލެޓް 53 އަހަރު ފަހުން ވެސް ލިބުމުން ޕޯލް އެންމެ އުފާވި ކަމަކީ ލެދަރު ވޮލެޓް އަދިވެސް ހަމަ ބޭނުންކުރެވޭ ހާލަތުގައި އޮތުމެވެ.